ގައުމު ކިތަންމެ ކުޑަވެފައި މީސްކޮޅު ކިތަންމެ މަދު ނަމަވެސް ދިވެހީންނަކީވެސް މުއްސަނދި ސަގާފަތަކާއި ދިގު ތާރީހެއް އޮތް ބައެކެވެ. އެއީ ގައުމީ ކަމެއް ނަމަވެސްމެއެވެ. ކޮންމެ ގައުމެއްގައި ވެސް އެ ގައުމަކަށް ނިސްބަތްވާ ކަންކަން ހުރެއެވެ. އެގޮތުން ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކަކީ ރާއްޖެ އަންނަ ކޮންމެ މީހަކުވެސް އެންމެ ހިތްހަމަޖެހޭ އެއް ކަމެވެ. އެއީ ގުރަތީ ކަމަށް ވާއިރު، ގައުމީ ކަންކަންވެސް މި ރާއްޖޭގައި ވަކި މަދޭ ބުނެވޭކަށް ނެތެވެ. ދިވެހިންގެ ރަހަތަކާއި ދިވެހި ކެއުމަކީ ދިވެހިންގެ އިތުރުން ރާއްޖެ އަންނަ ބޭރު ފަތުރުވެރިންވެސް މިހާރު ބަލައިގެންފައިވާ ރަހަތަކެކެވެ.

ކާބަފައިންގެ ޒަމާނުއްސުރެ ކަމުން އައި މި ޒަމާންވީ ކެއުމަކީ ރާއްޖޭގެ ތަކެތީގެ ރަހަތަކެވެ. ދިވެހިންގެ އަތްތަކުން ދިވެހި ދަނޑުތަކުގައި ހައްދާ މޭވާ ތަރުކާރި އާއި ދަނޑު ގޮވާމުގެ ބާވަތްތަކާއި ދިވެހި ކަނޑުަތަކުން ބާނާ މަހުގެ ކެއުންތަކެވެ. ދައްކަން މިއުޅެނީ ދިވެހި ކެއުމުގެ ވާހަކައެވެ. ދިވެހިންގެ ލެޔާ ގުޅިފައިވާ ކާނާގެ ވާހަކައެވެ. ދިވެއްސަކަށް ވީތި ފަހުރުވެރިވޭ ބުނާ ކޮންމެ މީހަކީ ދިވެހި ކެއުމަކާ ނުލައި އުޅެން އުނދަގޫވާނެ މީހަކަށް ވާނެކަން ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ކާބަފައިން އާންމުކޮށް ކައިއުޅުނު ކެއުން ތަކަކީ މިހާރު ސުފުރާމަތި ފުރިހަމަ ކޮށްލުމަށް އެންމެ ހާއްސަ ތަކެއްޗަށް ވަނީ ވެފައެވެ. ސުފުރާ މަށްޗަށް ނަގާ ދިވެހި ކަނޑުތަކުން ބާނާ ތާޒާ މަހުގެ ހޫނު ގަރުދިޔަ އާއި ތާޒާ ފިހުނު މަހާއި ކަނޑު މަހުން ކައްކާ އޮލަ ރިހާކުރަކީ ދިވެހިންގެ ދޫ ތަކުން ފިލައިގެން ގޮސްފައިވާ ރަހަތަކެއް ނޫނެވެ. މި ތަކެއްޗާއެކު ހޫނު ބަތާއި ފިޔާ، މިރުސް، ލޮނާއި ލުނބޯ އެއްކޮށްގެން ކެއުމަކީ އިހު ދިވެހިންގެ އާންމު ކެއުމަކަށް ވާއިރު، މިއަދުވެސް ދިވެހިންގެ ދޫ ތަކުގައި އެ ރަހަ ހުރީ ދެގޮތެއް ނުވެއެވެ.

ދިވެހި ކެއުމެއް

އިސްލާމް ދީނުގައި ފާހަގަ ކުރާ ދުވަސް ތަކުގައި ބާއްވާ އާއިލީ ބައްދަލުވުންތަކާއި ޕާޓީ ހަފްލާތަކުގައިވެސް އެންމެ ހިނގާ ކެއުމަކަށް ވަނީ ދިވެހި ކެއުމެވެ. ހުކުރަކަސް ހޮނިހިރަކަސް ބޮޑު އީދު ދުވަހަކަސް ކުޑަ އިދު ދުވަހަކަސް ދިވެހިންނަށް ހަމަ އެންމެ ކަމުދަނީ ދިވެހި ކެއުމެވެ. ރަމަޟާން މަހުގެ ކުރިން ދިވެހިން ސަގާފަތުގައި އޮންނަ މާހެފުމަށް ދިވެހި ކެއުން ތައްޔާރު ކޮށްފައިވާ ފަރާތްތަށްވެސް މަދޭ ބުނެވޭކަށް ނެތެވެ. މާތްވެގެންވާ ރަމަޟާން މަހަށް ފަހު އަނެއްކާވެސް މުސްލިމުންނާ ބައްދަލު ކޮށްފައިވާ ފިތުރު އީދު ދުވަހަކީވެސް ދިވެހި ރަހަތަށް ތައްޔާރު ކުރުމަށް ލިބުނު އިތުރު ފުރުސަތަކަށް މި ވަނީ ވެފައެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއަށް އައިސް ބަލި ފެތުރުން ހުއްޓުވުމަށް ލޮކްޑައުން އިއުލާންކޮށް އާއިލާ އާއިއެކު ވަގުތު ހޭދަކުރުމަށް ލިބިފައިވާ މި ފުރުސަތުގައި ދިވެހި ރަހަތަށް ތައްޔާރު ކޮށްލާށެވެ. ބޭރަށް ފިހާރައަށް ގޮސް ތަކެތި ގަނެގެން ގެނައުމުގެ ބަދަލުގައި ދިވެހި ކެއުމުން ތައްޔާރުކުރާ ބާވަތްތަށް ހަދާލާށެވެ. ރަހައާއި އެއްވަރަށް ހިތްހަމަޖެހުންވެސް ލިބޭނެއެވެ. މި އީދު ދުވަހު ކުކުޅާއި ބިރިޔާނީ ހެދުމަށް ވުރެ ދިވެހި ކެއުމަކުން ނިންމާލުން މާ ރަނގަޅުވާނެއެވެ.

ދިވެހި ކެއުމެއް

އީދު ދުވަހުގެ ސުފުރާމަށްޗަށް ދިވެހި ކެއުން:

އާންމު ދިރިއުޅުމުގައި ކައި އުޅޭ ދިވެހި ކެއުން ތަފާތު ކޮށްލުމަށް ފުރިހަމަ ދިވެހި ކެއުމެއް ތައްޔާރު ކުރާށެވެ. އެގޮތުން ތައްޔާރު ކުރެވިދާނެ ބައެއް ބާވަތްތަކަކީ ބަތް، ބަނބުކެޔޮ ބަތް، އަލަ ބަތް، ފަޅޯ ބަތް، ކިހަވައް ބަތް، ގަރުދިޔަ، ފިހުނު މަސް، ވަޅޯމަސް، ރިހާކުރު، ރިހާކުރު ދިޔަ، ފުނޑިމިރުސް، ފެނު ބަނބުކެޔޮ، އަލަ، ކައްޓަލަ، ދަނޑި އަލުވި، ލުނބޯ، ފިޔާ، މިރުސް، ހުނި، މާޅޮސްކެޔޮ، ފަތް (ތެލުލި ފަތް، ފަތް މޮޑެފައި) ހަކުރު، މަސްފެން ތައްޔާރު ކޮށްލާށެވެ.

ދިވެހި ކެއުމެއް---

މީގެ އިތުރުން އިހު ދިވެހިން ފޮނި ކާއެއްޗެއްގެ ގޮތުގައި ބޭނުން ކުރަމުން އައި ބަނބުކެޔޮ ބޮނޑިބަތާއި ހަނޑުލު ބޮނޑިބަތް ތައްޔާރު ކުރެވިދާނެއެވެ.

ލޮނުމިރުސް

ތައްޔާރު ކުރާނެ ގޮތް:

ދިވެހި ކެއުމުގައި ހިމެނޭ އެންމެ މުހިންމު އެއް ބާވަތް ދައިން ފުނޑަމުން އައި ނަމަމަވެސް ޒަމާނަށް އައި ބަދަލާއެކު، މިކްސްޗަރަށް ބަދަލު ވެފައެވެ. ރަހައިގެ ގޮތުން ކުޑަ ތަފާތު ކަމެއް ހުރި ނަމަވެސް މި ރެސިޕީއަކީ އިހު ދިވެހިން ލޮނު މިރުސް ނުވަތަ ލޮނު ފުނޑަމުން އައި ގޮތެވެ.

ދިވެހި ލޮނުމިރުސް / ފޮޓޯ: ސޯޝަލް މީޑިއާ

ބޭނުންވާ ތަކެތި:

  • 1 ފިޔާ
  • 3 ލޮނުމެދު
  • 1 ކޯޅި ހިކަނދިފަތް
  • 1 ސައިސަމްސާ ދިރި (ނުމުގުރާ ހުރި)
  • 1 ގިތެޔޮ މިރުސް
  • 1 ސައިސަމްސާ އަސޭމިރުސް (ނުމުގުރާ ހުރި)
  • ހިކިމިރުސް (އެމީހަކު ކުޅި ރަހަ ލައްވަން ބޭނުން ވަރަށް)
  • ކާށި (ތުނިކޮށް ކޮށާފަ)
  • ލުނބޮލެއްގެ 1/2
  • 2 ބިލަމަގު
  • 1 ސައިސަމުސާ ލޮނު (ބޭނުން ނަމަ ރަހަ ލާވަރަށް)

ތައްޔާރު ކުރާނެ ގޮތް:

ތަވާ އެއް ހޫނު ކުރުމަށް ފަހު ތުނިކޮށް ކޮށާފައިވާ ކާށިކޮޅު ތަވާގައި އަތުރާލާށެވެ. އެއަށް ފަހު ގިނި ކުޑަކޮށް ގަދަކޮށް މުށި ކުލަ އަރަން ދެން ކާށިކޮޅުގެ ދެފުއް ފިހެލާށެވެ. (ބޭނުން ނަމަ ކުޑަކޮށް ކާށި ކޮޅު އަންދާލާށެވެ. ކުޑަކޮށް ކާށި ކޮޅު އަންދާލުމުން ލޮނު މިރުސްގަނޑުގެ ރަހަ ރަނގަޅުވެއެވެ.) ކާށިކޮޅު ފިހެވި މަޑު ހޫނު ކަމުގައި ހުއްޓައި މިކްސްޗަރުން ހިމުން ވާ ވަރަށް މުގުރާލާށެވެ. އެއަށް ފަހު ބޯތަށްޓަކަށް އަޅާ ބަހައްޓާށެވެ.

ފިޔައާއި ލޮނުމެދު ތަންކޮޅެއް ބޯކޮށް ކޮށާލާށެވެ. ފިޔާ އާއި ލޮނުމެދާއި ހިކަނދިފަތާއި ލޮނު މިކްސްޗަރަށް ލާ މުގުރާލާށެވެ. އޭގެ ތެރެއަށް ދިރި އަސޭމިރުސް، ބިލަމަގާއި ހިކި މިރުހާއި ރޯމިރުސް ލާ މުގުރާލާށެވެ. އެއަށް ފަހު އޮލަވާވަރުގެ ކުޑަ ފެންފޮދެއްލާ އަނެއްކާވެސް މުގުރާލާށެވެ.

ކުރިން ތައްޔާރުކުރި ހުނީގެ ތެރެއަށް މުގުރި މިރުސްގަނޑު އެއްކޮށްލާށެވެ. (އެއްކުރާނީ ސަމްސަލަކުންނެވެ.) ރަނގަޅަށް އެއްވުމުން ލުނބޯހުތް ފެލާ އެއްކޮށްލާ ލޮނުރަހަ ބަލައިލާށެވެ. ރަހަބަލާ އެމީހަކަށް ކަމުދާ ވަރަކަށް ރަހަ ހެޔޮވަރު ކޮށްލާށެވެ. އޭރަށް ހުންނާނީ އިހު ދިވެހިން ކާން ބޭނުން ކުރި ރަހައިގެ ލޮނު މިރުސް ތައްޔާރު ކުރެވިފައެވެ.

ދިވެހި ކެއުމަކީ މިހާ މުއްސަނދި ބާވަތްތަކެއް އެކުލެވޭ ކެއުމަކަށް ވާއިރު މިއީ މިފަދަ ވަގުތެއްގައި ދޫކޮށްލަން ހެޔޮވާ ވަރުގެ ރަހަތަކެއް ހެއްޔެވެ. އެއީ އިހު ޒަމާނެވެ. ނަމަވެސް އެއީ މިއަދުވެސް އަހަރެމެންގެ ދޫ ތަކުގައި ނުކެނޑު ހުރި ރަހަތަކެވެ. ކާބަފައިން ދަސްކޮށްދީފައި ވާ ފުދުންތެރި ދިރި އުޅުމުގައި ބޭނުންކުރި ރަހަތަށް މިއަދުގެ މި ޖީލާ ހަމައަށް އައި އިރުވެސް ބޭނުން ކުރަން ލިބުމަކީ ފަހުރުވެރި ވާން ޖެހޭ ކަމެކެވެ. ދިވެހި ރަހަތަށް ތަފާތެއް ނެތި އަރުތެރޭގައި ލުމަކީ އަހަރެމެން ޝުކުރުވެރިވެ ބަލައިގަންނަން ޖެހޭ ކަމެކެވެ. ދިވެހިންގެ އަތްތަކުން ހައްދާފައިވާ ދަނޑު ގޮވާމުގެ ބާވަތްތަކާއި ދިވެހި ދަރީން ދިވެހިންގެ ކަނޑުތަކުން ބާނާ މަހުގެ ބާވަތްތަކަކީ ކާބަފައިންގެ ދިރިއުޅުން ފިލާ ނުގޮސް އޮތް ކަމުގެ ހެއްކެކެވެ.