ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން މިއިން ދުވަހަކަށް ފިލާދާނެ ކަމަށް ނުބެލެވޭއިރު، ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ރައްކާތެރި ކަމާއެކު ކިޔަވާދިނުން ކުރިއަށް ގެންދިއުމަށް ގައުމުތައް މިއަދު ވަނީ އިންތިހާއަށް ބޭނުން ޖެހިފައެވެ. ބައެއް ގައުމުތަކުން މިމަސައްކަތް ފަށާފައިވާއިރު، މިކަން ކުރުމަށްޓަކައި ބައްޔަށް ޓެސްޓު ކުރުމާ، ކޮންޓެކްޓް ޓްރޭސް ކުރުމަށް ކުރާ މަސައްކަތްތައް ވަރުގަދަ ކުރަންޖެހޭ ކަމަށް ދާދި ފަހުން ކުރި 2 ދިރާސާއެއް މި ވަނީ ބުނެފައެވެ. މީގެ އިތުރުން، އައިސޮލޭޓް ކުރުމަކީވެސް ހަރުދަނާ ގޮތެއްގައި ތަންފީޒު ކުރެވޭ ފިޔަވަޅަކަށް ވާންޖެހޭނެ ކަމަށް މި ދިރާސާތައް ބުނެއެވެ.

އިނގިރޭސިވިލާތުގެ ދިރާސާ ޓީމުން ބުނި ގޮތުގައި ރައްކާތެރި ކަމާއެކު ސްކޫލްތައް ހުޅުވަން އެދޭނަމަ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހެއެވެ. އޮސްޓްރޭލިއާގެ ޓީމުން ބުނީ، އެކަށީގެންވާ ގޮތުގައި ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން، ސްކޫލްތައް ހުޅުވި ކަމުގައި ވީ ނަމަވެސް ބަލިމަޑުކަން އިތުރުވެފައި ނުވާ ކަމަށެވެ.

މި 2 ދިރާސާ ޝާއިއުކޮށްފައިވަނީ ދަ ލޭންސެޓް އަދި އެޑޯލަސެންޓް ހެލްތްގައެވެ. މި ދިރާސާތަކުގެ މައިގަނޑު މަގުސަދަކީ، ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު ދަރިވަރުން ހާޒިރުކޮށްގެން ކިޔަވާދޭން ފެށުމާ ގުޅޭ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ހޫނު ބަހުސްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.