އައިއޯއެސް މެދުވެރިކޮށް ފޭސްބުކަށް ވަންނަ ފަރާތްތަކުން ބޭނުން ކުރާ ސްޕޮޓިފައި އަދި ޕަބްޖީ ފަދަ އެޕްލިކޭޝަންތައް ލޯންޗްކުރުމާއެކު ކްރޭޝްވުމުގެ ޝަކުވާތަކެއް ފެންމަތިވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި މި ތަކުލީފާ ކުރިމަތިލާންޖެހިފައިވަނީ އައިފޯނު ބޭނުން ކުރާ ފަރާތްތަކަށެވެ. އެންޑްރޮއިޑް ޔޫޒާސްއަށް މިކަމުގައި ހާސް ކަމެއް އަދި ނެތް ކަމަށް ބުނެވިދާނެއެވެ.

ސްޕޮޓިފައިއިން ވަނީ މައްސަލައއް އުޅޭ ކަމަށާ، އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.

ފޭސްބުކް ޓީމުންވެސް ވަނީ މިކަހަލަ ކަމެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދީފައެވެ. ފޭސްބުކް ޓީމުގެ މެމްބަރަކު ބުނި ގޮތުގައި މައްސަލަ ކުރިމަތިވީ ސޮފްޓްވެއާ ޑިވަލިޕްމަންޓް ކިޓް ނުވަތަ އައިއޯއެސް އެސްޑީކޭއަށް ކަމަށާ، އެޕްތައް ކްރޭޝްވަނީ އެ ސަބަބާ ހެދި ކަމަށެވެ.

މައްސަލަ ޖެހޭ އެޕް އަންއިންސްޓޯލް ކުރުމަށް ފަހު އަލުން އިންސްޓޯލް ކޮށްގެން މައްސަލަ ހައްލު ނުވެދާނެ ކަމަށް ބުނެވެއެވެ. ފޭސްބުކް ކުންފުނިން ވަނީ އައިއޯސް މެދުވެރިކޮށް ފޭސްބުކަށް ވަންނަ ފަރާތްތަކުން މިވަގުތު ބޭނުން ކުރަމުންދަނީ އެންމެ ފަހުގެ ވާޝަން ތޯ ކަށަވަރުކޮށް، އެ ވާޝަން އިންސްޓޯލް ކުރުމަށް އިރުޝާދު ދީފައެވެ.