މިއަހަރުގެ ފިތުރު އީދު ރާއްޖޭގައި ކުރެވިގެން ދިޔައިރު އެއްބަޔަކު އީދު ނަމާދު ކުރީ ލޮކްޑައުންގައި ގޭގޭގައި ތިބެއެވެ ލޮކްޑައުންގެ ހާލަތު ނެތް ރާއްޖޭގެ ބައެއް ރަށްރަށުގައި މިސްކިތާއި ރަށްރަށުގެ ބޯޅަ ދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްފައިވެއެވެ.

މިއަދުގެ އީދު ހުތުބާ ކިޔުން އޮތީ، ލޮކްޑައުންގައި ނެތް ރަށްރަށުގައި އޮތް ޖަމާއަތްތަކުގައި ކަމުން މިއަދުގެ ހުތުބާވެސް ހާއްސަވެގެން ދެއެވެ.

މިއަދުގެ ހުތުބާގައި ގޮވާލި އެއް ކަމަކީ އީދު ގޭގައި ތިބެގެން ފާހަގަ ކުރަން ޖެހުނަސް، އެކުވެރިކަން އާލާކޮށް އެންމެންނަށް އަޅާލާ ރަހުމް ކުރުމަށެވެ. އީދު ޝަރަފުވެރިވެގެން ދަނީ ހަމައެކަނި އުފާފާޅުކުރުމުން ނޫންކަން ފާހަގަ ކުރަމުން، މުއްސަނދިންނާއި ފަގީރުންނާއި މިސްކީނުންނަސް ހެޔޮ ފޯރުކޮށްދީ އީދުގެ އުފަލުގައި އެންމެން ބައިވެރިކުރަން ގޮވާލިއެވެ.

ހަމައެހެންމެ ކޮރޯނާވައިރަހުގެ މިހާލަތުގައި ވެސް އަވަށްޓެރިންނާއި ރަހުމަތްތެރިންނާއި ގާތް ތިމާގެ މީހުންނަށް އީދުގެ ތަހުނިޔާ ފޮނުވުމަށް މިއަދުގެ ހުތުބާގައި ގޮވާލިއެވެ.

ލޮކްޑައުންގައި މާލޭގެ ގެއެއްގައި ކުރި އީދު ނަމާދުގެ ތެރެއިން ....

މިއަދު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ނަމާދު ކުރެވިގެން ދިޔަ އިރު، ގޭގޭގައި އާއިލާ އެކުގައި އީދުނަމާދު ކުރުމާއި އީދުގެ "ސައި" އާއިލާ އެކުގައި ބުއިންފަދަ ހަރަކާތްތައް ހިންގާފައި ވެއެވެ.

މިއަހަރުގެ ފިތުރު އީދު ދިވެހިންނާ ބައްދަލު ކުރި އިރު، މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށް އޮތީ މިމަހުގެ 28 ގެ ނިޔަލަށް ލޮކްޑައުން (ފުރަބަންދު) ކޮށްފައެވެ.