ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ލޯކަލް ޓްރާންސްމިޝަން ކޭހެއް ނުފެންނަތާ 102 ފާއިތުވީ ފަހުން، ނިއުޒީލަންޑްއިން މިފަދަ 4 ކޭހެއް ރެކޯޑް ކޮށްފިއެވެ.

ނިއުޒީލަންޑްގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތް ޑރ އޭޝްލީ ބްލޫމްފީލްޑް ވިދާޅުވީ، މި 4 ކޭސް ވެސް ފެނިފައިވަނީ އެއް ގޭބިސީއަކުން ކަމަށެވެ. އަދި މިއިން އެއްވެސް ކޭހަކީ ފަހުގެ ތާރީހެއްގައި ނިއުޒީލަންޑުން ބޭރަށް ދަތުރުކޮށްފައިވާ ބައެއް ނޫންކަމަށްވެސް ޑެ ބްލޫމްފީލްޑް ވަނީ ވިދާޅުވެފައެވެ.

ޑރ ބްލޫމްފީލްޑް ވިދާޅުވީ މިވަގުތަށް ތައްޔާރު ވަމުން އަންނަ ކަމަށާ، ނިއުޒީލަންޑްގެ ސިއްހީ ނިޒާމު އޮތީ މިފަދަ ކަމަކަށް ތައްޔާރުވެފައި ކަމަށެވެ.

ނިއުޒީލަންޑްގެ މަގުބޫލު ބޮޑުވަޒީރު ޖެސީންޑާ އެޑާން ވިދާޅުވީ، ކޭސްތައް ފެނުނު އޯކްލަންޑް ސަރަހައްދު ދެން އޮންނާނީ ބަލިމަޑުކަމުގެ 3 ވަނަ ގިންތީގައި ކަމަށެވެ. މިކަން ތަންފީޒު ކުރަން ފަށާނީ މާދަމާ މެންދުރުއެވެ.

ލޮކްޑައުންގެ މި އަމުރާއެކު ކޮންޓެކްޓް ޓްރޭސް ކުރުމަށް ފުރުސަތު ތަނަވަސްވެގެންދާނެއެވެ.

ނިއުޒީލަންޑްގެ އެހެން ސަރަހައްދުގައި އޮތީ ލެވަލް 2ގައެވެ.