އަންނަ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުން ޖާގަ ހޯދުމަށް އެސްޓަން ވިލާއިން ކުރަމުން އަންނަ މަސައްކަތުގައި އެޓީމަށް ރޭ ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.
ރޭ އިންގްލިޝް ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު 2-0 އަކުން ކާމިޔާބުކޮށްގެން ވިލާ މިވަނީ މުހިއްމު ތިން ޕޮއިންޓް ހޯދާފައެވެ. ރޭގެ މެޗުގައި ވިލާއަށް ދެލަނޑު ވެސް ކާމިޔާބުކޮށް ދިނީ އެޓީމަށް ކުޅޭ މިސްރުގެ ކުޅުންތެރިޔާ ޓްރެޒަގޭއެވެ.
އޭނާ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފް ނިމެން ދަނިކޮށެވެ. އަދި މެޗުގެ 56 ވަނަ މިނެޓްގައި އޭނާ ޖެހި ދެލަނޑާއެކު 2-0 އަކަށް ސްކޯ ހެދިއެވެ.
ރެފްރީގެ ކަށިގަނޑަށް ފަހު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި މެޗުގެ ރެފްރީ ވަނީ ޕެލަސްގެ ފޯވަޑް ކްރިސްޓިއަން ބެންޓެކޭއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ. ބެންޓެކޭއަކީ ކުރިން ވިލާއަށް ކުޅުނު ކުޅުންތެރިއެކެވެ.
ރޭގެ މެޗުން ވިލާއަށް ލިބުނު މޮޅަކީ އެޓީމުން އެންމެ ފަހުން ކުޅުނު 11 މެޗުން ލިބުނު ފުރަތަމަ މޮޅެވެ. ލީގުގައި އެސްޓަން ވިލާ އެންމެ ފަހުން މޮޅުވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މި މޮޅާއެކު ލިބުނު ތިން ޕޮއިންޓުން އެސްޓަން ވިލާ މިވަނީ ރެލިގޭޝަންއިން ސަލާމަތްވުމާ ހަތަރު ޕޮއިންޓް ކައިރިއަށް ޖެހިލާފައެވެ. ސީޒަންގައި ބާކީ ތިން މެޗު އޮތް އިރު ތާޥަލުގެ ފުލުން ދެވަނައިގައި އޮތް ވިލާއަށް އަދި ވެސް ސަލާމަތްވެވޭނެ ކަމަށް ބެލެވެއެވެ.
ރޭގެ މެޗުން ބަލިވި ޕެލެސް މިވަނީ ފަސް މެޗުން ޖެހިޖެހިގެން ބަލިވެފައެވެ.