ކީރިތި ޤުރުއާންގެ ކަލިމަތައް ލިޔެފައިވާ މުޞްޙަފުތަކުގެ ތެރެއިން އެންމެ އާންމު އަދި އެންމެ މަގުބޫލު އެއް މުޞްޙަފުގެ ގޮތުގައި ސިފަކުރަމުން އަންނަ، މުޞްޙަފު އަލް-މަދީނާ، އޭނާގެ އަތުލިޔުމުން ލިޔުއްވި މަޝްހޫރު ކެލިގްރާފާ އުސްމާން ތޯހާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މުސްލިމުންގެ މުޤައްދަސް ބިނާތަކާ ބެހޭ އެންމެ ފަހުގެ ޚަބަރު ގެނެސްދޭ ސައުދީ އަރަބިއްޔާގެ ޓްވިޓާ ހެންޑްލް 'ހަރަމައިން ޝަރީފައިން' އިން ރޭގެ ވަގުތެއްގައި ކުރި ޓްވީޓެއްގައެވެ. ތޯހާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ ކޮން ސަބަބަކާ ހެދި ކަމެއް ތަފްސީލުކޮށްދީފައެއް ނުވެއެވެ.
މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ދަނީ ތޯހާއަށް އަވަސް ޝިފާއަކަށް އެދި ދުއާކޮށް، ޝުއޫރު ފާޅު ކުރަމުންނެވެ. މީގެ ތެރޭގައި، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައްމޫން ޢަބްދުލްޤައްޔޫމްވެސް ހިމެނިވަޑައިގަންނަވައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ތޯހާގެ އަތު ލިޔުމުން ލިޔެފައިވާ މުޞްޙަފުގެ ކޮޕީތައް ގެންގުޅެއެވެ. މި މުޞްޙަފު ނެތް ގެއެއް ނުވަތަ ނުދެކޭ މީހަކު ވަރަށް މަދުވާނެއެވެ.
މީލާދީން 1934 ވަނަ އަހަރު، ސޫރިޔާގެ ޙަލަބަށް އުފަންވި ތޯހާއަކީ އަރަބި އަތުލިޔުމުގެ ރޮނގުން ބައިނަލްއަގުވާމީ ސަމާލުކަން ހޯދާފައިވާ ފަންނުވެރި ޝަހްސެކެވެ. ވަރަށް ޅަ އުމުރެއްގައި ކެލިގްރަފީއަށް ޝައުގުވެރިކަން އުފެދުނު ތޯހާވަނީ ދުނިޔެ ދުށް މަޝްހޫރު ކެލިގްރާފަރުންނާ ބައްދަލު ކުރައްވާ، ސަނަދު ހާސިލުކުރައްވާފައެވެ. ތޯހާ ވަނީ ދިމިޝްކުގެ ޔުނިވާސިޓީއިން، ޝަރީއާގެ ރޮނގުން ބެޗެލާޒް ޑިގްރީވެސް ހާސިލުކުރައްވާފައެވެ.
ތޯހާ އެންމެ ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާންގެ ކަލިމަތައް ނަކަލުކޮށް އަތުލިޔުމުން ލިޔެ މުޞްޙަފެއް ތައްޔާރުކުރެއްވީ 3 އަހަރު ދުވަހުންނެވެ. އެއީ 1970ގައެވެ. އޭނާ ވަނީ ޖުމުލަ 10 މުޞްޙަފެއް ލިޔުއްވާފައެވެ. މީގެ ތެރެއިންވެސް އެންމެ ހާއްސަ މަސައްކަތް ތޯހާއާއި ހަވާލު ކުރެވުނީ 1988 ގައެވެ. އެއީ ކިންގް ފަހަދު ކޮމްޕްލެކްސްއިން ޝާއިއުކޮށްފައިވާ މުޞްޙަފު އަލް-މަދީނާގެ މަސައްކަތެވެ. މި މުޞްޙަފަކީ ޙައްޖުގެ އަޅުކަމަށް ސައުދީ އަށް ޒިޔާރަތް ކުރާ އެތައް މިލިއަން މުސްލިމުންނަށް، ހިލޭ ބަހާ މުޞްޙަފެކެވެ.