ގައުމެއްގެ ވެރިކަމާ ލީޑަރަކު ހަވާލުވާ ހިސާބުން އެކި ގޮތް ގޮތުން ސިޔާސީ ހަމަލާތައް ދީ އެކި ގޮތް ގޮތުން ގޮންޖެހުން ކުރިމަތިކުރުވާނެ މީހުން އުޅޭނެ ކަމަށާ، ނަމަވެސް އެފަދަ ބައެއްގެ އަމަލުތަކަށް ޖެހިލުން ނުވާކަމަށް ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

މި މަހުގެ 5 ވަނަ ދުވަހު ލަންކާގައި ކުރިއަށް ގެންދާ އެ ގައުމުގެ އާންމު އިންތިހާބުގެ ވޯޓަށް ހާއްސަ ކޮށްގެން ކުރިއަށް ދިޔަ ކެމްޕޭން ރެލީއެއްގައި ވާހަކަދައްކަވަމުން ގޮތަބާޔާ ވިދާޅުވީ، ގައުމު ދެކެ ލޯބިވާ ލީޑަރަކު ވެރިކަމަށް އަންނަ ހިސާބުން، އެ މީހެއްގެ ސިޔާސަތާ ތަސައްވުރެ ފުނޑުފުނޑު ކޮށްލުމަށް ނުބައި ރޭވުންތައް ރާވާ މީހުންނާ، ހައްދުފަހަނައަޅާފައިވާ މީހުން ތެދުވާ ކަމަށެވެ.

ލަންކާގެ ބަނދަރުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ހަޅުތާލެއްވެސް ފަށާފައިވާ މިދަނޑިވަޅުގައި އެކަމަށް އިޝާރާތް ކުރައްވަމުން ގޮތަބާޔާ ވިދާޅުވީ، އެ ހަޅުތާލަކީ ކޮލަމްބޯ ޕޯޓްގެ މައްސަލާގައި އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް އުފައްދައިގެން ކުރާ ހަޅުތާލެއް ކަމަށެވެ.

މިފަދަ ކިތަންމެ ކަމެއް ކޮށްގެންވެސް އޭނާ "ރުޅިއަރުވާ ނުލެވޭނެ" ކަމަށް ގޮތަބާޔާ ވަނީ ގޮންޖައްސަވާފައެވެ. އަދި ލަންކާއިން އިންތިހާ ފަގީރުކަން ނައްތާލުމަށް އޭނާއާއި ހަވާލުވެފައިވާ ޒިންމާ އަދާކުރެއްވުމުގައި ފަހަތަށްވެސް ޖެހިވަޑައި ނުގަންނަވާނެ ކަމުގެ ޔަގީންކަން، ލަންކާގެ ރައީސް ވަނީ ދެއްވާފައެވެ.

ކުރިއަށް އޮތް އާންމު އިންތިހާބަށް ހާއްސަ ކޮށްގެން އެކުލަވާލާފައިވާ ސިޔާސީ ފްރޭމްވޯކްގެ ކަންކަމައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަންވެސް ގޮތަބާޔާ ވަނީ ދެއްވާފައެވެ. ދަށް ފަންތީގައި ދިރިއުޅޭ މީހުންނާ، ދަސްވެނިންނަށް 150000 އެއްހާ ވަޒީފާގެ ފުރުސަތު ހާއްސަ ކުރައްވާނެ ކަމަށް ގޮތަބާޔާ ވަނީ ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން، ހާއްސަ ތަމްރީނެއް ފުރިހަމަ ކުރާ ދަރިވަރުންނަށްވެސް ވަޒީފާގެ ފުރުސަތުތައް ހަމަޖައްސަވާ ދެއްވާނެ ކަމަށް ބަޔާން ކުރާ ޕްލޭނެއްވެސް ގޮތަބާޔާ ވަނީ އާންމު ކުރައްވާފައެވެ.

ޖުލައި 31 ވަނަ ދުވަހުން ފަށައިގެން ހަޅުތާލު ކުރަމުންދާ ޕޯޓް މަސައްކަތްތެރިން ވަނީ، ހަޅުތާލު ހުއްޓާލާ، މިއަދުން ފެށިގެން ވަޒީފާގެ ޒިންމާތައް އަދާކުރަން ނިކުންނާނެ ކަން ހާމަކޮށްފައެވެ.