ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުން އެ ސަރަހައްދުގެ ފުރިހަމަ މިލްކުވެރިކަމަށް ދައުވާ ކުރަމުންދާ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދޭ ގޮތަށް އެ ގައުމުގެ ގާނޫނު އަސާސީގައި އޮތް މާއްދާ (370) އުވާލުމުގެ ކުރިން، އެ ސަރަހައްދުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިންޑިއާގެ ގާނޫނު އަސާސީން މާއްދާ 370 އުވާލާ، މައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ކަޝްމީރު ގެންދިޔައީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދަށް އަހަރެއް ފާއިތުވީއެވެ. އޭރު ހައްޔަރު ކުރި ގިނަ ބަޔަކާ ދެކޮޅަށް އިންޑިއާއިން އުފުލާފައިވަނީ ސީރިއަސް ދައުވާތަކެކެވެ. ގިނަ ބަޔަކު މިހާރުވެސް ތިބީ އިންޑިއާގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ ޖަލުގެ ތޭރިތަކުގެ ފަހަތުގައި ބަންދުވެފައެވެ.

އަޟްޙާ ޢީދު ނަމާދުގެ އިންތިޒާރުގައި މަޑުކޮށްލައިގެން ތިބި ކަޝްމީރުގެ ރަށްވެހިންކޮޅެއް/ފޮޓޯ: ދާނިޝް ސިއްދީގީ

ތަސްލީމާ ވާނީ އާއި އޭނާގެ އާއިލާ އޯގަސްޓް 6 ވަނަ ދުވަހުގެ ރޭގެ ނިދިން ހޭލައްވާލީ ދޮރުގައި ދެމުން ދިޔަ ބާރު ޓަކީގެ އަޑުފަށްގަނޑަށެވެ. އެއީ ގާނޫނު އަސާސީއަށް އިސްލާހުގެ ނަމުގައި ގެނައި ބޮޑު ބަދަލާއެކު މުޅި ދުނިޔެ ސިއްސުވާލިތާ 1 ދުވަސް ފަހެވެ. އޭރު ޖައްމު އާއި ކަޝްމީރު އޮތީ އިންޑިއާގެ މައި ސަރުކާރުގެ ދަށުގައެވެ. ތާރީހު ނުދޭ ވަރުގެ ކާފިއުއާއި ލޮކްޑައުންގެ އަމުރު ތަންފީޒު ކުރަމުން ދިޔައެވެ.

"ދޮރުގައި ތަޅަމުން ދިޔައީ ސަލާމަތީ ބާރުތަކުން. ފުލުހުންނާ، ސިފައިން. ދޮރު ހުޅުވަން ގޮވާ، ހަޅޭއް ލަވަމުން ދިޔައީ. އެމީހުން އަހަރެން ފޮނުވާލީ އެތެރެއަށް ދެން. އެކަމަކު 15 މިނެޓް ވަންދެން، އަހަރެންގެ ދެ ފިރިހެން ދަރިންނާ ސުވާލު ކުރި ގޯތި ތެރެއަށް ނެރެގެން. އެއަށްފަހު ހިނގައްޖެ" ތަސްލީމާ ކިޔައިދިނެވެ.

ކަޝްމީރުގައި ވަކި ގާނޫނެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ޖަމާއަތަކުން މުޒާހަރާކުރަނީ/ފޮޓޯ: ރޮއިޓާޒް

އެހާ ހިސާބުން ނިމުނީކީ ނޫނެވެ. އެއީ އަދި ފެށުމެކެވެ. ސަލާމަތީ ބާރުތަކުން އެނބުރި، ތަސްލީމާގެ ގެއަށް ދިޔައެވެ. އުމުރުން އެންމެ 19 އަހަރުގެ ނަދީމް ހޯދަން އެދުނެވެ. އަވަށްޓެރިއެއްގެ ގެއަށް ދާނެ މަގު ދައްކާ ދިނުމަށް ކަމަށް ބުންޏެވެ. އެއީ ތަސްލީމާއަށް އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ފެނުނު އެންމެ ފަހު ފަހަރެވެ.

އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ނަދީމް ގެންދިޔައީ ފުލުސް ސްޓޭޝަނަށެވެ. އެތަނުން އޭނާ ހައްޔަރުކޮށް، 1000 ކިލޯމީޓަރު ދުރުގައި އޮންނަ އުއްތަރަ ޕްރަދޭޝްގެ ޖަލަކަށް ބަދަލު ކުރިއެވެ. އިންޑިއާގެ ރަސްމީ ލިޔެކިއުންތައް ބުނާ ގޮތުގައި ނަދީމަކީ "އޯވާ ގްރައުންޑް ވޯކާ" އެކެވެ. އިންޑިއާގެ ސަލާމަތީ ބާރުތަކުން މާނަ ކުރާ ގޮތުގައި އޯވާ ގްރައުންޑް ވޯކާޒްއަކީ، ހަތިޔާރު އެޅި ހަނގުރާމަވެރި ގުރޫޕުތަކާއެކު މަސައްކަތް ކުރާ، އެހެން ނަމަވެސް ހަނގުރާމައަށް ނުނިކުންނަ މީހުންނެވެ. މީގެ އިތުރުންވެސް ނަދީމާ ދެކޮޅަށް ދައުވާތަކެއް އުފުލައެވެ. އެއީ 2014 ވަނަ އަހަރު އިންޑިއާގައި އޮތް އިންތިހާބުގައި ވޯޓު ނުދިނުމަށް ކެމްޕޭން ކުރި ކަމުގެ ދައުވާއެވެ. އޭރު ނަދީމުގެ އުމުރަކަށް ވަނީ އެންމެ 15 އަހަރެވެ.

"އަހަރެންގެ ދަރިފުޅު އަހަރެން ދަންނަން. އޭނައަކީ ހަނގުރާމަވެރިއެއް ނުންވެ. ޣައިރު ގާނުނީ އަމަލެއް ނުހިންގާނެ. އެ ދަރިފުޅު ދޫކޮށްލަ ދިނުމަށް ސަރުކާރުގައި އެދެން" ތަސްލީމާ ބުންޏެވެ.

ޖައްމު އާއި ކަޝްމީރުގެ އިންޑިއާއި ވީ ފަޅީގެ ފަޅުވެފައިވާ މަގެއް މަތީގައި ދެމައިން ދަށިބަރިއެއް ހިނގާފައި ދާއިރު ސަލާމަތީ ބާރުތަކުން ފޯރިމަރަނީ/ފޮޓޯ: އެކްޓިވް މީޑިއާ

ފާއިތުވީ އަހަރު ދުވަހުގެ ތެރޭގައި، ނަދީމުގެ ބައްޕަ (މުޙައްމަދު އަޝްރަފު ވާނީ)އަށް ވަނީ 1 ފަހަރު، އޭނާއާއި ޖަލުގައި ބައްދަލުކުރެވިފައެވެ.

ނަދީމަކީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މީގެ އަހަރެއްހާ ދުވަސްކުރިން ހައްޔަރު ކުރިން އެތައް ހާސް މީހުންގެ ތެރެއިން އެކަކެވެ. ބައިނަލްއަގުވާމީ ފާޑުކިއުންތައް އަމާޒުވަމުންދާއިރު، އިންޑިއާއިން ބުނަމުންދަނީ، އަޅާފައިވާ ހުރިހާ ފިޔަވަޅަކީވެސް އަޅަންޖެހިގެން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.

ނަދީމުވެސް ހައްޔަރުކޮށްފައިވަނީ ޕަބްލިކް ސޭފްޓީ އެކްޓްގެ ދަށުންނެވެ. މިއީ ރަސްމީކޮށް ދައުވާ އުފުލުމަކާ ނުލާ 2 އަހަރު ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ބާރު ދޭ ގާނޫނެކެވެ.

އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ހައްޔަރު ކުރި ބައެއް މީހުން މިހާރު ވަނީ މިނިވަންކޮށްފައެވެ. އޭގެ ތެރެއިން އެކަކީ ކަޝްމީރުގައި އޮންލައިން ނޫހެއް ހިންގާ ގަމަރު ޒަމާން ގާޒީއެވެ. އޭނާ ބުނި ގޮތުގައި ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސް، އޮރިޔާން ކޮށްލައެވެ. އެކަމަށް އެންމެ ފުރަތަމަ ދެކޮޅު ހެދި ނަމަވެސް، ފަހުން އެ ފުރުސަތުވެސް ނޯންނަކަމަށް އޭނާ ވަނީ ކިޔައިދީފައެވެ.

ކަމާބެހޭ ފަރާތްތަކުން ގާޒީ ހައްޔަރު ކުރި ފަހުން އޭނާ ގެންދިޔައީ ކޮން ޖަލަކަށް ކަމެއްވެސް އޭނާގެ އާއިލާއަކަށް ނޭނގެއެވެ. އެކި ޖަލުތަކުގައި އަތް ފުނާ އަޅަމުން ގޮސް، ގާޒީ ފެނުނުއިރު 52 ދުވަސް ފާއިތުވެއްޖެއެވެ. އޭރުވެސް އޭނާ ލައިގެން ހުރީ ފުރަތަމަ ދުވަހުވެސް ލައިގެން ހުރި ހެދުމެވެ. އެ ޓީޝާޓު އޮތީ ވީރާނާވެފައެވެ. 119 ލޯވަޅެއް އެޅިފައި ހުއްޓެވެ.

ަޝްމީރުގައި އޮންލައިން ނޫހެއް ހިންގާ ގަމަރު ޒަމާން ގާޒީ، ޓީޝާޓް ހިފަހައްޓާލައިގެން/ފޮޓޯ: މުޚްތާރު ޒުހޫރު

ގާޒީގެ މިނިވަންކަން ދާއިމީ އެއްޗަކަށް ނުވިއެވެ. ދާދި ފަހުން އޭނާ ޝާއިއު ކުރި ލިޔުމަކާ ގުޅިގެން މިހާރު އަނެއްކާ ގާޒީ ހުރީ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައެވެ. މާއްދާ 370 އުވާލިތާ 1 އަހަރު ފުރުމާ ދިމާކޮށް "ކަޅު ދުވަހުގެ" ނަމުގައި މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފާނެ ކަމުގެ ބިރައްޓަކައި އިންޑިއާގެ މައި ސަރުކާރުން އޮތީ ކަޝްމީރުގައި އަނެއްކާވެސް ކާފިއު އިއުލާންކޮށްފައެވެ. އެހެންކަމުން، ކަފާލާތު ދައްކައިގެން ގާޒީ މިނިވަން ކުރުމަށް މިވަގުތު އޭނާގެ އައިލާއަށް ޖެހިފައި އޮތީ އަދި މަޑުކޮށްލާށެވެ.

މިއީ ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އިންޑިއާގައި ނުރައްކާތެރި ދަރަޖައަކަށް ފެތުރެމުންދާ ދަނޑިވަޅަކަށްވާއިރު، ޖަލުތަކުގައި ތިބި މީހުންގެ ސަލާމަތާ މެދު އާއިލާތަކުން ކަންބޮޑުވެއެވެ. ފުރިހަމަ މިނިވަންކަން ލިބި، އާއިލާގެ މެމްބަރުން އެއްތަން ވުމުގެ ކުރިން، ކޮވިޑް-19ގައި މަރުވެ ހިނގައިދާނެ ކަމުގެ ބިރުވެރިކަމާ، ހިތްދަތިކަން ވަނީ ކަޝްމީރުގެ ބަނަ މަޝްރަހު އިތުރަށް އަނދިރިކޮށްލާފައެވެ. ވާއެއް ނުވާއެއްވެސް ވަކި ކުރަން ނޭނގޭހާ ނޭނގޭހާ އަނދިރިވެފައެވެ.