"ދި އެޑިޝަން"ގެ އެޑިޓަރު ރާއީ މުނައްވަރަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ހުށަހަޅައިގެން އުޅޭ މައްސަލައެއްގެ ތުހުމަތުގައި، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ހަސަން އިސްމާއިލް، ރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުގައި ހުންނަވައިގެން މަސައްކަތުގެ މާހައުލުގައި މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުތަކެއް ތިލަވެފައިވާ މި ދަނޑިވަޅުގައި ރައީސް އޮފީހުގެ ސީނިއާ މުވައްޒަފެއްގެ ފަރާތުން ވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތު އޮތް މައްސަަލައެއް ފުލުހުން ބަލަން ފަށާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ރޭ ފުލުހަށް ހަސަން ހާޒިރުކޮށްފައިވާ އިރު އޭނާ ފުލުހަށް ހާޒިރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނެފައި ވަނީ ހަސަން އިސްމާއިލްގެ މައްޗަށް ތުހުމަތު ކުރެވޭ "ޖިންސީ އަމަލެއް ހިންގަން އެދުނު" މައްސަލައެއް މި ދިޔަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ދަނީ ތަހުގީގު ކުރެވެމުން ކަމަށާއި މި މައްސަލަ ތަހުގީގު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރުވެސް ދަނީ ކުރެވެމުން ކަމަށް ފުލުހުުން ބުނެފައި ވެއެވެ.

މި މައްސަލައަކީ މިދިޔަ ފެބްރުއަރީ މަހުގައި ފެންމަތިވެފައިވާ މައްސަލައަކަށް ވާއިރު، މި ކަމާ ގުޅިގެން މީގެ ކުރިން ހަސަން އިސްމާއިލްގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ދާދި ފަހުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ، މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ފެންމަތިވުމާއެކު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. އެ މައްސަލައާ ގުޅުވާ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހައްސާން ފުއާދު ވެސް ވަނީ މަގާމުން ވަކި ކޮށްފައެވެ.

ހަމައެއާއެކު މިހާރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް އަންހެނަކު ވާހަކަ ދައްކާ އޯޑިއޯއެއް ސޯޝަލް މީދިއާގައި ދަނީ ދައުރުވަމުންނެވެ. މި އޯޑިއޯގެ ސައްހަ ކަން ބެލުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.