ވާދަވެރިން "ހަފުސް" ކޮށްލުމަށް ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރަމުންދާ ކަމުގެ ތުހުމަތުގައި "ހަނާވަމުންދާ" ޓެކްނޮލޮޖީގެ ބާރުގަދަ ކުންފުނިތަކުގެ ވެރިން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ކުރިމަތީގައި އެ މީހުންގެ ކުންފުނިތަކާ އަމަލުތައް ދިފާއުކޮށް ވާހަކަ ދައްކައިފިއެވެ.

މަޖިލިސް މެމްބަރުންގެ ކުރިމަތީގައި ވާހަކަދައްކަމުން އެމޭޒޯން ކުންފުނީގެ ބާނީ އަދި މިވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މަހުޖަނު ޖެފް ބޭޒޯސް ބުނީ، ދުނިޔެއަށް އަދިވެސް ބޮޑެތި ކުންފުނިތަކެއް ބޭނުންވާ ކަމަށެވެ. ފޭސްބުކް، އެޕަލް އަދި ގޫގަލްގެ ވެރިން ބުނަމުންދިޔައީ އެމީހުންގެ ކުންފުނިތަކުން އާރޯ ކުރުވަމުންދިޔައީ އާ އީޖާދު ކަމަށެވެ.

ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގައި އެންމެ ނަން ހިނގާ ވަރުގަދަ ކުންފުނިތަކުގެ އެންމެ އިސްވެރިން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ހާޒިރު ކޮށްފައިވާ މި ދަނޑިވަޅަކީ، އެ ކުންފުނިތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މަޖިލީހުން ވިސްނަމުންދާ ދަނޑިވަޅެކެވެ. ފާޑުކިއާ ބައެއް ފަރާތްތަކުން އަމާޒު ހިފާފައިވަނީ، މި ކުންފުނިތައް ރޫޅާލުމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައުޔަށް ބަލާއިރު، އިދިކޮޅު ޑިމިކްރަޓުން ޖެހިލުން ވަނީ ބޮޑެތި ކުންފުނިތަކުން ގެންގުޅޭ ވާދަވެރިކަމުގެ ރޫހާ މެދުގައި ކަމަށްވާއިރު، ވެރިކަން ކުރާ ރިޕަބްލިކަންސްއިން ކަންބޮޑުވަނީ، ބޮޑެތި ކުންފުނިތަކުން މައުލޫމާތު ނާޖާއިޒު ފައިދާ ނަގާފާނެ ގޮތަކާ މެދުގައެވެ.

މިއަހަރަކީ އެމެރިކާގައި ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނަ އަހަރެއް ކަމުން، ޓެކްނޮލޮޖީގެ ސަބަބުން ފޯރާނެ ނުފޫޒަށް ކޮންމެ ފަރާތަކުންވެސް ޖެހިލުންވެއެވެ.

ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުގެ އެންމެ އިސްވެރިން ހާޒިރު ކުރި ކޮމިޓީގެ ޗެއާމަން އަދި ޑިމޮކްރަޓިކް ކޮންގްރެސްމަން ޑޭވިޑް ސިސިލީން ވިދާޅުވީ، ފާއިތުވީ އަހަރެއްހާ ދުވަހު މަޖިލިސް މެމްބަރުން ކުރިއަށް ގެންދެވި ތަހުގީގުން ފާހަގަވި ކަންކަމަށް ބަލާއިރު، އޮންލައިން ޕްލެޓްފޯމުތަކުން ބާރުގަދަ ކޮށްފައިވަނީ ގެއްލުންދެނިވި ރޫހެއްގައިކަން ހާމަވާ ކަމަށެވެ. އަދި މި ކުންފުނިތަކަކީ މޮނޮޕޮލީ އުސޫލުން ބާރުތަކެއް ލިބިފައިވާ ކުންފުނިތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ސިސިލީން ވަނީ ވިދާޅުވެފައެވެ. މިމޭރުމުން ވާހަކަކުރިއަށް ގެންދަވަމުން ކޮންގްރެސްމަން ވިދާޅުވީ، މި ކުންފުނިތަކަކީ ބައިބައިކުރުމަށްފަހު ރަނގަޅަށް ރެގިއުލޭޓް ކުރެވެންޖެހޭ ކަމަށެވެ.

ފޭސްބުކްގެ މާކް ޒަކަބާގްއާއި އެމެޒޯންގެ ޖެފް ބޭޒޯސް އަދި ގޫގްލްގެ ސުންދަރު ޕިޗާއީއާއި އެޕަލްގެ ޓިމް ކުކް ވަނީ އެމީހުންގެ ކުންފުނިތަކުން ޣައިރު ގާނޫނީ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާ، އެ ކުންފުނިތަކަކީ އެމެރިކާގެ ގައުމީ ރޫޙުގައި ހިންގާ ކުންފުނިތަކެއް ކަމަށް ބުނެ، ދިފާއަށް ކުޅެފައެވެ.

މި ކުންފުނިތަކުން ކުރިއަރާ ދަނީ ގެއްލުންދެނިވި ރޫހެއްގައި ކަމަށް ފާޑުކިއާ ފަރާތްތަކުން ބުނާ ސަބަބުތަކެއްވެސް ހުރެއެވެ. އެގޮތުން، ޔެލްޕް ފަދަ ކުންފުނިތަކުގެ ހިޔާލުތައް ގޫގްލްއިން ވަގަށް ނެގުމުގެ ތުހުމަތުތަކާ، އެމެޒޯން ކުންފުނީގެ ޕްލެޓްފޯމުގައި ވިޔަފާރިވެރިންނާ މެދު އަމަލު ކުރަމުންދާ ގޮތާ، ފޭސްބުކްއިން ވާދަވެރި އިންސްޓަގްރާމް ފަދަ އެޕްލިކޭޝަންތައް ގަތުމާ، އެޕަލް އެޕްސްޓޯގެ މައްސަލަ ފާހަގަ ކުރެވެއެވެ.

ވީޑިއޯ ޓެކްނޮލޮޖީގެ އެހީގައި މަޖިލީހަށް ހާޒިރުވި ކުންފުނިތަކުގެ ވެރިން ދިފާއަށް ބުނަމުންދިޔައީ، އެ ކުންފުނިތަކުގެ ނިންމުންތަކަކީ ކުދި ވިޔަފާރިތައް ހިމާޔަތް ކުރުމަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ. އަދި ބިޔަ ކުންފުނިތަކަކީ އަލަށް އަންނަ ވާދަވެރިންގެ ނުފޫޒަށް ބަލާއިރު ނާޒުކު ކުންފުނިތަކެއް ކަމަށެވެ.

ރިޔާސީ 2 ވަނަ ދައުރަކަށް ފައިވިއްދަވައިގެން ހުންނެވި އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕަކީ، އަދުގެ އެންމެ ނުފޫޒުގަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކާ ދެކޮޅު ބޭފުޅެއް ކަން ފާހަގަކުރަންޖެހެއެވެ.