ހަލުވިކަމާއެކު ފެތުރެމުންދާކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވާނެ ވެކްސިނެއް ތަރައްގީ ކުރުމަށް ބައޮޓެކްނޮލޮޖީ ކުންފުނި މޮޑާނާއާއި ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތަރައްގީ ކުރި ވެކްސިން، އިންސާނުންގެ ހަށިގަނޑުގައި ތަހުލީލު ކުރުމަށް ކުރިއަށް ގެންދިޔަ ފުރަތަމަ މަރުހަލާގެ ނަތީޖާ ކާމިޔާބު ކަމަށް ދިރާސާ ރިޕޯޓުން ދައްކައިފިއެވެ.

ފުރަތަމަ މަރުހަލާގެ ދިރާސާ ރިޕޯޓް ބުނާ ގޮތުގައި، މި މަރުހަލާގައި ބައިވެރިވި ހުރިހާ ވޮލަންޓިއަރުންގެ ހަށިގަނޑުން، ވައިރަހާ ދެކޮޅަށް އެދެވޭ އިޖާބައެއް ދީފައިވެއެވެ.

ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއު ކޮށްފައިވާ މި ދިރާސާ ރިޕޯޓަށް ބަލާއިރު، ވައިރަހާ ދެކޮޅަށް ވޮލަންޓިއަރުންގެ ދިފާއީ ނިޒާމުން އިޖާބަ ދީފައިވަނީ، ކޮންމެވެސް ވަރެއްގެ ސައިޑް އިފެކްޓްތަކަކާއެކުގައި ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން، އާދަޔާ ހިލާފަށް ވަރުބަލިވުން، ހީ ކުރެވުން، ބޮލުގައި ރިއްސުން، މަސްތަކުގައި ރިއްސުން، ވެކްސިން އިންޖެކްޓް ކުރި ސަރަހައްދުގައި ރިއްސުން ފަދަ ޝަކުވާތަކެއް ބައެއް ވޮލަންޓިއަރުން ވަނީ އުފުލާފައެވެ.

އެމެރިކާގެ ކެފޭއެއްގައި މަސައްކަތްކުރާ މުވައްޒަފަކު ހޭންޑް ސެނިޓައިޒާ ޑިސްޕެންސަރެއްގެ ކައިރީގައި/ފޮޓޯ: އެލެކްސް އެޑްލްމަން

މޮޑާނާގެ ވެކްސިނާ ބެހޭ ގޮތުން ޝާއިއު ކުރި މި ދިރާސާ ރިޕޯޓަކީ، ކޮވިޑް-19ގެ ވެކްސިނެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެމެރިކާގެ ކުންފުންޏަކުން އާންމު ކުރި މިފަދަ ފުރަތަމަ ރިޕޯޓެވެ.

ޚަބަރު ލިބޭ ގޮތުގައި މި ވެކްސިންގެ 3 ވަނަ މަރުހަލާގެ ތަހުލީލުތައް، މި މަހު ފަހުކޮޅު ފަށާނެއެވެ. މޮޑާނާގެ މި ވެކްސިނަކީ ކޮވިޑް-19އަށް އެކަށީގެންވާ ވެކްސިނެއްތޯ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާނީ ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާ 3 ވަނަ މަރުހަލާގެ ތަހުލީލުތަކުގެ ނަތީޖާއަށް ބެލުމަށްފަހުގައެވެ.

މޮޑާނާއިން ބުނީ ހުރިހާ ކަމެއް ރަނގަޅަށް ދާ ކަމަށްވާނަމަ، އަހަރަކު 500 މިލިއަން ޑޯޒް ގެ ވެކްސިން ސަޕްލައި ކޮށްދެވޭނެ ކަމަށާ، 2021 ވަނަ އަހަރުން ފެށިގެން ފަހަރުގައި، 1 ބިލިއަން ޑޯޒަށްވެސް މި އަދަދު އިތުރު ކުރެވިދާނެ ކަމަށެވެ.

ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ޑރ ލީސާ ޖެކްސަން ހާމަކުރި ގޮތުގައި، ވެކްސިންގެ ސަބަބުން ކޮވިޑް-19އާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުން އެދެވޭ އިޖާބައެއް ދިން ކަމުގައި ވީ ނަމަވެސް، ވައިރަހަށް އިންފެކްޓް ނުވެ، އެމީހަކަށް ރައްކާތެރިކަން ލިބިދާނެކަން އަދިވެސް ކަށަވަރު ނުވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ މިކަންކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ތަހުލީލުތަކަށް ތައްޔާރު ވުމުގެ މަސައްކަތްތައް ކަން ވެސް ޑރ ލީސާ ވަނީ ފާހަގަކުރައްވާފައެވެ.

އެމްއާރްއެންއޭ-1237 ގެ ނަންދީފައިވާ ވެކްސިންގެ ފުޅާ ދާއިރާގެ ތަހުލީލުތައް ފެށުމަށް މޮޑާނާއިން ތާވަލުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހަށެވެ. މި މަރުހަލާގައި 30000 އެއްހާ މީހުން ބައިވެރިވާނެއެވެ. މި އެންމަނަށްވެސް 2 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިން ދޭނީ 2 ހަފުތާގެ މުއްދަތުގެ ތެރޭގައެވެ. އެމެރިކާގެ 87 ސަރަހައްދެއްގައި މި ތަހުލީލުތައް ކުރިއަށް ގެންދާޏެ ކަމަށް ޚަބަރު ލިބެއެވެ.

އެމެރިކާގެ ބްރޫކްލިން ހޮސްޕިޓަލުގެ އެމާޖެންސީ ގޭޓް ކައިރިއަށް ޕޭޝަންޓެއް ބާލަނީ/ފޮޓޯ: މައިކް ލޯވްރީ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ރެކޯޑްތަކަށް ބަލާއިރު، މޮޑާނާގެ އެމްއާރްއެންއޭ-1237 ވެކްސިނާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ކޮވިޑް-19އާ ދެކޮޅަށް 23 ވެކްސިނެއް މިހާރު އޮތީ ކްލިނިކަލް ޓްރަޔަލް މަރުހަލާގައެވެ. ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ، ޒަމާނީ ބޭސްވެރިކަމުގެ ތާރީހު ނުދެކޭހާ ހަލުވި މިނެއްގައެވެ.