ސައުދީ އަރަބިއްޔާގެ ރަސްގެފާނު، އުމުރުފުޅުން 84 އަހަރުގެ ސަލްމާން ބިން ޢަބްދުލްޢަޒީޒަށް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެއްވާ ފަށައިފިއެވެ.

ވެރިރަށް ރިޔާދުގެ ހޮސްޕިޓަލެއްގައި ސަލްމާން ރަސްގެފާން އެޑްމިޓް ކުރެވުނީ، ގޯލް ބްލެޑާ އިންފްލަމޭޝަންއަކާ ގުޅިގެން ކަމަށް ސައުދީގެ ދައުލަތުގެ މީޑިއާ (އެސްޕީއޭ) އާ ހަވާލާދީ ރޮއިޓާޒް ވަނީ ރިޕޯޓްކޮށްފައެވެ.

2015 ވަނަ އަހަރުން ފެށިގެން ސައުދީގެ ރަސްކަމުގައި ހުންނެވި ސަލްމާންގެ ހަށިކޮޅުގެ މެޑިކަލް ޗެކަޕް ހަދަމުން ދާކަމަށް އެސްޕީއޭއިން ޚަބަރު ދިން ނަމަވެސް، އެކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ސައުދީގެ ރަސްކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސަލްމާން ވަނީ ސައުދީގެ ވަލީއަހުދު ކަމާ، ބޮޑުވަޒީރުގެ ނައިބު ކަމުގެ މަގާމު ފުރުއްވާފައެވެ. މީގެ އިތުރުން ރިޔާދު ހިމެނޭ ސަރަހައްދުގެ ގަވަރުނަރުގެ ގޮތުގައި ބައި ގަރުނަށްވުރެ ގިނަ ދުވަހު އޭނާ ވަނީ ހިދުމަތް ކުރައްވާފައެވެ.

ގޯލް ބްލެޑާ ނުވަތަ ފިތަކީ އިންސާނާގެ މޭގަނޑުގެ ތެރެއަށް ނާސްޕާތީ (ޕެއާޒް ޒާތުގެ މޭވާ) އެއްގެ ބައްޓަމަށް ފެތިފައި އިންނަ ގުނަވަނެކެވެ. މިގުނަވަނުގައި ހަޖަމުކުރުމަށް އެހީތެރިވެދޭ ދިޔައެއް ކަމުގައިވާ ބައިލް ރައްކާކޮށްފައި ހުރެއެވެ.