އެ ބަލިން ދިފާއުވާނެ ވެކްސިނެއް އަދި އެ ބަލި ޖެހުމުން ދޭނެ ވަކި ފަރުވާއެއް އަދިވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ލޯކަލް ޓްރާންސްމިޝަންއެއް ނުވަތަ އާބާދީގެ މެދުގައި އެކެއްގެ ގައިން އަނެއްކެއްގެ ގަޔަށް ބަލި ވާރުތަ ކޮށްފައި ނުވާތާ މިއަދަށް 100 ދުވަސް ހަމަވެއްޖެއެވެ.

ނިއުޒީލަންޑަކީ ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ކާމިޔާބު ހޯދުމުގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ގައުމެކެވެ.

ނިއުޒީލަންޑްގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި 1219 ޕޭޝަންޓުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަށް ޝިފާ ލިބި، ބަލިން ރަނގަޅުވެފައިވާކަމަށެވެ.

ނިއުޒީލަންޑްގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ އެންމެ 23 ޕޭޝަންޓުންނަށް ކަމަށް މައުލޫމާތު ލިބެއެވެ.

ނިއުޒީލަންޑްގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތް ޑރ އޭޝްލީ ބްލޫމްފީލްޑް ވިދާޅުވީ، ކޮމިއުނިޓީ ޓްރާންސްމިޝަންއެއް ނުހިނގާތާ 100 ދުވަސް ވުމަކީ ހާސިލުވި ބޮޑު ކުރިއެރުމެއް ކަމަށެވެ. ބްލޫމްފީލްޑް ވިދާޅުވީ، ދުނިޔޭގެ އެހެން ހިސާބުތަކުގައި ކަން ހިނގަމުންދާ ގޮތަށް ބަލާއިރު ބަލި ކޮންޓްރޯލް ވުމަށް ފަހުވެސް އަލުން ހުޅުގަނޑުން ފަޅައިގެންދާ މަންޒަރު ފެންނަ ކަމަށާ، ނިއުޒީލަންޑްގައިވެސް މިފަދަ ކަމެއް ހިނގާފާނެ ކަމަށްޓަކައި ތައްޔާރަށް ތިބެންޖެހޭ ކަމަށެވެ.

ކޮވިޑް-19އާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޓީމު "އިނދަޖައްސާ" ނުލުމަށާ، އެއީ ނިއުޒީލަންޑަށް އެކަމުގެ އަދާ ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށްވެސް އެގައުމުގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތް ޑރ އޭޝްލީ ބްލޫމްފީލްޑް ވަނީ ވިދާޅުވެފައެވެ.