އެމެރިކާގެ މަޝްހޫރު މަހުޖަނުންނާ ސިޔާސީ ލީޑަރުންވެސް ހިމެނޭހެން، އެމެރިކާގެ ވަރުގަދަ ޓްވިޓާ އެކައުންޓްތައް ހެކްކޮށް، ޒަމާނީ ފައިސާ ކްރިޕްޓޮކަރަންސީ ނެޓްވާކް (ބިޓްކޮއިން) ސްކޭމްއެއް ހިންގި ސަބަބު ތަފްސީލު ކޮށްދިނުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ސެނެޓް) އިން ޓްވިޓާއަށް މުހުލަތެއް ދީފިއެވެ.
މި ހާދިސާ ހިނގާ ދިޔަ ގޮތުގެ ތަފްސީލު، މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ބަޔާންކޮށްދިނުމަށް، ސެނެޓްގެ ކޮމާސް ކޮމިޓީންވަނީ ޓްވިޓާއަށް ސުންގަޑިއެއް ދީފައެވެ.
ހަމަލާ އަމާޒުވި ފަރާތްތަކުގެ ތެރޭގައި މަހުޖަނު އީލޯން މަސްކް، ޖެފް ބޭޒޯސް އަދި ބިލް ގޭޓްސް ހިމެނެއެވެ. މީގެ އިތިރުން، އެމެރިކާގެ އެންމެ މަގުބޫލު ރައީސް ބަރާކް އޮބާމާ، ޑިމޮކްރަޓިކް ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން އަދި މަޝްހޫރު ރެޕާ ކާންޏޭ ވެސްޓް ފަދަ ފަރާތްތަކުގެ ރަސްމީ ޓްވިޓާ އެކައުންޓަކަށް ހެކަރުންގެ ހަމަލާ އަމާޒުވިއިރު، އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި) އިން ވަނީ މިމައްސަލަ ބަލަން ފަށާފައެވެ.
ޓްވިޓާ ކުންފުނިން ބުނީ، ހެކަރުންގެ ހަމަލާ އެންމެ ފުރަތަމަ އަމާޒުވީ އެ ކުންފުނީގެ މުވައްޒަފުންތަކަކަށް ކަމަށާ، އެ މުވައްޒަފަކުންނަނީ ހައްސާސީ މައުލުމާތާ އާލާތްތަކަށް އެކްސެސް އޮންނަ މުވައްޒަފުން ތަކެއް ކަމަށެވެ. ވެރިފައިވެސް ކޮށްފައިވާ ބޮޑެތި އެކައުންޓްތަކެއް ހެކް ކުރުމާ ހިސާބަށް ހެކަރުން ދިޔައީ މި އުސޫލުން ސްޓާފުންނަށް ހަމަލާދީގެން ކަމަށެވެ.
މައްސަލަ އަދިވެސް ބަލަމުން އަންނަ ކަމަށާ، މިހާރުން މިހާރަށްވެސް ބައެއް ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް ޓްވިޓާއިން ބުނެއެވެ. އެގޮތުން އެކްސެސް އޮންނަ މިންވަރަށްވެސް ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް ޓްވިޓާ ކުންފުނިން ބުނެއެވެ.
ސައިބާ ސެކިއުރިޓީ ކުންފުނި ކްރައުޑްސްޓްރައިކް ގެ ކޯ ފައުންޑާ ޑިމިޓްރީ އަލްޕެރޮވިޗް ސިފަކުރި ގޮތުގައި މިއީ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް މިހާތަނަށް އަމާޒުވި އެންމެ ވަރުގަދަ ހަމަލާއެވެ.