މުސްލިމުންގެ އެންމެ މުޤައްދަސް 2 މިސްކިތް ކަމަށްވާ މަސްޖިދު އަލް-ޙަރަމްއާއި މަސްޖިދު އައް-ނަބަވީގެ ކަންކަން ބަލެހެއްޓުމުގެ ޒިންމާ އުފުލަމުންދާ ޚާދިމް އަލް-ހަރަމައިން އައް-ޝަރީފައިންގެ އިސް މަގާމުތަކަށް 10 އަންހެނަކު ހަމަޖައްސަން ނިންމައިފިއެވެ.

މިއީ އިލްމާ ތަޖުރިބާއާއި މަސައްކަތުގެ މައިދާނުގައި ގާބިލު އަންހެނުން ބާރުވެރި ކުރުވުމަށް ސައުދީއިން ހިފާފައިވާ އަމާޒާއެކު ނިންމި ނިމުމެއް ކަމަށް ޚަބަރު ލިބެއެވެ.

ޚާދިމް އަލް-ހަރަމައިން އައް-ޝަރީފައިންގެ ރައީސް ޑރ ޢަބްދުއްރަޙްމާން އަލް-ސުދައިސްގެ އިރުޝާދަށް ނިންމެވި ނިންމުމަކީ، ޖެނެރަލް ޕްރެސިޑެންސީ ފޮރ ދި އެފެއާޒް އޮފް ޓޫ ހޯލީ މޮސްކްސްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ގައުމުގައި ތިބި، ކަމަށް ގާބިލު މީހުންގެ ބައިވެރިވުން ޝާމިލުކޮށްގެން ކުރާ އިންވެސްޓްމަންޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

އަންހެނުން އިސްކުރެވިފައިވާ ބައެއް ދާއިރާތަކަށް ބަލާއިރު، އިރުޝާދާ ލަފާ ދިނުމުގެ މުޝީރުކަމާ، ތަރައްގީގެ ދާއިރާ، އިދާރީ ދާއިރާ، ބަހުގެ ދާއިރާ، ފަންނީ ދާއިރާ، އިންޖިނޭރިންގް ދާއިރާ އަދި ސައެންސްގެ ރޮނގުން ދިރާސާތައް ކުރުމާ ބެހޭ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކިންގް ޢަބްދުޢަޒީޒު ކޮމްޕްލެކްސްގެ ޑިޕާޓްމަންޓްތަކަށްވެސް އަންހެނުން އިސްކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.