އެ އެޕްލިކޭޝަންތަކަކީ ގައުމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، މަޝްހޫރު 'ޓިކްޓޮކް' އެޕާއެކު 59 އެޕެއް ބޭނުން ކުރުން އިންޑިއާއިން މަނާކޮށްފިއެވެ.

މި އެޕްތަކުގެ ތެރޭގައި މުޅިންވެސް ހިމެނެނީ އިންޑިއާގެ ޒަމާންވީ އަދުއްވު ކަމުގައިވާ ޗައިނާއިން ކޮންޓްރޯލް ކުރާ އެޕްލިކޭޝަންތަކެވެ.

މި އެޕްލިކޭޝަންތައް ބޭނުން ކުރުން މަނާކޮށް، އިންޑިއާގެ ސަރުކާރުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ އެޕްލިކޭޝަންތަކަކީ އިންޑިއާގެ ނަޒާހާތްތެރިކަމާ އިސްތިގުލާލުގެ އިތުރުން ގައުމީ ސަލާމަތާ އާންމު މުޖުތަމައުގެ ހަމަޖެހުމަށްވެސް އޮތް ނުރައްކަލެއް ކަމަށެވެ.

އިންޑިއާއާއި ޗައިނާގެ ގުޅުން އަނެއްކާވެސް އިންތިހާއަށް ނުތަނަވަސްވަމުން މި ދަނޑިވަޅުގައި އިންޑިއާއިން މަނާކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި، ވީޗެޓްވެސް ހިމެނެއެވެ.

ޗައިނާގެ ސޯޝަލް މީޑިއާ އެޕްލިކެޝަން ޓިކްޓޮކް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ފައިނޭޝަލް އެކްސްޕްރެސް

އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ ވުޒާރާއިން ބުނީ، ޗައިނާގެ 59 އެޕްލިކޭޝަނެއް އިންޑިއާގައި ބޭނުން ކުރުން މަނާ ކުރަން ޖެހުނީ، އެ އެޕްލިކޭޝަންތައް މެދުވެރިކޮށް މައުލޫމާތުގެ ވައްކަން ކޮށް، އެކައުންޓް ބޭނުން ކުރާ ފަރާތުގެ އިޒުނައެއް ނެތި މައުލޫމާތު ހިއްސާކުރުމުގެ އަމަލުތަކެއް ހިންގަމުންދާ ކަމުގެ ގިނަ އަދަދެއްގެ ޝަކުވާތައް ލިބެމުންދާތީ ކަމަށެވެ.

އާންމު އުސޫލުން، ޗައިނާއިން ވަނީ މި ތުހުމަތުތައްވެސް ދޮގުކޮށްފައެވެ.

ބައިނަލްއަގުވާމީ ވެއްޓަށް ބަލާއިރު ޓިކްޓޮކްގެ އެންމެ ބޮޑު ބާޒާރަކީ އިންޑިއާއެވެ. މިވަގުތު އިންޑިއާގައި ޓިކްޓޮކް ބޭނުންކުރާ 120 މިލިއަނެއްހާ ޔޫޒާސް އެބައުޅެއެވެ.