މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ލޯކަލް ޓްރާންސްމިޝަންއެއް ނުހިނގާތާ 102 ދުވަސް ފަހުން ކޭސްތަކެއް ރިޕޯޓްކުރި ނިއުޒީލަންޑުން އިތުރު 14 ކޭސް ފެނި، އަދިވެސް އިތުރު ކޭސްތަކެއް ފެނިދާނެ ކަމުގެ އިންޒާރު ދީފިއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނިއުޒީލަންޑްގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތް ޑރ އޭޝްލީ ބްލޫމްފީލްޑް ވިދާޅުވީ އަދިވެސް އިތުރު ކޭސްތައް ފެންނާނެ ކަމަށް ފުރިހަމައަށް ގަބޫލުކުރައްވާ ކަމަށެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާންގެ ވާހަކަފުޅުވެސް ހުރީ މިފަދަ ރޫހެއްގައެވެ. އެޑާން ވިދާޅުވީ، ކޮވިޑް-19ގެ މާޒީގެ ތަޖުރިބާއަށް ބަލާއިރު ކްލަސްޓާއެއް ފެންނަން ހިސާބުން އެ ކްލަސްޓާ ބޮޑުވެގެންދާ ދިއުން ކޮންޓްރޯލް ވުމުގެ ކުރިން، އަދަދުތައް އިތުރުވެގެންދާ ކަމަށާ، މި ހާލަތުގައިވެސް އެފަދަ ކަމެއް ވެދާނެ ކަމަށް ގަބޫލު ކުރަންޖެހޭ ކަމަށެވެ.

ނިއުޒީލަންޑުން އަލަށް ރިޕޯޓްކުރި ކޭސްތަކަށް ބަލާއިރު، އެންމެ ކޭހެއް ފިޔަވާ އެހެން ހުރިހާ ކޭހަކީ ލޯކަލް ޓްރާންސްމިޝަންގެ ގޮތުގައި ފާހަގަކޮށްފައިވާ ކޭސްތަކެކެވެ. އަދި އެއީ އޯކަލަންޑްއިން ފާހަގަވި 4 ކޭހަކާ ގުޅުންހުރި ކޭސްތަކެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. ބާކީ އޮތް ކޭހަކީ ފިލިޕީންސްއިން ނިއުޒީލަންޑަށް އެތެރެވެ، ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި، އައިސޮލޭޝަންގައި ހުރި އަންހެނެއް ކަމަށް ޚަބަރު ލިބެއެވެ.

13 ކޭހެގު ބައެއް ތަފްސީލުތަކަށް ބަލާއިރު، 3 ޕޭޝަންޓުންނަކީ ކޯލްޑް ސްޓޯރޭޖު ފެސިލިޓީއެއް ކަމަށްވާ އެމެރިކޯލްޑްގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. މި ތަނަކީ މީގެ ކުރިންވެސް ކޭސް ރިޕޯޓް ކޮށްފައިވާ ތަނެކެވެ. 7 ކޭހަކީ، އެމެރިކޯލްޑްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާއިލާ މެމްބަރުންނެވެ.

ޑރ ބްލޫމްފީލްޑް ވިދާޅުވީ ކިޔަވާ ކުއްޖެއްވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެ ކުއްޖާއަކީ އަންގާރަ ދުވަހު ރިޕޯޓްކުރި 4 ކޭހުގެ ގާތް ކޮންޓެކްޓެއް ކަމަށެވެ.

102 ދުވަހުގެ ރެކޯޑު ހުއްޓުމަކަށް ގެނުވި އާ ކޭސްތަކާ އެކު އޯކްލަންޑް ސަރަހައްދުގައި ވަނީ ލެވަލް 3ގެ ލޮކްޑައުން އަމުރު ތަންފީޒު ކުރަން ފަށާފައެވެ. ބުދަ ދުވަހު ގާނޫނު ހަދާ މަޖިލިސް އުވާލަން ހަމަޖެހިފައި އޮތް އޮތުމަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ އެ ގައުމުގެ އާންމު އިންތިހާބުގެ ތާރީހަށް ބަދަލެއް އަންނާނެ ކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ނިއުޒީލަންޑުން މިހާތަނަށް 1200 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، 22 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. ނިއުޒީލަންޑަކީ، ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ގިނަ ބަޔަކު މިސާލެއްގެ ގޮތުގައި ބަލަމުން އަންނަ ގައުމެކެވެ.