ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފައުވާނެ ވެކްސިނެއް ތަރައްގީ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފުރަތަމަ ވެކްސިންގެ ތަހުލީލީ މަރުހަލާތައް ފުރިހަމަކޮށް ނިންމާލައިފިއެވެ.

ވޮލަންޓިއަރުންގެ ހަށިގަނޑުގައި ވެކްސިން ތަހުލީލު ކުރުމަށް ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ނިންމާފައިވަނީ، ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެއް މުއައްސަސާ ކަމަށްވާ، ރަޝިއާގެ ސޭޝެނޯފް ޔުނިވާސިޓީއިންނެވެ.

އިންސްޓިޓިއުޓް ފޮ ޓްރާންސްނޭޝަނަލް މެޑިސިން އެންޑް ބައޮޓެކްނޮލޮޖީގެ ޑައިރެކްޓާ ވާޑީމް ޓާރަސޯފް ވިދާޅުވީ، ވެކްސިންގެ ތަހުލީލީ މަރުހަލާގައި ބައިވެރިވި ފުރަތަމަ ބެޗްގެ ވޮލަންޓިއަރުން، އަންނަ ބުދަ ދުވަހު ދޫކޮށްލާނެ ކަމަށެވެ. އަދި ދެވަނަ ބެޗްގެ ވޮލަންޓިއަރުން މިމަހުގެ 20 ވަނަ ދުވަހު ދޫކޮށްލާނެ ކަމަށްވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

ޓާރަސޯފް ވިދާޅުވީ ދުނިޔޭގައި ފުރަތަމަ ފަހަރަށް އުފެއްދި ކޮވިޑް-19ގެ ވެކްސިންގެ ތަހުލީލީ މަރުހަލާތައް ނިންމާލާފައިވަނީ ކާމިޔާބު ކަމާއެކުގައި ކަމަށެވެ.

ރަޝިއާގެ ގަމާލޭއި އިންސްޓިޓިއުޓް އޮފް އެޕިޑީމިއޮލޮޖީ އެންޑް މައިކްރޮބައޮލޮޖީއިން ތަރައްގީ ކުރި ވެކްސިންގެ ތަހުލީލީ މަރުހަލާތައް، ސޭޝެނޯފް ޔުނިވާސިޓީއިން ފެށީ ޖޫން 18 ވަނަ ދުވަހުއެވެ.

ސޭޝެނޯފް ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް މެޑިކަލް ޕެރަސައިޓޮލޮޖީ އެންޑް ވެކްޓާ ބޯން ޑީޒީޒަސްގެ ޑައިރެކްޓާ އެލެކްޒޭންޑާ ލުކަޝޭފް ވިދާޅުވީ، މި މަރުހަލާތަކަކީ، ވެކްސިނަކީ އިންސާނުންގެ ސިއްހައްތަށް ރައްކާތެރި ވެކްސިނެއްކަން ކަށަވަރު ކުރުމަށް ކުރިއަށް ގެންދިޔަ މަރުހަލާތަކެއް ކަމަށެވެ. ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ވެފައި ވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިނެއް ތަރައްގީ ކުރުމުގެ މަސައްކަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާއިރު، އެންމެ އަވަހަށްވެސް ވެކްސިނެއް ލިބޭނެ ކަމަށް ބެލެވެނީ 2021 ވަނަ އަހަރު އެވެ.