މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓްކުރަން ފެށި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިނެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޗައިނާގެ އަސްކަރިއްޔާގެ މެމްބަރުންނަށް ވަކި ބާވަތެއްގެ ވެކްސިނެއް ދީގެން ތަޖުރިބާ ކުރުމަށް ޗައިނާގެ ސަރުކާރުން ހުއްދަ ދީފިއެވެ.

ޗައިނާގެ އަސްކަރިއްޔާގެ މެމްބަރުންނަށް ދޭ ވެކްސިން (އޭޑީ5-އެންކޯވް) ތަރައްގީ ކޮށްފައި ވަނީ ވެކްސިން ކުންފުނި ކެންސީނޯ ބައޮލޮޖިކްސްއާއި ޗައިނާ ސަރުކާރުގެ އެކަޑަމީ އޮފް މިލިޓަރީ މެޑިކަލް ސައެންސަސް ގެ ބައެއް ކަމަށްވާ، ބެއިޖީންގް އިންސްޓިޓިއުޓް އޮފް ބައޮޓެކްނޮލޮޖީ ގުޅިގެންނެވެ.

ޗައިނާގައި އުފާފާޅުކުރުންތަކެއް ކުރިއަށްދަނީ/ފޮޓޯ: ޝީންހުއާ ނިއުސް

އަސްކަރިއްޔާއަށް ހާއްސަކޮށްގެން މި ވެކްސިން ތަޖުރިބާ ކުރުމުގެ ހުއްދަ، ޗައިނާގެ ސެންޓަރަލް މިލިޓަރީ ކޮމިޝަނުން ދީފައިވަނީ ހުސްވި ޖޫން މަހުގެ 25 ދުވަހު ކަމަށް ކޭންސީނޯއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ. މި ހުއްދައަކީ 1 އަހަރު ދުވަހުގެ މުއްދަތަށް ދޫކޮށްފައިވާ ހުއްދައެކެވެ. މި ހުއްދައިގެ ދަށުން، މި ވެކްސިން ދެވޭނީވެސް ހަމައެކަނި އަސްކަރިއްޔާގެ މެމްބަރުންނަށެވެ.

ޗައިނާއިން ދަނީ އެ ގައުމުގެ އަސްކަރިއްޔާ އޮތީ ކޮވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތްވެފައި ކަމަށާ، ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ)ގެ އެންމެ މެމްބަރަކުވެސް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ނުވާނެ ކަމަށް ވަކާލާތު ކުރަމުންނެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުން ދަނީ މި ދައުވާއަށް އިންކާރު ކުރަމުންނެވެ. އެހެނީ ޕީއެލްއަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ ބިޔަ ފައުޖަށް ވެފައި، މި ފައުޖުގައި އެންމެ މީހަކުވެސް ކޮވިޑް-19އަށް ޕޮޒިޓިވް ނުވުމަކީ ނާދިރު ކަމަކަށް ވުމުންނެވެ.