ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އުފަންދުވަހުގެ ޕޯސްޓުތައް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޓްވީޓް ކުރައްވައިފިއެވެ.
ރައީސް ނަޝީދު ރިޓްވީޓް ކުރައްވާފައި ވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އަދި މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރައްވާފައިވާ ޓްވީޓްތަކެވެ. އެގޮތުން މިއަދަކީ މިއީ ރައީސް ޔާމީންގެ 61 ވަނަ އުފަންދުވަހެވެ.
ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރައްޔިތުންގެ ހާލަތަށް އެންމެބޮޑު ކުރިއެރުމެއް ގެނެސްދެއްވި ދިވެހި ތާރީހް ރަން އަކުރުން ފަވާނެ ހިދުމަތްތެރި ރައީސަށް އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ. އަދި އިންސާފު ނުލިބި ނުހައްގުން ޖަލުގައި ހުންނެވުމަކީ ދިވެހި ގައުމަށް ލިބިގެންދިޔަ ބޮޑުހިތާމައެއް ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ދިވެހި ގައުމު އެދި ގޮވަނީ ރައީސް ޔާމީންގެ ހިދުމަތަށް ކަމަށާއި، މިއަށްވުރެން ވަކިން ބޮޑަށް ރައީސް ޔާމީންގެ ހިދުމަތް ގައުމަށް ބޭނުންވި ދުވަސްވަރެއް ނާންނަ ކަމަށެވެ. އަދި ހައްގަށް ނަސްރުލިބޭނެ ކަމަށާއި، ނުފޫޒްގެ ބާރުގަދަވިޔަސް ﷲގެ ކުޅަދުންވަންތަކަން މާބޮޑު ކަމަށް ސައީދު ވިދާޅުވިއެވެ.
ޝިޔާމް ކުރެއްވި ޓްވީޓުގައި ވަނީ ރައީސް ޔާމީނަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެ ޅެމެކެވެ.
ރައީސް ޔާމީންގެ 61 ވަނަ އުފަންދުވަހުގެ ތަހުނިޔާ ވިޔާފައިވާ ޓްވީޓްތަކެއް ރައީސް ނަޝީދު ރިޓްވީޓް ކުރައްވާފައިވާއިރު، ރައީސް ޔާމީން ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުގެ ސަބަބުން 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވާ ޓްވީޓްތަކުގައި އެއީ ނުހައްގު ޖަލު ހުކުމެއް ކަމަށް ވެސް ބުނެފައިވެއެވެ.
ރައީސް ޔާމީނަށް އަމާންކަމާއި ރައްކާތެތިކަން މިންވަރު ކުރައްވާށި... ނުޙައްގު އަނިޔާތަކަށް ނިމުން ދެއްވާށި... އާމީން....