ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބަށް ހާރިޖީ ފަރާތްތަކުން ނުފޫޒު ފޯރުވަމުންދާނެ ކަމަށް، ހުރިހާ އެންމެންވެސް ސަމާލުވެ ތިބުމަށް، ޖާސޫސުކުރުމާ ދެކޮޅަށް އެކުލަވާލާފައިވާ އެމެރިކާގެ އޭޖެންސީނގެ އިސްވެރިޔާ އިންޒާރު ކުރައްވައިފިއެވެ.

ރޭގެ ވަގުތެއްގައި ދެއްވި އިންޒާރުގެ މެސެޖުގައި އެމެރިކާގެ ނޭޝަނަލް ކައުންޓާއިންޓެލިޖެންސް އެންޑް ސެކިއުރިޓީ ސެންޓާގެ (އެންސީއެސްސީ)ގެ އިސްވެރިޔާ ވިލިއަމް އޭވަނީނާ ވިދާޅުވީ، ލިބޭ މައުލޫމާތު ރަނގަޅަށް ސްކްރީންކޮށް، އޮންލައިން މަސްދަރުތަކުގެ ސައްހަކަން ކަށަވަރުކޮށް، ޝައްކު ކުރެވޭ އެއްވެސް ކަމެއް ފާހަގަ ވާނަމަ، ކަމާ ބެހޭ ފަރާތްތަކަށް ވީ އެންމެ އަވަހަކަށް އެކަން ރިޕޯޓް ކުރަން ވާނެ ކަމަށެވެ.

އޭވަނީނާ ވިދާޅުވީ، އިންތިހާބުގެ ސަލާމަތްތެރިކަމާ ގުޅުންހުރި ކަންކަމުގައި ވޯޓުދޭން ތިބި އެމެރިކާގެ އާންމު މުޖުތަމައުގެވެސް ދައުރެއް އެބައޮތް ކަމަށެވެ. އެގޮތުން، ބޭރުގެ ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވާފާނެ ކަމަށް ފަރާވެރިވެ ތިބުމަށް އޭވަނީނާ ވަނީ ގޮވާލައްވާފައެވެ. އެހެންކަމުން މައުލޫމާތަށް ބެލުމުގައި ފާޑުވެރި ނަޒަރެއް ގެންގުޅުމާ، މައުލޫމާތައް ހިއްސާކުރުމުގައި އެ މައުލޫމާތެއް އަންނަ މަސްދަރުގެ ސައްހަ ކަން ކަށަވަރު ކުރުމާ، ސައިބާ ހައިޖީން ނުވަތަ އޮންލައިން ޕްލެޓްފޯމުން އަންނަ މައުލޫމާތަކީ ތަޣައްޔަރުކަމުން ސަލާމަތްވެފައިވާ މައުލޫމާތު ކަން ކަށަވަރު ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ވ) އަދި ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން (މ)/ފޮޓޯ: ކާޑްސްޗެޓް

2017 ވަނަ އަހަރުގެ ޖަނަވަރީ މަހު އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީން ކުރި ދިރާސާތަކުން ދެއްކި ގޮތުގައި، ރަޝިއާއިންވަނީ 2016 ވަނަ އަހަރުގެ އިންތިހާބަށް ނުފޫޒު ފޯރުވާފައެވެ. އެ ފަހަރު ރަޝިއާއިން ނުފޫޒު ފޯރުވަމުންދިއުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މިޙާރު ރައީސް ކަމުގައި ހުންނެވި ޑޮނާލްޑް ޓްރަމްޕަށް އިންތިހާބު ކަށަވަރު ކޮށްދެއްވުމެވެ. ނަމަވެސް ޓްރަމްޕް އެކަމާ ސުވާލު އުފައްދަވައެވެ.

ކަންމިހެން އޮތްއިރު މިފަހަރުގެ އިންތިހާބުގައި ސޯޝަލް މީޑިއާއާއި އެނޫންވެސް އެކި މީޑިއަމްތަކެއްގެ ބޭނުންކޮށްގެން ބޭރު ބަޔަކު އެމެރިކާގެ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް އޭވަނީނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ، ދާހިލީ މަސްރަހުގައި ކުރަމުންދާ މުޒާހަރާތަކާ، ދޮގު މައުލޫމާތުގެ ނާޖާއިޒު ފައިދާ އެ ފަރާތްތަކުން ނަގަމުންދާކަމަށް އޭވަނީނާ ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ތަފްސީލު ކޮށްދެއްވަމުން އޭވަނީނާ ވިދާޅުވީ އޭނާގެ އިދާރާގެ އެންމެ ބޮޑު ކަންބޮޑުވުންތަކެއް ގުޅިފައިވަނީ، ޗައިނާ، ރަޝިއާ އަދި އީރާނާ ކަމަށެވެ.

އިދިކޮޅު ޑިމޮކްރަޓުންވަނީ އޭވަނީނާގެ ވާހަކަތަކަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ވަކި 3 ގައުމެއްގެ ނަން ފާހަގަކުރެއްވި ކަމާ މެދު ޑިމޮކްރަޓުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.