ޓެންޒޭނިއާގައި އާދައިގެ ގޮތަކަށް މައިން ކުރުމުގެ މަސައްކަތް ކުރަމުން އައި ސަނީނު ލައިޒާ، އެއް ރެއިން މަހުޖަނަކަށް ވީ ގޮތުގެ ވާހަކައަކީ މީޑިއާއަށް އާ ވާހަކައެއް ނޫނެވެ. މިދިޔަ ޖޫން މަހު އޭނާ ހޮވި، މަދުން ނޫނީ ނުފެންނަ ޒާތުގެ 2 ޖަވާހިރުގަނޑެއް ވިއްކާލައިގެން އެއް ރެއިން 3.4 މިލިއަން ޑޮލަރު ހޯދައިގެން، މިލިއަނަރަކަށްވި ލެއިޒާގެ އަތުގައި އަނެއްކާވެސް މިވަނީ އެފަދަ ނަސީބެއް ޖެހިފައެވެ.

ލެއިޒާ ހޮވި 3 ވަނަ ޖަވާހިރުގަނޑު މިފަހަރު ވިއްކާލީ 2 މިލިއަން ޑޮލަރަށެވެ. މި ޖަވާހިރުގަނޑުގެ ބަރުދަނުގައި 6.3 ކިލޯގްރާމް ހުރި ކަމަށް ޚަބަރު ލިބެއެވެ. މިފަހަރުވެސް އޭނާ ހޮވާ، ވިއްކާލީ ޓެންޒެނައިޓް ނަމަކަށް ކިއާ ޖަވާހިރުގަނޑެކެވެ. އެކި ކަހަލަ ގަހަނާ ހެދުމަށް ބޭނުން ކުރާ ޓެންޒެނައިޓް ޖަވާހިރަކީ ޓެންޒޭނިއާގެ އުތުރުގެ ސަރަހައްދުތަކުން ނޫނީ ނުފެންނަ ޖަވާހިރެކެވެ. މިއީ މުޅި ދުނިޔެއަށް ބަލާއިރުވެސް އިންތިހާއަށް ތަދު ބާވަތެކެވެ. ކުރިއަށް 20 އަހަރެއްހާ ދުވަހުގެ ތެރޭގައި ޓެންޒެނައިޓްގެ ސަޕްލައި މުޅިން ހުސްވެދާނެކަމަށް ޖިއޮލޮޖިސްޓަކު ވަނީ ލަފާކޮށްފައެވެ.

ލެއިޒާއަކީ މައިން ކުރުމުގެ މަސައްކަތުގައި ސަރުކާރާ ގުޅިގެން އުޅޭ މީހެކެވެ. ލެއިޒާ ވަނީ އޭނާ ފަދައިން މި މަސައްކަތުގައި ހަރަކާތްތެރިވާ އެހެން މީހުންވެސް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފައެވެ. ލެއިޒާ ހޮވާ ޖަވާހިރުތައް ބޮޑު އަގުގައި ވިއްކާލުމަށް އެހީވެދެނީ ޓެންޒޭނިއާގެ ސަރުކާރުންނެވެ.