ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ އުސޫލުތަކާ ހިލާފަށް އަމަލުކުރި 27 ތަނެއް ބަންދުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާުވެއްޖެއެވެ.
މިނިސްޓަރު އަމީން އެހެން ވިދާޅުވެފައިވަނީ ރޭ ރާއްޖެ ޓީވީގެ 'ފަލަ ސުރުހީ' ޕްރޮގުރާމުގައެވެ. އެ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އެޗްޕީއޭ އިން 52 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 27 ތަނެއް ބަންދުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެ 27 ތަނަކީ އުސޫލުތަކަށް ތަބާ ނުވާ ތަންތަން ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.
އެޗްޕީއޭ އިން ވަނީ މިހާރު ހިނގަމުންދާ އިންސްޕެކްޝަންގައި 'ބަންދު ނޯޓިސް' ދީފައިވާ ފަރާތްތަކުން ތަނުގެ ކަންތައްތައް އިސްލާހު ކުރުމުން އަލުން އިންސްޕެކްޓް ކުރެވޭނެ ކަމަށް ބުނެފައެވެ. އެކަން ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އަށް 7285216 ގުޅުމަށް އެޗްޕީއޭން ވަނީ އެދިފައެވެ.
މީގެ ކުރިން އެޗްޕީއޭ އިން ވަނީ އިންސްޕެކްޝަން ގައި އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކުރާނެ ކަމަށާއި އެ އިންޕެކްޝަންގައި ކެފޭ އާއި ރެސްޓޯރަންޓާއި ސައި ހޮޓާތަކާއި ސެލޫން އަދި ފިހާރަތައް ވެސް ބަލާނެ ކަމަށް ބުނެފައެވެ.
އޭގެ އިތުރުން އެޗްޕީއޭން ހަދާފައިވާ ގަވައިދަށް އަމަލު ކުރޭތޯ ބެލުމަށް ހިދުމަތްދޭ އެހެން ބައެއް ތަންތަނަށްވެސް އެ ޓީމުތައް ވަންނާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.