މި ހިނގާ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަސް އަންނައިރު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދުރުކޮށްދޭނެ ވެކްސިނެއްގެ ރައްކާތެރުކަން ކަށަވަރު ކުރެވިފައި އޮވެދާނެ ކަމަށާ، ނަމަވެސް، އާންމު އުސޫލުން ބޭނުން ކުރާނެ ވެކްސިނެއް 2021 ވަނަ އަހަރުގެ ދުވަސްތަކެއް ފާއިތުވުމުގެ ކުރިން ލިބޭނެ ކަމަށް އުއްމީދު ނުކުރައްވާކަމަށް، ގައިންގައަށް އަރާ ބަލިތަކާ ބެހޭ އެމެރިކާގެ އިސް ތަޖުރިބާކާރު ޑރ އެންތަނީ ފައޫޗީ ވިދާޅުވެއްޖެއެވެ.
ވޮޝިންގްޓަން ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައި ޑރ ފައޫޗީ ވިދާޅުވީ، 2021 ވަނަ އަހަރަށް ފެށި މަސްތަކެއް ފާއިތުވާފަހުން، އެމެރިކާގައި ބޭނުން ކުރާނެ ވެކްސިނެއް ލިބިދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރާގު ކޮންމެވެސް ވަރަކަށް ބަދަލުވާން ފަށާފައިވާއިރު، މިކަމާ މެދު ހިތް ހަމަޖެހޭކަންވެސް ޑރ ފައޫޗީ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޖިސްމާނީ ގައިދުރުކަން އިސްކުރުމާ، މާސްކު ބޭނުން ކުރުން ފަދަ ކަންކަމަށް ޓްރަމްޕް މަދުން ނަމަވެސް އިރުޝާދު ދެއްވާކަމާ މެދު ހިތްހަމަޖެހޭ ކަމަށް ޑރ ފައޫޗީ ވިދާޅުވިއެވެ.
ކޮވިޑް-19 ޖައްސާ ވައިރަހާ ބެހޭ ގޮތުން ޑރ ފައުޗީ ވިދާޅުވީ، އަދިވެސް ޖަވާބު ބޭނުންވާ ސުވާލުތަކެއް އެބަހުރި ކަމަށެވެ. އަދި ޑިސެމްބަރު މަހާ ހިސާބަށް ލިބޭ ދިރާސާއަކުން، މިކަމަށް ބައެއް ޖަވާބުތައް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޑރ ފައޫޗީ ވިދާޅުވިއެވެ. އެގޮތުން ކުޑަކުދިންނަށް ކޮވިޑް-19ގެ އަސަރު ކުރާ މިންވަރާ، އެކުދިންގެ ފުށުން އެހެން މީހުންނަށް ބަލި ފެތުރިގެންދާ މިންވަރާ ބެހޭ މައުލޫމާތުތަކެއް ޑިސެމްބަރު މަހާ ހިސާބުގައި ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޑރ ފައޫޗީ ވަނީ ވިދާލުވެފައެވެ.
އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4.2 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 2 މިލިއަނަށްވުރެ ގިނަ ކޭސް ރެކޯޑްކޮށްފައިވާއިރު، 19098 ޕޭޝަންޓެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކައެވެ. 331 މިލިއަން މީހުންގެ އާބާދީއެއް އޮތް އެމެރިކާގައި މިހާތަނަށް 52 މިލިއަނަށްވުރެ ގިނަ ސާމްޕަލް ކޮވިޑް-19އަށް ޓެސްޓު ކޮށްފައިވެއެވެ. އެމެރިކާއިން ބަލި ޖެހުނު މީހުންގެ ތެރެއިން 2028074 މީހަކަށް ޝިފާ ލިބި، ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި، 148490 މީހަކު ވަނީ މި ދުނިޔެ ދޫކޮށްފައެވެ.
ދެން ކީއްކުރާ ބައެއްތީ ފައުޗީ.....!