ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ވުރެ ނުރައްކާތެރި، ގޮތް ނޭނގޭ ހުމެއް ކަޒަކިސްތާނުގައި ފެތުރެމުންދާ ކަމަށް ބުނެ ޗައިނާގެ އޮފިޝަލުން އާންމުކުރި އިންޒާރުގެ ރިޕޯޓް، ކަޒަކިސްތާނުން ދޮގު ކޮށްފިއެވެ.

ކަޒަކިސްތާނުގައި ހުންނަ ޗައިނާގެ އެމްބަސީން އާންމު ކުރި އިންޒާރުގެ ބަޔާން ދޮގުކޮށް، ކަޒަކިސްތާނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކަޒަކިސްތާނުގެ ސިއްހަތާ ބެހޭ އިދާރާއާ އެނޫންވެސް އޭޖެންސީތަކުން ފުރިހަމަ ތަހުގީގުތަކެއް ހިންގަމުން ދާ ކަމަށާ، ނަމަވެސް އެ ބުނާ ޒާތުގެ ނިއުމޯނިއާ ވައިރަހެއް ފާހަގަ ކުރެވިފަ ނުވާ ކަމަށެވެ.

ނަމަވެސް އިރު ކޮޅެއް ފަހުން، ކަޒަކިސްތާނުގެ ސިއްހަތާ ބެހޭ ވުޒާރާއިންވަނީ، ޖެހެނީ ކީއްވެކަން ނޭނގި ޖެހޭ ޒާތެއްގެ ނިއުމޯނިއާއެއް އެގައުމުގަ އުޅޭ ކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް އެއީ އާ ނިއުމޯނިއާއެއް ނޫން ކަމަށާ، ބަލިމަޑުކަމެއްގެ ދަރަޖާގައި އެ ބަލި ފެތުރެމުންދާ ބައްޔެއް ނޫންކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ޗައިނާގެ ހާރިޖީ ވުޒާރާއިން މިއަދު ވަނީ، މިކަމާ ބެހޭ އިތުރު ތަފްސީލުތައް ކަޒަކިސްތާނުން ފޯރުކޮށްދޭންޖެހޭ ކަމަށް ބުނެފައެވެ.