މިދިޔަ އަންގާރަ ދުވަހު ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި ހިނގި ވަރުގަދަ ގޮވުމާ އަލިފާނުގެ ހާދިސާއަށް ފަހު، ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެ ގައުމުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް ފެންނަ މިންވަރު އިތުރު ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް، ލުބްނާނުގެ ސިއްހަތާ ބެހޭ ވަޒީރު ހަމަދު ހަސަން ވިދާޅުވެއްޖެއެވެ.
ލުބްނާނުގެ މީޑިއާއަކަށް ވަޒީރު ދެއްވި ބަސްދީގަތުމަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ބުނެފައިވަނީ، ކޭސް އިތުރުވުމަށް ފުރުސަތު ބޮޑުވެފައިވަނީ، އަލިފާނުގެ ހާދިސާގައި ޒަހަމްވި މީހުންނާ ޑޮކްޓަރުންނާ ދެމެދު މުއާމަލާތްތައް ހިނގާފައިވަނީ ހަށި ރައްކަލަށް ބޭނުންކުރާ އަލާތްތަކާ ނުލާ ކަމުގައި ވާތީ ކަމަށެވެ.
އަންގާރަ ދުވަހުގެ ހާދިސާގައި 137 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، 5000 އެއްހާ މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ. މި ހާދިސާގައި 4 ހޮސްޕިޓަލެއް ވަނީ ހަލާކުވެފައެވެ.
ހާދިސާ ހިނގި ދުވަހުވެސް ލުބްނާނުން ވަނީ 209 ޕޮޒިޓިވް ކޭސް ރެކޯޑް ކޮށްފައެވެ. އަދި އިއްޔެ 146 ކޭސް ރިޕޯޓް ކޮށްފައިވާކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ރަސްމީ ރެކޯޑްތަކުން ދައްކައެވެ.
ކޮވިޑް-19ގެ ތަފާސް ހިސާބުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވާ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކަށް ބަލާއިރު، އެގައުމުން މިހާތަނަށް 5417 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވެފައެވެ. އަދި މި ބަލީގައި އެ ގައުމުން 68 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.