މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް، ސިންގަޕޫރުން ހާއްސަ ޑިވައިސެއް ބަހަން ފަށައިފިއެވެ.
"ޓްރޭސްޓުގެދާ"ގެ ނަމުން ނަން ދީފައިވާ މި ޑިވައިސްއަކީ، ކޮންޓެކްޓް ޓްރޭސް ކުރުމަށް ބޭނުން ކުރާ ޑިވައިސެކެވެ. މި ޑިވައިސަކީ ސިންގަޕޫރު ސަރުކާރުން މީގެ ކުރިން ތައާރަފު ކުރި ކޮންޓެކްޓް ޓްރޭސިންގް އެޕްލިކޭޝަންގެ ބަދަލުގައި ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބްލޫޓޫތު ޓޯކަންތަކެކެވެ.
"ޓްރޭސްޓުގެދާ" ޓޯކަން ހާއްސަކޮށްފައިވަނީ މޯބައިލް ފޯނު ބޭނުން ނުކުރާ މީހުންނަށެވެ.
މި ޑިވައިސްގެ ފުރަތަމަ ބެޗު ބަހާފައިވަނީ ދޮށީ އުމުރުގެ މީހުންގެ ތެރެއިން އެންމެ ނާޒުކު ހާލުގައި ތިބި މީހުންނަށާ، އާއިލީ އެއްބާރުލުން ނުލިބޭ މީހުންނަށާ، ހެލިފެލިވެއުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ.
ހާއްސަ ކިއުއާރް ކޯޑެއް ދީގެން ފަރުމާ ކޮށްފައިވާ މި ޑިވައިސް ޗާޖު ކުރާކަށް ނުޖެހެއެވެ. މި ޑިވައިސާއެކުގައި ވާ ބެޓެރިއަކީ ގާތްގަނޑަކަށް 9 މަހެއްހާ ދުވަހަށް ބޭނުން ކުރެވޭނެ ބެޓެރިއެއް ކަމަށް މައުލޫމާތު ލިބެއެވެ.
"ޓްރޭސްޓުގެދާ" ޓޯކަންއަކީ އެޕްލިކޭޝަން މެދުވެރިކޮށް ކޮންޓެކްޓް ޓްރޭސް ކުރާ ފަރާތްތަކުގެ މައުލޫމާތުވެސް ނަގާ ގޮތަށް އުފައްދާފައިވާ ޓޯކަންއެކެވެ. މި ޑިވައިސް ބޭނުން ކުރާ މީހަކާ، ޕޮޒިޓީވް ކޭހަކާ ދިމާވެފައި ހުރެއްޖަނަމަ އެ ޑިވައިސް ބޭނުން ކުރާ މީހާއަށް އެކަން އަންގަނީ ކޮންޓެކްޓް ޓްރޭސް ކުރުމަށް ހާއްސަ ކޮށްފައިވާ އޮފިސަރުންގެ ތެރެއިން އޮފިސަރެކެވެ.
މިއީ މީހުންގެ ޒާތީ ސިއްރިއްޔާތަށް އުނިކަން ގެނުވާނެ ޑިވައިސެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރަމުންދާއިރު، ސިންގަޕޫރުގެ ސަރުކާރުން ވަނީ، މިއީ މީހުން ހެލިފެލިވާ ގޮތް މޮނިޓާ ކުރާނެ ޑިވައިސެއް ނޫންކަމަށާ، މި ޑިވައިސަށް ނަގާ މައުލޫމާތަކީ އެންކްރިޕްޓް ކޮށްފައިވާ މައުލޫމާތު ކަން، ކަށަވަރުކޮށްދީފައެވެ. އަދި މި ޑިވައިސްތަކަކީ ޖީޕީއެސް ހަރުކޮށްފައިވާ ޑިވައިސްތަކެއް ނޫންކަމަށްވެސް ސިންގަޕޫރުގެ ސަރުކާރުން ބުނެއެވެ.
ސިންގަޕޫރުގެ އަދުގެ ހާލަތަށް ބަލާއިރު ޖީއެމްޓީ ގަޑިން ރޭ މެންދަމު 00:00 އިން ފެށިގެން މިވަގުތާ ހިސާބަށް އެގައުމުން 202 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ސިންގަޕޫރުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމުލަ އަދަދު 43661 އަށް އަރާފައިވާއިރު، މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައި ވަނީ 6127 ކޭހެވެ. މި ބަލީގައި އެ ގައުމުން 26 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ.