ސައުދީ އަރަބިއްޔާގެ ވެރިރަށް ޖިއްދާގެ އަލް-ސުލައިމާނިއްޔާ އަވަށުގައި ރޭ ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް، މިހާރު ނިއްވާލާފައިވާކަމަށް ސައުދީގެ ތަރުޖަމާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހަރަމައިން ހައި-ސްޕީޑް ރޭލް ސްޓޭޝަންއާއި ދާދި ކައިރީގައި އޮންނަ އަލް-ސުލައިމާނިއްޔާ އަވަށުގެ 1200 އަކަ މީޓަރު ސަރަހައްދެއްގައި ހުރި ޕޯޓަބަލް ކެބިންތަކެއްގައެވެ.

މި ކެބިންތަކަކީ ކޮންޓްރެކްޓާ އޮފީހުގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ކެބިންތަކެއް ކަމަށާ، ނަމަވެސް ހާދިސާ ހިނގި ވަގުތު އެއްވެސް މުވައްޒަފަކު އެތަންތަނުގައި ނެތް ކަމަށާ، މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ވެފައި ނުވާކަމަށް ސައުދީ ސިވިލް ޑިފެންސްގެ ޖެނެރަލް ޑައިރެކްރަޓޭ ވިދާޅުވި ކަމަށް ޚަބަރު ލިބެއެވެ.

2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ޖިއްދާގެ ހަރަމައިން ސްޓޭޝަންގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ފަހަރު ރޭލު ދަތުރުތައްވެސް ހުއްޓުމަކަށް ގެނައެވެ. އެހާދިސާއިން ލިބުނު ގެއްލުންތައް މަރާމާތު ކުރަން ފަށާފައިވަނީ ހުސްވި ހަފުތާގެ ތެރޭގައި ކަމަށް ޚަބަރު ލިބެއެވެ.

2018 ވަނަ އަހަރު، ރަސްގެފާން ސަލްމާން ބިން ޢަބްދުލްޢަޒީޒު އިފްތިތިހު ކޮށްދެއްވި ހަރަމައިން ހައި-ސްޕީޑް ރޭލްވޭ އަކީ، މައްކާ، ޖިއްދާ، ކިންގް ޢަބްދުﷲ އިކޮނޮމިކް ސިޓީ އަދި މަދީނާ ގުޅާލަދޭ ރޭލްވޭއެކެވެ.