ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް މުޅި ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ވެކްސިނެއް ރަސްމީ ކޮށް ރެޖިސްޓްރީކޮށް، އިންސާނެއްގެ ގަޔަށް ޖަހައިފިއެވެ.

މި ކާމިޔާބީ ހާސިލުކުރީ ރަޝިއާއިން ކަމަށް ވާއިރު، މިކަން ރަސްމީކޮށް އިއުލާން ކޮށްދެއްވީ އެ ގައުމުގެ ރައީސް ވްލޭޑްމިއާ ޕޫޓިންއެވެ.

ރަޝިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ރަޖިސްޓްރީކުރި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައި ވަނީ ޕޫޓިންގެ ދަރިކަނބަލަކަށެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް، ތާރީހު ނުދެކޭ ހަލުވި ދުވެއްޔެއްގައި ކުރިއަށްދާއިރު، އާންމުކޮށް، ފުޅާ ދާއިރާއެއްގައި ވެކްސިން ދިނުމުގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެށިގެންދާނެ ކަން ރަޝިއާއިން އިއުލާން ކުރީ މި މަސް ފެށުނުތާ ކައިރީގައެވެ.

ކަންމިހެން އޮތްއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ، ވެކްސިނެއް އާންމު އުސޫލުން އިންސާނުންނަށް ދޭން ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފުރިހަމަ މަރުހަލާއެއް ފުރިހަމަ ކޮށް ނިންމުމަށް ރަޝިއާއަށް ގޮވާލާފައެވެ.