މިވަގުތު އައިސީޔޫގައި 9 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިވަގުތު ނުވަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި އެއީ ޑީއެޗް11 ގައި ދެމީހުންނާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހަތް މީހަކު ކަމަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. މިވަގުތު ވޯޑުގައި 135 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

މިއަދު ރާއްޖެއިން 129 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 128 މީހުން ޕޮޒިޓިވެ ވެފައި ވަނީ މާލެއިންނެވެ. އަދި އަތޮޅުތެރެއިން އެކަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދު 37 މީހަކު ވަނީ އެބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ ކޭސް 12 ރަށަކުން ފެނިފައި ވެއެވެ. އެއީ ހއ. ކެލާ، ހއ. ހިގަވަންދޫ، ހއ. ފިއްލަދޫ، ހދ. ނާވައިދޫ، ބ، ކުޑަރިކިލު، ބ.ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު، ޅ.ހިންނަވަރު، ކ. މާފުށި، ވ.ފުލިދޫ އަދި ފުވައްމުލަކު ސިޓީއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 4898 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 5 ބިދޭސީންނެވެ. 13 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.