ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމުގެ މަގާމު ކަށަވަރު ކުރުމަށް އެކި ގޮތް ގޮތުން ކުރިމަތިލުމަކަށް ގޮސްފައިވާ އެމެރިކާއާއި ޗައިނާގެ "ހަނގުރާމައިގެ" ތެރެއިން، އެމެރިކާގެ އޮފިޝަލުންތަކަކާ ދެކޮޅަށް ޗައިނާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާގެ 11 އޮފިޝަލަކާ ދެކޮޅަށް ޗައިނާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ، ޗައިނާގެ އިދާރީ ދާއިރާއެއްގެ ގޮތުގައި އެ ގައުމުން ބަލަމުން އަންނަ ހޮންގްކޮންގްގެ މިނިވަން ކަމަށް ކުރާ ދައުވާގައި ހޮންގްކޮންގްއާއި އެއްކޮޅަށް އެމެރިކާއިން ނިންމަމުންދާ ނިންމުންތަކާ ގުޅިގެންނެވެ.

ޗައިނާއިން ދަތި ކުރުމުގެ ފިޔަވަޅު އެޅި އޮފިޝަލުންގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 6 މެމްބަރަކުވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ހޮންގްކޮންގްގެ ޗީފް އެގްޒެކެޓިވް ކެރީ ލާމްއާއި، ޗައިނާއާއި ހޮންގްކޮންގްގެ އިތުރު 10 އޮފިޝަލަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅީ މިދިޔަ ހުކުރު ދުވަހުއެވެ. މި ފިޔަވަޅުތަކަކީ، ހޮންގްކޮންގްގެ މިނިވަންކަމަށް ކުރަމުންދާ މުޒާހަރާތަކާ ދެކޮޅަށް އެ އޮފިޝަލުން ހަރަކާތްތެރިވެވަޑައިގަންނަވާތީ އެމެރިކާއިން އެޅި ފިޔަވަޅުތަކެކެވެ.

ހޮންގްކޮންގްގެ ޕޮލީޓެކްނިކް ޔުނިވާސިޓީގައި މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކުގެ ތެރެއިން/ފޮޓޯ: ކިން ޗެއުންގް

މިކަމާ ގުޅިގެން އެމެރިކާގެ އޮފިޝަލުންނާ ދެކޮޅަށް ޗައިނާއިން ފިޔަވަޅު އަޅާފައިވާއިރު، ހާރިޖީ ވުޒާރާގެ ތަރުޖަމާނު ޝާއޯ ލީޖިއާން ވިދާޅުވީ، އެމެރިކާއިން ހުކުރު ދުވަހު އެޅި ފިޔަވަޅަކީ ހޮންގްކޮންގާ ޗައިނާގެ ދާހިލީ މަސްރަހާ "ބެހުން" ކަމަށެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ހިލާފު ކަމެއް ކަމަށާ، ހަމަ އެހެންމެ، މިއީ ބައިނަލްއަގުވާމީ ގުޅުންތަކުގެ އަސާސީ ނިޒާމުންވެސް ބޭރު އަމަލެއް ކަމަށް ޝާއޯ ވަނީ ސިފަކުރައްވާފައެވެ.

އެމެރިކާއިން ޗައިނާއާއި ދެކޮޅަށް މިފަހަކަށް އައިސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައިވަނީ، ހޮންގްކޮންގަށް ލިބިދީފައިވާ މިނިވަންކަމަށް ހިޔަނި އެޅޭ ގޮތަށް، ޖޫން 30 ވަނަ ދުވަހު ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ.