ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރުމުންދިޔަ ފިޔަވަޅުތަކުގެ ތެރެއިން ބަންދުކޮށްފައިވާ ބައިނަލްއަގުވާމީ ވައިގެ ބަނދަރު، ފަތުރުވެރިންނަށް ހުޅުވާލުމަށް ކުރިން ހަމަޖެއްސި ތާރީހަށް ބަދަލު އައިސްދާނެ ކަމަށް އެ ގައުމުން އިޝާރާތް ކޮށްފިއެވެ.

ސްރީލަންކާގެ ވައިގެ ބަނދަރު، ބައިނަލްއަގުވާމީ ފަތުރުވެރިންނަށް ހުޅުވާލުމަށް ކުރިން ތާވަލު ކޮށްފައި އޮތީ އޯގަސްޓް މަހުގެ 1 ވަނަ ދުވަހަށެވެ.

ސްރީލަންކާގެ ފަތުރުވެރިކަމާ ވައިގެ އުދުހުންތަކާ ބެހޭ ސިނާއަތުގެ ވަޒީރު ޕްރަސަންނާ ރަނަތުންގާ ވިދާޅުވީ، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް ފަތުރުވެރިންނަށް ހުޅުވާލުން ލަސްކުރަން ޖެހުނު ކަމުގައި ވީ ނަމަވެސް، އޯގަސްޓް 1 ވަނަ ދުވަހަށް އެއާޕޯޓް ހުޅުވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

ފަތުރުވެރިންނަށް ބަނދަރު ހުޅުވާލުން ލަސްވާނީ، ސްރީލަންކާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން، އެނބުރި ލަންކާއަށް ދަތުރު ކުރުމަށް އެދެމުންދާތީ ކަމަށާ، އެ އޮޕަރޭޝަން ފުރިހަމަ ކުރުމަށް ވަގުތުތަކެއް ހޭދާ ވާނެތީ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ 50000 އެއްހާ ބިދޭސީ މަސައްކަތްތެރިން، އެނބުރި ސްރީލަންކާއަށް ވަނުމަށް އެދެމުންދާ ކަމަށާ، މިކަން ކުރަނީ އެމްބަސީތައް މެދުވެރިކޮށް ގެން ކަމަށެވެ.

މި ހުރިހާ އެންމެނަށްވެސް ސްރީލަންކާއަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސާދިނުމަށް ރައީސް ގޮތަބާޔާ ރާޖަޕަކްސަ އެދިވަޑައިގަންނަވާކަމަށާ، މި މަރުހަލާގައިވެސް ރައްކާތެރިކަން ކަށަވަރު ކުރުމަށް ރައީސް ގޮވާލައްވާފައިވާކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާއަށް އެތެރެވާ ހުރިހާ މަސައްކަތްތެރިންގެ ޕީސީއާރް ޓެސްޓެއް ހަދާނެ ކަމަށާ، ނަތީޖާ ލިބެން ގަޑިއިރުތަކެއް ހޭދަވާނެއިރު، ކުރިން ލަފާކުރި ވަގުތަށް ވުރެ ގިނަ ވަގުތުތަކެއް މިކަމުގައި ހޭދަވެދާނެ ކަމަށް ރަނަތުންގާ ވަނީ ވިދާޅުވެފައެވެ.

އަމާޒަކީ އޯގަސްޓް މަހުގެ1 ވަނަ ދުވަހު ފުރަތަމަ ފަތުރުވެރިޔާ ގެނައުން ކަމަށާ، ނަމަވެސް އަދުގެ ހާލަތަށް ބަލާއިރު، އޯގަސްޓް މަހުގެ 15 ނުވަތަ މަސް ނިމޭ ކޮޅަށްވެސް މިކަން ލަސްވެގެން ހިނގައިދާނެ ކަމަށް ވަޒީރު ވަނީ އިޝާރާތް ކުރައްވާފައެވެ.

ސްރީލަންކާގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް ނިންމާ، އިއްޔެއިން ފެށިގެން އެ ގައުމުން ވަނީ ކާފިއުގެ އަމުރު އުވާލާފައެވެ. އަންނަ ޖުލައި މަހުގެ 6 ވަނަ ދުވަހު ކިއެވުން ފެށުމަށްޓަކައި، މިއަދު ސްކޫލްތައް ހުޅުވައިގެން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ޚަބަރު ލިބެއެވެ.

ސްރީލަންކާއިން މިހާރު ދަނީ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު އޮންނަ އާންމު އިންތިހާބަށް ތައްޔާރު ވަމުންނެވެ. ނަމަވެސް އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން، އެއްވެސް ކެންޑިޑޭޓަކަށް ވަކި އޮފީސް/ޖަގަހަ ހަދައިގެން މަސައްކަތް ނުކުރެވޭނެ ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.