ކުޑަކުދިން އެކި ކަހަލަ ކުށްތަކަށް އަރައިގެން 2128 މައްސަލަ ފެންމަތިވެފައިވާ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނެފިއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2010 އިން 2019 އަށް ކުޑަކުދިން އެކި ކަހަލަ ކުށްތަކަށް އަރައިގެން ޖުމްލަ 2128 މައްސަލަ އެއް ހުށަހެޅިފައި ވެއެވެ.

އޭގެ ތެރެއިން 1929 ފިރިހެން ކުދިންނާއި އަދި 199 އަންހެން ކުދިން ހިމެނޭ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވަނީ ބުނެފައެވެ.

ޖުވެނައިލް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް:

  • 2019:- ފިރިހެން:291، އަންހެން:21
  • 2018:- ފިރިހެން:327، އަންހެން:22
  • 2017:- ފިރިހެން:363، އަންހެން:42
  • 2016:- ފިރިހެން:299، އަންހެން:20
  • 2015:- ފިރިހެން:175، އަންހެން:35
  • 2014:- ފިރިހެން:150، އަންހެން:17
  • 2013:- ފިރިހެން:91، އަންހެން:14
  • 2012:- ފިރިހެން:124، އަންހެން:19
  • 2011:- ފިރިހެން:82، އަންހެން:7
  • 2010:- ފިރިހެން:27، އަންހެން:2

މި ދިހަ އަހަރުގެ ތެރޭގައި އެންމެ ގިނައިން ކުށަށް އަރައިގަނެފައި ވަނީ 2017 ގައެވެ. އެގޮތުން އެ އަހަރު 363 ފިރިހެން ކުދިން އަދި 42 އަންހެން ކުދިން ވަނީ ކުށަށް އަރައިގަނެފައެވެ. އަދި އެންމެ މަދުން ކުށަށް އަރައިގަނެފައި ވަނީ 2010 ވަނަ އަހަރުއެވެ. އެއީ 27 ފިރިހެން ކުދިންނާއި 2 އަންހެން ކުދިންނެވެ.

މިދިޔަ ތިން އަހަރާ އަޅާ ބަލާއިރު 2017 އަށް ވުރެ 2018 އަދި 2019 ގައި ކުށް ކުރާ ކުދިންގެ މިންވަރު އަންނަނީ މަދުވަމުންނެވެ.

ކުޑަކުދިން ކުށްކޮއްގެން އެންމެ ގިނައިން ހުށަހެޅިފައި ވަނީ މާރަމާރީ ހިންގުމާއި އަދި މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް މީގެ ކުރިން ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ހާއްސަ އިސްލާހީ މަރުކަޒުތަކެއް ހަދަން ލާޒިމު ކުރާ ކުޑަކުދިންގެ އަދުލުގެ ގާނޫނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މި ގާނޫނުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ޖިނާއީ ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްޗަށް އަމަލުކުރަން ޖެހޭނެ ގޮތްތަކެވެ. އެގޮތުން ކުރުމުއްދަތަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭން ޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަން ޖެހޭ ކުދިން ބޭތިއްބުމަށް ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ގާއިމުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ގޮތުގައި ދެވައްތަރެއްގެ މަރުކަޒެއް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. މީގެތެރެއިން އެއް ވައްތަރުގެ މަރުކަޒަކީ ޖުވެނައިލް ޑިޓެންޝަން ސެންޓަރެވެ. އެ ސެންޓަރުގައި ބައިތިއްބަން ޖެހެނީ ދިގު މުއްދަތަކަށް ބަންދު ކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ނުރައްކާތެރި ކުށް ކުރާ ކުދިން ފިޔަވައި އެހެން ކުދިން ބޭތިއްބުމަށް ހާއްސަ ކުރެވޭ މަރުކަޒުތަކެވެ.

އަނެއް ވައްތަރުގެ މަރުކަޒަކީ ލޯންގް ޓާމް ސެކިއޯ ފެސިލިޓީއެވެ. މިއީ ދިގުމުއްދަތަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން މުޖުތަމައާ އެކަހެރިކޮށް ބަހައްޓަންޖެހޭނަމަ ބަހައްޓަން ޖެހޭ މަރުކަޒެވެ.

މީގެއިތުރުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންނަށް ހާއްސަ ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއް ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ގާއިމުކުރަން ވާނެ ކަމަށްވެސް ވަނީ ގާނޫނުގައި ބުނެފައެވެ. މިފަދަ މަރުކަޒުތަކުގައި ކުޑަކުދިން ބަހައްޓަން ޖެހޭނީ ފަހު ފިޔަވަޅެއްގެ ގޮތުގައެވެ.