މެޖިސްޓްރޭޓުންގެ ތެރެއިން އެހެންކޯޓަކަށް ބަދަލުވާން އެދޭ މެޖިސްޓްރޭޓުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައިވާ 14 މެޖިސްޓްރޭޓް ކޯޓެއްގެ މަގާމުތަކަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލާފައިވައިރު އޭގެ ތެރޭގައި 10 ކޯޓެއްގެ އިސް މެޖިސްޓްރޭޓްގެ މަގާމާއި ހަތަރު ކޯޓު މެޖިސްޓްރޭޓު ކަމުގެ މަގާމު ހިމެނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަތަރު ކޯޓެއްގެ މެޖިސްޓްރޭޓު ކަމުގެ މަގާމާއި، 10 ކޯޓެއްގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމެވެ.

ކޯޓު އިސް މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ހދ. ނޮޅިވަރަމު، ރ. މަޑުއްވަރީ، ބ. ތުޅާދޫ، އއ. ހިމަންދޫ، މ. މުލަށް، ފ. ފީއަލީ، ފ. ބިލެއްދޫ، ގއ. ކޮލަމާފުށި، ގއ. ކަނޑުހުޅުދޫ އަދި ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށެވެ. އަދި މެޖިސްޓްރޭޓް ކަމުގެ މަގާމު ހުޅުވާލާފައި ވަނީ ގދ. ތިނަދޫ، ވ. ފެލިދޫ، ނ. މަނަދޫ އަދި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ކޯޓުތަކުގެ ތެރެއިން ކޯޓަކަށް ބަދަލުވުމަށް ޝައުގުވެރިވާ ފަރާތްތަކުން ބަދަލުވާން އެދޭ ކޯޓާއި އަދި އެ ކޯޓަށް ބަދަލުވުމަށް އެދޭ ސަބަބު ބަޔާންކޮށް، މިމަހު 12 ވާ ބުދަ ދުވަހުގެ 14:00 ކުރިން އެ ކޮމިޝަނަށް ސިޓީ ފޮނުއްވުމަށް ވަނީ އެދިފައެވެ.

ޖޭއެސްސީން ބުނީ އެގޮތަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލާ ފަރާތްތައް ކޯޓު ބަދަލުކުރުމުގައި އެ މެޖިސްޓްރޭޓަރަކު މިހާރު ހުރި ކޯޓާއި އެ ކޯޓު ހިމެނޭ ކްލަސްޓާގައި ތިބި ފަނޑިޔާރުންނަށާއި އަދި އެ ކްލަސްޓާގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލައިގެ ނިސްބަތަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ.