ހިތް ނުރުހޭ އަޑުތައް ހިމޭން ކުރުމަކީ ޗައިނާގެ ސަގާފަތެއް ކަން ބައިނަލްއަގުވާމީ މުޖުތަމައު ގަބޫލުކުރެއެވެ. އަނެއްކާވެސް ޗައިނާއިން މިވަނީ އެފަދަ ޖަރީމާއެއް ހިންގާފައެވެ. މިފަހަރު އިދިކޮޅު ސިޔާސީ އެކްޓިވިސްޓެއް ނޫނެވެ. ނޫސްވެރިއެއްވެސް ނޫނެވެ. ލޭ ކޭކުއިން ނަމަކަށް ކިއާ މިއުޒީޝަނެކެވެ. އޭނާގެ ކުށަކަށް ވީ، ޗައިނާގެ ޚުދުމުޚުތާރު ކޮމިއުނިސްޓް ލީޑަރު، ޝީ ޖީންޕިންގްއާ ސިފައިގެ ގޮތުން އެއް ގޮތް ކަމެއް ހުރުމެވެ.

ލޫ އަކީ އޮޕޭރާ ލަވަ ކިއިގެން އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދަމުން އަންނަ ފަންނުވެރިއެކެވެ. މަސައްކަތް ކުރަނީ ބާލިންގައެވެ. ނަމަވެސް ޗައިނާގައި އޮތް އޭނާގެ ފޮލޯވާޒްއަށް އެއްވެސް ހުނަރެއް ދައްކާ ނުލެވޭނެކަން ޗައިނާއިން މިހާރު އޮތީ ކަށަވަރު ކޮށްފައެވެ.

ޗައިނާއިން ބުނާ ގޮތުގައި ލޫގެ ސިފައަކީ އެގައުމަށް އޮތް ނުރައްކަލެކެވެ. އެ ގައުމުގެ ވެރިޔާއަށް ކުރާ ފުރައްސާރައެކެވެ. އޭނާގެ ހައްގަށް އުނިކަން އަންނަ ކަމެކެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި އެ ގައުމެއްގެ ލީޑަރާ ވައްތަރު ދެވަނަ މީހަކު ފެނިއްޖެނަމަ އެމީހެއްގެ ޝަރަފު މަތިވެއެވެ. ރައީސްގެ ބޮޑީޑަބަލްއަކަށް ވުމުގެ ފުރުސަތުވެސް ދީފައި އެބަހުއްޓެވެ. ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން އަކީ މިކަމަށް އަރާ ހުންނެވި ޝަހްސެކެވެ.