ރިޔާސީ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ފައި ވިއްދަވައިގެން ހުންނެވި އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕާ، ޓްރަމްޕްގެ ކެމްޕޭނާ ދެކޮޅަށް، މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް ފޭސްބުކްއާއި ޓްވިޓާއިން ފިޔަވަޅު އަޅައިފިއެވެ.

ޓްރަމްޕާ، ޓްރަމްޕްގެ ކެމްޕޭނާ ދެކޮޅަށް ފޭސްބުކްއާއި ޓްވިޓާއިން ފިޔަވަޅު އަޅާފައި މިވަނީ، މި ދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން ހަގީގަތް އޮޅޭ ގޮތަށް ކުރެއްވި ޕޯސްޓްތަކަކެއްގެ މައްސަލާގައެވެ. މި ޕޯސްޓްތަކުގައި ބުނަނީ، ކުޑަކުދިންނަނީ ކޮރޯނާވައިރަސް އަށް "މުޅިންހެން ދިފާއު" ލިބިފައިވާ ބައެއް ކަމަށެވެ.

ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް މިފަދައިން ވިދާޅުވީ ބަސްކޮޅު، ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައިވާއިރު، ފޭސްބުކްއިންވަނީ، މިއީ ކޮވިޑް-19އާ ގުޅިގެން ގެއްލުންދެނިވި ގޮތަކަށް ނުރަނގަޅު މައުލޫމާތު ފޯރުކޮށްދޭ މެސެޖެއް ކަމަށް ބުނެ، އެ ޕޯސްޓް ޑިލީޓްކޮށްލާފައެވެ.

މިއާ ވިދިގެން ޓްވިޓާއިންވެސް ވަނީ، މި ކްލިޕާ ގުޅުންހުރި ޓްވީޓް ޑިލީޓް ނުކުރާހާ ހިނދަކު، ޓްރަމްޕްގެ ކެމްޕޭން އެކައުންޓް ފްރީޒްކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ފަހުން މި ޓްވީޓް ޑިލީޓް ކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

އެމެރިކާގެ އާންމު ސިއްހަތާ ބެހޭ އިދާރާތަކުން ވަނީ، ކުޑަކުދިންނަކީ ކޮވިޑް-19އަށް އިމުއުނިޓީ ނުވަތަ ދިފާއު ލިބިފައިވާ ބައެއް ނޫންކަމަށް ބުނެފައެވެ.