ދަނޑުވެރިކަމަށް ބޭނުންވާ ގަސް ކަނާ އުފެއްދުމުން ފެށިގެން ގޮސް ގޮވާތަކެތި އުފެއްދުމަށްވެސް ބޭނުންކުރާ ކެމިކަލް ކޮމްޕައުންޑެއް ކަމަށްވާ އެމޯނިއަމް ނައިޓްރޭޓްގެ ބޮޑު ޝިޕްމަންޓެއް ގަވައިދާ ހިލާފަށް ގުދަންކޮށްފައި ހުރި ތަނެއް ގޮވާ، ލުބްނާންގެ ވެރިރަށް ބެއިރޫތު ގެ ބައެއް ސުންނާފަތި ކޮށްލި ހިތާމަވެރި ހާދިސާއެކު، ދުނިޔޭގެ އެކި ހިސާބުތަކުގައި މި މާއްދާ ދެން ރައްކާ ކޮށްފައި ހުރީ ކޮންކޮން ތާކުތޯ ބެލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ.

އެމޯނިއަމް ނައިޓްރޭޓް ރައްކާ ކުރުމަށް ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަންޖެހެއެވެ. އަދި މި މާއްދާ ރައްކާކޮށްފައި ބެހެއްޓެނީވެސް ވަކި މުއްދަތަކަށެވެ. މިއީ ހަތިޔާރުގެ ގޮތުގައި ބޭނުން ކުރާ ގޮވާތަކެތި (ބޮން) އުފެއްދުމަށްވެސް ބޭނުން ކުރެވިދާނެ މާއްދާއެއް ކަމުން، އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުންނަ ގުދަންތަކުގެ ތަފްސީލީ ވަނަވަރުތައް ގިނަ ފަހަރު އޮންނަނީ ސިއްރު ކޮށްފައެވެ.

އެމޯނިއަމް ނައިޓްރޭޓް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ހޭލޯޔޫތު

އިންޑިއާ

އިންޑިއާގެ އެންމެ ބައިބޯ އެއް ސަރަހައްދު ކަމަށްވާ ޗެންނާއީގެ ރަށް ބޭރުން 20 ކިލޯމީޓަރު ދުރުން އޮންނަ ސަރަހައްދެއްގައި، އާންމުން ދިރިއުޅޭ ސަރަހައްދާ ގާތްގަނޑަކަށް އެންމެ 700 މީޓަރު ދުރުން 37 ކޮންޓޭނަރުގައި އެމޯނިއަމް ނައިޓްރޭޓް ރައްކާ ކޮށްފައި ހުއްޓެވެ. މިދައްކަނީ ގާތްގަނޑަކަށް 740 ޓަނުގެ ވާހަކައެވެ.

ޓެމިލް ނާޑޫ ސްޓޭޓްގެ ކަމާ ބެހޭ ފަރާތްތަކުން މިކަމާ ދެކޮޅަށް 5 އަހަރު ވަންދެން ގާނޫނީ ހަނގުރާމައެއްވެސް ކުރިއެވެ. ދެކުނު ކޮރެއާއިން 2015 ވަނަ އަހަރު އެ މާއްދާ އިމްޕޯޓް ކުރި ކުންފުންޏާ ދެކޮޅަށެވެ. އެ ކުންފުނިން މި ޝިޕްމަންޓް އެތެރެކޮށްފައި އޮތީ ދަނޑުވެރިކަމުގެ ބޭނުކަމަށް ކަމަށް ބުނެއެވެ.

މި ޝިޕްމަންޓަށް ކަސްޓަމްސް ކްލިއަރަންސް ދިނުމަށްވެސް ދެކޮޅު ހެދިއެވެ. ފަހުން ހިންގި ތަހުގީގުތަކުން އެނގުނު ގޮތުގައި، ކުންފުނިން މި ޝިޕްމަންޓް އެތެރެކުރީ ވަގު ލައިސަންސެއް ބޭނުންކޮށްގެންނެވެ. އެކުންފުނިން މި ޝިޕްމަންޓް ވިއްކަމުން ދިޔައީ ކޮން ބައެއްކަންވެސް ނޭނގޭ އަމިއްލަ ފަރުދުންނަށާ، މީގެ ކުރިން މައިން ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ކުންފުނިތަކަށެވެ. 2015 ވަނަ އަހަރު ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި މި ޝިޕްމަންޓްއިން ބައެއް ހަލާކުވެ، އުކާލަންޖެހުނެވެ.

އިންޑިއާގެ ބަނދަރެއްގައި މުދާ ބަރު ކުރަނީ/ފޮޓޯ: އެޗްސީއައި

ބާކީ ހުރި ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ގެ ސްޓޮކް ނީލަން ކިއުމަށްފަހު، މިހާރު ވަނީ ޖެހިގެން އޮތް ތަލަންގާނާ ސްޓޭޓަށް ބަދަލުކޮށްފައެވެ.

ޔަމަނު

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުގެ ދެކުނު ގެ ބަނދަރު ސަރަހައްދުގައި އެމޯނިއަމް ނައިޓްރޭޓްގެ 130 ކޮންޓޭނަރު އެބަހުރި ކަމަށް ފެންމަތިވި ވާހަކަތަކާއެކު، ޔަމަނުގެ އެޓާނީ ޖެނެރަލް ވަނީ މިކަން ތަހުގީގު ކުރުމަށް އަމުރެއް ނެރުއްވާފައެވެ.

ބުނެވޭ ގޮތުގައި މިޝިޕްމަންޓް ޔަމަނަށް އެތެރެވީ މީގެ 3 އަހަރު ކުރިންނެވެ. އަދި މި ޝިޕްމަންޓު ހުއްޓުވާ، އެއަށް ނުފޫޒު ފޯރުވަމުންދަނީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރަށް، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު އެއްބާރުލުންދޭ ފައުޖުތަކުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޔަމަނު ހަނގުރާމައަށް 5 އަހަރުވީއިރު އެ ގައުމުގެ ބޮޑު ސަރަހައްދެއް ވަނީ ސުންނާފަތިވެފަ/ފޮޓޯ: އޭޕީ

ބަނދަރު ސަރަހައްދުގެ ގަވަރުނަރު ތޯރިގު ސަލާމް ވިދާލުވީ 4900 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރި ކަމުގެ ޒިންމާ އުފުލަންޖެހޭނީ އެ ސަރަހައްދުގައި ރުކުރުވާލާފައިވާ ފައުޖުތަކުން ކަމަށެވެ. ކަންމިހެން އޮތްއިރު، ސަރުކާރުން ބަލަހައްޓަމުން އަންނަ ޔަމަން ގަލްފް އޮފް އޭޑަން ޕޯޓްސް ކޮމިޝަނުން ބުނީ، މި ސަރަހައްދުގައި ރައްކާ ކޮށްފައިވަނީ ދަނޑުވެރިކަމުގައި ގަހުކާނާގެ ގޮތުގައި ބޭނުންކުރުމަށް ގުދަންކޮށްފައިވާ އޯގޭނިކް ޔޫރިއާ ކަމަށެވެ.

އިރާގު

އިރާގު ސަރުކާރުންވެސް ވަނީ ކަނޑާ، ވައިގެ ބަނދަރުތަކުގައި ނުރައްކާތެރި މާއްދާތައް ގުދަން ކޮށްފައި ވޭތޯ ބެލުމަށް އަމުރެއް ނެރެ ތަހުގީގެއް ހިންގާފައެވެ. މި ހޯދުންތަކުން ފެނުނީ، ބަގުދާދު އިންޓަނޭޝަނަލް އެއާޕޯޓްގައި އެމޯނިއަމް ނައިޓްރޭޓް ރައްކާ ކޮށްފައި ހުއްޓާ ކަމަށް ޚަބަރު ލިބެއެވެ.

އީރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމަށް އެމެރިކާއިން ހަމަލާ ދިން އިރާގުގެ ވައިގެ ބަނދަރު ސަރަހައްދުގައި އެއްޗެއް ރޯވެ އަނދަނީ/ފޮޓޯ: ރޮއިޓާޒް

އޯގަސްޓް 9 ވަނަ ދުވަހު އިރާގުގެ މިލިޓަރީ އިންޖިނޭރިންގް ޑައިރެކްޓަރޭޓްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ނުރައްކާތެރި މާއްދާ، ގުދަން ކުރަންޖެހޭ ގުދަންތަކަށް މިހާރު ބަދަލު ކޮށްފައި ވާކަމަށެވެ.

އޮސްޓްރޭލިއާ

ބެއިރޫތު ސުންނާފަތި ކޮށްލި ވަރުގަދަ ގޮވުން ގޮވުމުގެ ކުރިންވެސް، އެމޯނިއަމް ނައިޓްރޭޓްގެ ޝިޕްމަންޓް އެހެން ސަރަހައްދަކަށް ބަދަލު ކޮށްދިނުމަށް ނުވަތަ ސްޓޮކް މަދުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދެމުންދިޔަ އެއް ބަޔަކީ އޮސްޓްރޭލިއާގެ ނިއު ސައުތް ވޭލްސްގެ ނިއުކާސަލް ސަރަހައްދުގައި ދިރިއުޅެމުންދިޔަ މީހުންނެވެ.

ނަމަވެސް ޝިޕްމަންޓްގެ ވެރި ފަރާތް ކަމަށްވާ އޯރީކާ ކުންފުނިން ބުނީ މި މާއްދާ ގުދަން ކޮށްފައިވާނީ ރައްކާތެރިކަމާއެކުގައި ކަމަށެވެ. ގުދަން ކޮށްފައިވާނީ އަލިފާން ނުހިފާ ޒާތު ތަނެއްގައި ކަމަށާ، އެ ތަން ބިނާ ކޮށްފައިވަނީ އަލިފާން ނުހިފާ ޒާތުގެ ތަކެތި ބޭނުންކޮށްގެން ކަމަށެވެ.

ސޭފްވޯލް ސައުތް އޮސްޓްރޭލިއާއިން ބުނާ ގޮތުގައި އެ ސަރަހައްދުގައި ވަރަށް ގާތުން މޮނިޓާ ކުރެވޭ 170 ލޮކޭޝަނެއްގައި އެމޯނިއަމް ނައިޓްރޭޓް ރައްކާ ކޮށްފައި އެބަހުއްޓެވެ.

ލުބްނާނުގައި މިއަދު ގޮވި ގޮވުންތަކާއެކު ދުން ބޯވެފަ/ފޮޓޯ: އިސާމް ޢަބްދުﷲ

އެކި ބޭނުންތަކަށް އެމޯނިއަމް ނައިޓްރޭޓް ކެމިކަލް ކޮމްޕައުންޑް ބޭނުން ކުރާއިރު، މުޅި ދުނިޔެ ސިއްސުވާލި ބެއިރޫތު ހާދިސާއާއިއެކު ބައެއް ކުންފުނި ތަކުން ދަނީ މި ވިޔަފާރިގައި ޝާމިލުވުމާ މެދު ދެވަނަ ވިސްނުމެއް ހިޔާރު ކުރަމުންނެވެ.