އިރާގަށް އަތްގަދަ ކުރި ހައްދުފަހަނައަޅާފައިވާ ހަތިޔާރުއެޅި ހަނގުރާމަވެރި އައިސިސްގެ ނުފޫޒުގެ ދަށުގައި ލާއިންސާނީ އަނިޔާތަކެއް ތަހައްމަލު ކުރި ދީނީ އަދި ނަސްލީ މައިނޯރިޓީ ޔަޒީދީންނަށް ނިސްބަތްވާ ކުޑަކުދިން އަދިވެސް ދަނީ، ޖިސްމާނީ އަދި ނަފްސަނީ މައްސަލަތަކަކާ ކުރިމަތިލަމުން ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.
ޔަޒީދީންނަކީ ކުރުދީ ދީނުގެ ގޮތްޕެކެވެ.
އައިސިސްގެ ހަނގުރާމަވެރިން 2014 ވަނަ އަހަރު އިރާގަށް ވެރިވެގަތުމާއެކު ޔަޒީދީންގެ ގިނަ އަދަދެއްގެ ކުދިންތަކެއް ވަނީ މަރާލާފައެވެ. މި ޖަރީމާއިން ސަލާމަތްވި 2000 ކުދިން ތިބިއިރު، އެކުދިންނަށް ބޭނުންވާ އަޅާލުމާ އެހީތެރިކަން، އެކަށީގެންވާ ގޮތެއްގައި ލިބެމުން ނުދާ ކަމަށް ޚަބަރު ލިބެއެވެ.
އެމްނެސްޓީއިން ބުނީ އަޅާލާނެ މީހަކު ނެތި ދޫކޮށްލެވިފައި ޔަޒީދީ ކުދިންނަށް ދިގު މުއްދަތަކަށް އެހީތެރިކަން ބޭނުންވެފައިވާކަމަށެވެ.
އިރާގުގެ އުތުރުގެ ސަރަހައްދުގައި ޔަޒީދީން ވަޒަންވެރި އުޅުނު މައި ސަރަހައްދަށް އައިސިސްއިން އަތްގަދަ ކުރުމާއެކު ޔަޒީދީން ފިލީ ސިންޖާރު ފަރުބަދަ ސަރަހައްދަށެވެ. މި މަރުހަލާގައި އެތައް ބައެއްގެ ފުރާނަ ގެއްލުނެވެ. 7000 އެއްހާ އަންހެނުންނާ އަންހެން ކުދިން އަޅުންނަށް ހެދިއެވެ. މީގެ ތެރެއިން ގިނަ ބަޔަކު، ރޭޕްގެ ޝިކާރައަކަށްވިއެވެ.
ބައެއް ފިރިހެން ކުދިންގެ އަތްފައި ބުރިވިއިރު، ރޭޕްގެ ޝިކާރައަކަށްވި ބައެއް ކުދިން ވަނީ ދަރިއަކު ލިބުމުން މަހްރޫމުވެފައިވާ ހާލުގައެވެ. އެމްނެސްޓީއިންވަނީ، އައިސިސްގެ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންނަށް ޔަޒީދީ އަންހެނުން ވިހޭ ދަރިންނާ އެ އާއިލާތައް ބޭރުގެ ސަރަހައްދެއްގައި ވަޒަންވެރި ކުރުވުމަށް ގޮވާލާފައެވެ.
ޔަޒީދީންގެ ގިނަ ބަޔަކު ވަގުތީ ކޭމްޕުތަކުގައި މިހާރުވެސް ތާށިވެފައިވާއިރު، އެ ކޭމްޕުތަކުގައި ތިބި ކުދިންނަށް އެކށިގެންވާ ގޮތެއްގައި ތައުލީމު ލިބެމުން ނުދާކަން އެމްނެސްޓީއިން ވަނީ ފާހަގަކޮށްފައެވެ. އައިސިސް ހަނގުރާމަވެރިންނާ ކައިވެނި ކުރަން މަޖުބޫރުވި އަންހެނުންނަށް ލިބުނު ނަފްސާނީ ގެއްލުމުގެ ޒަހަމްތައްވެސް ފަސޭހަ ނުވާ ކަމަށް ބުނެވެއެވެ.
ސޫރިޔާގައި ތިބި ޔަޒީދީންގެ އަންހެނުން ހިމާޔަތް ހޯދަން ދުވި ދުވުމުގެ ތެރޭގައި އެމީހުންގެ އާއިލާތަކާ ވަކިވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިއާއެކު އެމްނެސްޓީއިންވަނީ، މައިންނާ ދަރިން ދާއިމީ ގޮތެއްގައި އެއްތަން ކުރުމަށް ގޮވާލާފައެވެ.