ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނު (އެންއައިސީ)ގެ ރައީސް އަހުމަދު ސުލައިމާން މަގާމުން ވަކިކޮށްފިއެވެ.

ސުލައިމާން އެކޮމިޝަނުން ވަކި ކުރުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރި ރިޕޯޓުގައި ނިންމާފައި ވަނީ ސުލައިމާންގެ އިތުރަށް އެ ކޮމިޝަނުގައި ދެން ތިއްބެވި ތިން މެމްބަރުން ވެސް ވަކިކުރާށެެވެ. އެހެންނަމަވެސް އެ ތިން މެމްބަރުން ވަކިކުރުމުގެ ކުރިން އެބޭފުޅުން ވަނީ އަމިއްލަފުޅާށް އިސްތިއުފާ ދެއްވާފައެވެ. އެއީ ނާއިބު ރައީސް ހައްސާން ހަމީދާއި އެންއައިސީގެ މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީންނެވެ.

ސުލައިމާން ވަކި ކުރަން ލަފާ އެރުވުމަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވި 58 މެމްބަރުންގެ ތާއީދާއެކުއެވެ. ސުލައިމާން ވަކިކުރަން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަޖިލީހުން ލަފާ އަރުވާފައި ވަނީ ޖުލައި 21ގަ އެވެ.

ސުލައިމާން އެންއައިސީގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވީ 2018ވަނަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ. އޭނާ އަކީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސެވެ.

އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެ ކަން ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި 2008 ގައި އުފެއްދި އެ ކޮމިޝަން، އެންއައިސީގެ ނަމަށް ބަދަލު ކޮށްފައިވަނީ 2016ގައެވެ.