ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިނެއް ތަރައްގީ ކުރުމުގެ މަސައްކަތްތަކުގެ ފަހުގެ މަރުހަލާ ފަށާފައިވާކަމަށާ، ނަމަވެސް މި މަރުހަލާއަކީ ދުވެލި އަވަސް ކުރެވޭނެ މަރުހަލާއެއް ނޫން ކަމަށް ދާއިރާގެ އިސް ތަޖުރިބާކާރަކު ވިދާޅުވެއްޖެއެވެ.

ފިލަޑެލްފިއާގެ ކުޑަކުދިންގެ ހޮސްޕިޓަލެއްގެ އިންފެކްޝަސް ޑިޒީޒް ޑިވިޝަންގެ ޕްރެފެސާ އަދި ވެކްސިން އެޑިއުކޭޝަން ސެންޓަރުގެ ޑައިރެކްޓަރު ޑރ ޕޯލް އޮފިޓް ވިދާޅުވީ، ވެކްސިނެއް ތަރައްގީ ކުރުމަށް މިހާތަނަށް މަސައްކަތް ކުރިއަށް ދަނީ އިންތިހާ ހަލުވި ދުވެއްޔެއްގައި ކަމަށެވެ. އާންމު ގޮތެއްގައި ވެކްސިނެއް ތަރައްގީ ކުރުމަށް 15 ވަރަކަށް އަހަރު ދުވަސް ހޭދަވާނެ ކަމަށާ، ނަމަވެސް މިފަހަރު ވެކްސިނެއް މި އުފައްދަނީ ގާތްގަނޑަކަށް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ކަންވެސް ޕްރޮފެސާ އޮފިޓް ވަނީ ފާހަގަކުރައްވާފައެވެ.

ު މޮޑާނާއަކީ އިންސާނުންގެ ހަށިގަނޑުގައި ފުރަތަމަ ފަހަރަށް ކޮވިޑް-19އާ ދެކޮޅަށް ވެކްސިންއެއް ޓެސްޓު ކުރި ކުންފުނި/ފޮޓޯ: އެނާޖެޓިކްސިޓީ

ވެކްސިނެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ފަހު މަރުހަލާ ނުވަތަ 3 ވަނަ ފޭސްގެ މަސައްކަތްތަކަކީ ލަސް މަރުހަލާއެއްކަމަށް ޕްރެފެސާ އޮފިޓް ވިދާޅުވިއެވެ. މި މަރުހަލާއަކީ 10، 15 ނުވަތަ 20000 އެއްހާ މީހުންގެ ހަށިގަނޑުގައި ވެކްސިންގެ ކާމިޔާބީ ޓެސްޓު ކުރާނެ މަރުހަލާ ކަމަށާ، މި ވެކްސިނަކީ ކިހާ ރައްކާތެރި އަދި ކިހާ ކާމިޔާބު ވެކްސިނެއް ކަންވެސް މި މަރުހަލާގައި ދެނެގަނެވިގެންދާނެ ކަމަށް ޕްރޮފެސާ އޮފިޓް ވިދާޅުވިއެވެ.

މޮޑާނާއިން ތަރައްގީ ކުރަމުންދާ ވެކްސިނަކީ ބަލިން ދުރުކޮށްދޭ ވެކްސިނެއްކަން ނުވަތަ ނޫންކަމަށް ބާރުދޭ ހެކިތައް ލިބޭ ވަރު ވާނީ މިއަހަރުގެ ފަހު ކޮޅު ކަމަށް ޚަބަރު ލިބެއެވެ. ހުރިހާ ކަމެއް ރަނގަޅަށް ހިނގައްޖެ ނަމަ 2021 ވަނަ އަހަރުގެ ކުރީކޮޅު ވެކްސިނެއް ލިބޭ ވަރު ވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އާންމު ބޭނުމަށް ވެކްސިނެއް ލިބެން އަދި ދުވަސްކޮޅެއް ހޭދަވާނެ ކަމަށްވެސް ޚަބަރު ލިބެއެވެ.