ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ދެކޮޅަށް މުޅި ދުނިޔެ ކުރަމުންދާ ވަރުގަދަ ހަނގުރާމާގައި މި ބަލިމަޑުކަމާ ދެކޮޅަށް ބޮޑު ނަސްރެއް ލިބުނު ކަމަށް ނިއުޒީލަންޑްއިން އިއުލާން ކުރިތާ މާ ގިނަ ދުވަހެއް، ބަލީގެ އިތުރު ކޭސްތަކެއް ފެންނަން ފަށާ، ސަރުކާރަށް ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށް، ނިއުޒީލަންޑްގެ ސިއްހަތާ ބެހޭ ވަޒީރު ޑޭވިޑް ކްލާކް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކޮވިޑް-19ގެ ފެތުރުން ކޮންޓްރޯލް ކުރުމަށް ނިއުޒީލަންޑްގައި ތަންފީޒު ކުރަމުންދިޔަ ފިޔަވަޅުތަކާ ހިލާފަށް އޭނާގެ އާއިލާ "ބީޗް" ސަރަހައްދަށް ގެންދެވި މައްސަލައާއި ގުޅިގެން ކްލާކްގެ ހައިސިއްޔަތުވެސް ވަނީ ޑީމޯޓްކޮށްފައެވެ.

މަގާމުން އިސްތިއުފާ ދެއްވަމުން ކްލާކް ވިދާޅުވީ އެ މަގާމުގައި އޭނާ ދެމި ހުރުމަކީ، ނިއުޒީލަންޑްގެ ސަރުކާރުން ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ހަގީގަތުން އެއްކިބާ ކުރުވާނެ ކަމެއް ކަމަށެވެ. އަދި ވަޒީރު ކަމުގައި ހުންނަވައިގެން އެޅުއްވި ހުރިހާ ފިޔަވަޅަކާ ނިންމެވި ހުރިހާ ނިންމެވުމުގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށްވެސް ކްލާކް ވަނީ ވިދާޅުވެފައެވެ.

މިވަގުތަކީ ނިއުޒީލަންޑްގައި ކޮމިއުނިޓީ ޓްރާންސްފާއެއް ނެތްކަން ކަށަވަރު ވެފައިވާ ވަގުތަކަށް ވާއިރު، މިއީ އިސްތިއުފާ ދެއްވަން އެންމެ ރަނގަޅު ވަގުތު ކަމަށް ކްލާކް ވަނީ ހާމަކުރައްވާފައެވެ.

މީގެ ކުރިންވެސް ކްލާކް ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް އެދި ހުށަހަޅުއްވާފައެވެ. ނަމަވެސް ކޮވިޑް-19ގެ ކާރިސާ ކުރިއަށް ދިއުމާއެކު އޭރު އެ މަގާމުގައި އޭނާ ބަހައްޓާފައި ހުރީއެވެ.

ބޮޑުވަޒީރު ޖެސީންޑާ އެޑާންވެސް މިހާރު ވަނީ ކްލާކްގެ އިސްތިއުފާ ގަބޫލު ކުރައްވާފައެވެ. އަދި ކްލާކްގެ ނިންމެވުން ގަބޫލުކުރައްވާކަމަށާ، އެހެނީ، ނިއުޒީލަންޑްގެ ލީޑާޝިޕަށް، އެ ގައުމުގެ އާންމުންގެ އިތުބާރު އޮންނަންޖެހޭތީ ކަމަށްވެސް އެޑާން ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ނިއުޒީލަންޑްގައި އޮންނަ އިންތިހާބާ ހިސާބަށް، ސިއްހަތާ ބެހޭ ވުޒާރާ ވަގުތީ ގޮތުން ހިންގަވާނީ، އެގައުމުގެ ތައުލީމާ ބެހޭ ވަޒީރު ކްރިސް ހިޕްކިންސްއެވެ.