ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިފައިވާ މީހުންގެ ތެރެއިން ހަށިގަނޑުގެ ބޭރު ފުށުން އަލާމާތް ނުފެންނަ (އެސިމްޓޮމެޓިކް) ޕޭޝަންޓުންނަކީވެސް، އެނޫން (ސިމްޓޮމެޓިކް) ޕޭޝަންޓުންނާ އެއްވަރަކަށް ވައިރަސް އުފުލާ ބައެއް ކަމަށް ދެކުނު ކޮރެއާގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ދެކުނު ކޮރެއާއަކީ ކޮވިޑް-19ގެ ޕޭޝަންޓުންގެ ތެރެއިން އެސިމްޓޮމެޓިކް ޕޭޝަންޓުން ދުރާލާ ދެނެގަތް ގައުމެކެވެ. ދެކުނު ކޮރެއާއިންވަނީ ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިޔަ ޓެސްޓު ކުރުމުގެ އޮޕަރޭޝަންތަކުގެ ތެރެއިން، މިކަމުގައި ކާމިޔާބީތަކެއްވެސް ހާސިލުކޮށްފައެވެ.

އެސިމްޓޮމެޓިކް ޕޭޝަންޓުންނަކީ ސިމްޓޮމެޓިކް ޕޭޝަންޓުންނާ އެއްވަރަކަށް ވައިރަސް އުފުލާ ބައެއް ކަމުގައި ދިރާސާއިން ދެއްކި ނަމަވެސް، އެސިމްޓޮމެޓިކް މީހުންގެ ފަރާތުން އިތުރު ބަޔަކަށް ވައިރަސް ފެތުރެނީ ކިހާ މިންވަރަކަށް ކަމެއް ދިރާސާ ޓީމަށް ހޯދިފައެއް ނުވެއެވެ.

ދިރާސާގެ އިތުރު ހޯދުމަކަށް ބަލާއިރު، އެސިމްޓޮމެޓިކް މީހުންގެ ހަށިގަނޑުން ވައިރަހުގެ އަސަރު ފިލައިގެން ދަނީ އެނޫން މީހުންނަށްވުރެ އަވަހަށްކަން ފާހަގަކޮށްފައިވެއެވެ. އެވަރޭޖު މުއްދަތަކަށް ބަލާއިރު އެސިމްޓޮމެޓިކް ޕޭޝަންޓުންގެ ހަށިގަނޑުން ވައިރަސް ނެތި ދިއުމަށް 17 ވަރަކަށް ދުވަސް ނަގާއިރު، ސިމްޓޮމެޓިކް މީހުންގެ ހަށިގަނޑުން ވައިރަސް ނެތިދަނީ 19.5 ދުވަހުން ކަމަށް ބަޔާންކޮށްފައިވެއެވެ.

ވައިރަހުގެ އަސަރު ކޮށްފައިވާ މީހެއްގެ ހަށިގަނޑުން އެހެން މީހަކަށް ވައިރަސް ފެތުރުމުގައި ހިއްސާވާ ކަންތައްތަކެއް ހުރެއެވެ. އެގޮތުން އިންފެކްޓްވެފައިވާ މީހާ ނޭވާލާ އަވަސް މިނާ، ފުން މިނަކީ މިކަމުގައި ހިއްސާ އޮންނަ ކަމެއް ކަމަށާ، މީގެ އިތުރުން، އިންފެކްޓް ވެފައިވާ މީހަކާ އެކީ އެއްތާ ހޭދަވީ ވަގުތާ، އެ ވަގުތު ހޭދަކުރީ ބެދިފައިވާ ތަނެއްގައި ކަމުގައި ވުން ފަދަ ކަންކަމަކީވެސް މިކަމުގައި ހިއްސާ އޮންނަ ކަންތައްތަކެއް ކަމަށް ޔުނިވަސިޓީ އޮފް ބާތްގެ އިންފެކްޝަން ބައޮލޮޖިސްޓެއް ކަމަށްވާ ޑރ އެންޑްރޫ ޕްރެސްޓަން ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19އަށް ޓެސްޓު ކުރުން ކުރިއަށް ދާ ގޮތަށް ބަލާއިރު، ގިނައިން ޓެސްޓު ކުރަނީ ބަލީގެ އަލާމާތްތައް ފެންނަ މީހުންނެވެ.