މަލާއިކަތުންނަށް އީމާންވާނީ ކިހިނެއް؟
1 – މަލާއިކަތުންނަށް އީމާންވުމުގައި، އެ މަލާއިކަތުންނަކީ ޣައިބުގެ ޢާލަމުތަކުގެ ތެރެއިން ޢާލަމެއްކަމާއި، މީސްތަކުންގެ ލޯމައްޗަށް ﷲ ތައާލާގެ އިޒްނައާއެކު އެއިލާހު އިރާދަކުރެއްވި އަޅަކަށް އެމަލާއިކަތުން ފެނުންވެސް އެކަށީގެންވާކަމަށް އީމާންވާންޖެހެއެވެ. ނަމަވެސް އަޞްލަކީ އެ މަލާއިކަތުންނަކީ މީސްތަކުންގެ ލޯމައްޗަށް ނުފެންނަ މަޚްލޫޤެއްކަމާއި އެއީ ނޫރުން ޚަލްޤުކުރެވިފައިވާ މަޤްލޫޤެއްކަމަށް އީމާންވާންޖެހެއެވެ. އަދި އެމަލާއިކަތުން ދުވަހަކުވެސް ﷲ ތަޢާލާއަށް ނުއުރެދޭނެކަމާއި ﷲ ތަޢާލާ އަމުރުކުރައްވާ ކޮންމެކަމެއް ކުރައްވާކަމަށް އީމާންވާންޖެހެއެވެ. ﷲ ތަޢާލާ التحريم ސޫރަތުގެ 6 ވަނަ ވަޙީކުރައްވާފައި ވެއެވެ. ” لا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ” މާނަ : ” އެމަލާއިކަތުންނަކީ ﷲ ތަޢާލާގެ އަމުރުރުފުޅުތަކަށް އުރެދޭ ބަޔެއްނޫނެވެ. އަދި އަމުރު ވެވޭ ކަންތައްތައް ކުރައްވައެވެ.”
2 – އަދި އަޅުގަނޑުމެނަށް ކީރިތި ޤުރުއާނާއި ނަބިއްޔާޞައްލަﷲ ޢަލައިހި ވަޞައްލަމަގެ ޞައްޙަ ޙަދީޘްތަކުން، ޘާބިތުވާންހުރި، މަލާއިކަތުންގެ ނަންފުޅުތަކާއި އަދި އެމަލާއިކަތުންގެ وَظِيْفَة ތައް ޤަބޫލުކޮށް އެއަށް އީމާންވާންޖެހެއެވެ.
މާލާއިކަތުންނަށް އީމާންވުމުގެތެރެއިން ލިބޭ ބައެއް ފައިދާތައް:
ﷲ ތަބާރަކަ ވަތަޢާލާގެ މަތިވެރިކަމާއި އެއިލާހުގެ ވެރިކަމުގެ ހައިބަވަންތަކަމާއި ބޮޑުކަން ހާމަވެގެންދެއެވެ.އާދަމުގެ ދަރިންގެ ރައްކާތެރިކުރެއްވުމަށް ﷲ ތަޢާލަ މަލާއިކަތުން ލައްވާފައިވުމުން ، އެކަމަށްޓަކައި އެއިލާހަށް ޝުކުރުވެރިވުން.ﷲ ތަޢާލާގެ އަށް އަޅުވެތިވުމުގައި ތިބޭ އަޅުންނަށް މަލާއިކަތުން ލޯބިކުރުން. އަދި މަލާއިކަތުންގެ އެމީހުންނަށްޓަކައި އިސްތިޣްފާރުކުރުން.[1] (اسْجُدُوا لِآدَمَ ) ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި މިތަނުގައި ސަޖިދަކުރަން އަމުރުކުރައްވާފައިވަނީ ތަޙިއްޔަތުގެ ސަޖިދަ އެކެވެ. މާނައަކީ އިޙްތިރާމް ކުރުމުގެ ގޮތުން ގުދުވެލުމެވެ. އެއީ ބިންމައްޗަށް ތިރިވެ ނިތްކުރި ޖައްސައިގެން ކުރާ ސަޖިދަ އެއް ނޫނެވެ. ސަބަބަކީ ނިތްކުރި ޖައްސައިގެން ކުރާ ސަޖިދަ އަކީ ހަމައެކަނި ﷲ އަށް ކުރެވޭ ސަޖިދަ އަކަށް ވާތީވެއެވެ.
ނަމަވެސް ރަގަޅު ގޮތަކީ މިއީ ނިތްކުރިމައްޗަށް ތިރިވެ ކުރެވޭ ސަޖިދަ އެއް ކަމަށެވެ. މިފަދައިން ސަޖިދަ ކުރެވެނީ ﷲގެ އަމުރުފުޅު ތަންފީޛު ކުރުމުގެ ގޮތުންނަމަ، އެކަންވާނީ ކިޔަމަންތެރި ވުމަށެވެ. އިބްރާހީމް ޢަލައހިއްސަލާމް އަށް އެކަލޭގެފާނުގެ ދަރިކަލުން ޛަބަޙަ ކުރުމަށް ކުރެވުނު އަމުރު ތަންފީޛު ކުރައްވާ އެކަން ކުރުމަށް މަސައްކަތް ކުރެއްވިއެވެ. އަމިއްލަ ދަރި މަރާލުމަކީ އޭގެ ސަބަބުން ރަޙިމްގެ ގުޅުން ކެނޑިގެންދާ ބޮޑު ފާފައެކެވެ. ނަމަވެސް، ﷲ ގެ އަމުރުފުޅަށް އެކަން ކުރެއްވުމުގެ ސަބަބުން އެކަމަކީ ﷲ އަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރެވުނު ކަމެއްކަމުގައިވިއެވެ. އެހެންކަމުން، އާދަމް ޢަލައިހިއްސަލާމް އަށް ސަޖިދަ ޖަހަން ކުރެވުނު އަމުރަކީ ﷲ ގެ ޙަޟްރަތުން އައި އަމުރެއް ކަމުން، އެކަން ވެގެންދާނީ ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ކުރެވުނު ކަމަކަށެވެ. ނަމަވެސް، އެނޫންގޮތަކަށް ކުރެވުނު ކަމެއްނަމަ، އެކަންވާނީ ޝިރްކަކަށެވެ.
އާދަމް ޢަލައިހިއްސަލާމް އަކީ އެންމެހައި އިންސާނުންގެ ބަފައެވެ. މާތް ﷲ އެކަލޭގެފާނު އުފައްދަވާފައިވަނީ މަށިން، އެކަލާންގެ ދެއަތްޕުޅުންނެވެ. އެކަލާންގެ ދެއަތްޕުޅުން އުފެއްދެވީ އާދަމް ޢަލައިހިއްސަލާމް އާއި ޖަންނަތު ޢަދްނެވެ. އަދި ތައުރާތު ލިޔުއްވީ އެކަލާންގެ އަތްޕުޅުންނެވެ. އެކަލޭގެފާނަކީ ނަބިއްޔެކެވެ.
( فَسَجَدُوا) ﷲގެ އަމުރުފުޅު ތަންފީޛު ކުރައްވާ ހުރިހާ މަލާއިކަތް ބޭކަލުން ސަޖިދަ ކުރެއްވިއެވެ.
( إِلَّا إِبْلِيسَ ) އިބްލީސްފިޔަވައެވެ. އިބްލީސް އަކީ ޝައިޠާނާ އެވެ. އޭނާ ސަޖިދަ އެއް ނުކުރެއެވެ. އޭނާ ﷲ އަށް ކިޔަމަންތެރި ވުމުން ބޭރުވީއެވެ. ބޮޑާކަމާއި ޙަސަދަވެރި ކަމާއި އެކު ސަޖިދަ ކުރުމުން މަނާވެގަތީއެވެ.
(فَفَسَقَ عَنْ أَمْرِ رَبِّهِ ) އޭނާގެ ރައްބަށް ކިޔަމަންތެރިވުމުން ބޭރުވެގަތެވެ.
ބައެއް ބޭފުޅުން ވިދާޅުވެދާނެއެވެ. މިއާޔަތުގެ ބޭރުފުށުން ފެންނަ މާނަ އަކީ އިބްލީސް އަކީ މަލާއިކަތެއް ބޭކަލެއް ކަމަށެވެ. ނަމަވެސް، ޙަގީގަތަކީ އެއީ އެއް ނޫނެވެ. ސަބަބަކީ އޭގެ ފަހަތުގައި އަންގަވަނީ ( إِلَّا إِبْلِيسَ ) "އިބްލީސް ފިޔަވައެވެ." އަދި އެއަށްފަހު އަންގަވަނީ (كَانَ مِنَ الْجِنِّ ) އޭނާވީ ޖިންނީންގެ ތެރެއިންނެވެ. އެހެންކަމުން، މަލާއިކަތް ބޭކަލުންނަށް އާދަމް ޢަލައިހިއްސަލާމް އަށް ސަޖިދަ ކުރުމަށް އަމުރު ކުރެއްވުނު ފަދައިން، ޖިންނީންނަށްވެސް އެކަމުގެ އަމުރު ކުރެއްވުނެވެ.
އިބްލީސް ނުކިޔަމަންތެރިވުމުގެ ގޮތުން ބުނިކަމަށް ސޫރަތު ޞާދުގެ 76 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( قَالَ أَنَا خَيْرٌ مِّنْهُ ۖ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ ﴿٧٦﴾ ) “އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން، މާމޮޅެވެ. އިބަރަސްކަލާނގެ ތިމަންހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށިންނެވެ.”
(أَفَتَتَّخِذُونَهُ) މިތަނުގައި މުޚާޠަބު ކުރައްވާފައި މިވަނީ އިބްލީސް އާއި އޭނާގެ ދަރިފަސްކޮޅު ﷲ ފިޔަވާ އެހީތެރިންކަމުގައި ހެދިމީހުންނަށެވެ. އެގޮތުން އެބައިމީހުން ޝައިޠާނާ އަށް އަޅުކަންކޮށް، އަދި ﷲ އަށް އަޅުކަން ކުރުމުން ދުރުހެލިވެގަތީއެވެ. ސޫރަތު ޔާސީންގެ 60 އަދި 61 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَن لَّا تَعْبُدُوا الشَّيْطَانَ ۖ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ ﴿٦٠﴾ وَأَنِ اعْبُدُونِي ۚ هَـٰذَا صِرَاطٌ مُّسْتَقِيمٌ ﴿٦١﴾ ) މާނައަކީ: " އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން شيطان އާއަށް އަޅުކަން ނުކުރުމަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަމުރުނުކުރައްވަން ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ތިޔަބައިމީހުންނަށްހުރި، ފާޅުވެގެންވާ عداوة ތެރިޔެކެވެ. އަދި ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ."
(وَذُرِّيَّتَهُ ) އޭނާގެ ދަރިފަސްކޮޅު. ބައެއް މީހުން ސުވާލުކުރެއެވެ. އިބްލީސްގެ އަންބަކު ހުރޭ ހެއްޔެވެ؟ ބައެއް ސަލަފުންނާއި މިސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވެފައިވެއެވެ. "އޭނާގެ ކައިވެނީގެ ޢަގްދަށް ތިމަންނާ ޙާޟިރު ނުވަމެވެ." ޙަގީގަތުގައި މިއީ ބޭނުމެއް ނެތް ސުވާލެކެވެ. އަޅުގަޑުމެންގެ މައްޗަށް ވާޖިބު ވެގެންވަނީ ގުރްއާނުގައި އަންގަވާފައިވާ މިންވަރަށެވެ. ގުރްއާނުގައި އަންގަވާފައިވަނީ އޭނާގެ ދަރިފަސްކޮޅެއްވާ ކަމަށެވެ. އެއީ އަންބެއްގެ ފަރާތުން ވިޔަސް ނުވަތަ ނޫން ވިޔަސް އެވެ. މަންމަ އަކާއި ނުލާ ޙައްވާ ޢަލައިހިއްސަލާމް އުފެއްދެވި ފަދައިން އިބްލީސް އަށް އަންބަކާ ނުލާ ދަރިފަސްކޮޅެއް ދެއްވުމަށް ކުޅަދުންވަންތަ ވޮޑިގެންވެއެވެ.
(أَوْلِيَاءَ مِن دُونِي ) ތިމަން ﷲ ފިޔަވާ، އެބައިމީހުންނަކީ ތިޔަބައިމީހުން ލޯބިވާ ބަޔަކު ކަމުގައި ހަދާ، އަދި އެބައިމީހުންގެ އަމުރުތަކަށް ތަބަޢަވެ،
( وَهُمْ لَكُمْ عَدُوٌّ ) އެބައިމީހުންނަކީ ތިޔަބައިމީހުންގެ ޢަދާވާތްތެރިން ކަމުގައިވީ ހިނދުގައިވެސް، އެބައިމީހުން އަރިސްބަޔަކު ކަމުގައި ހަދަނީއެވެ. ސޫރަތުލް ބަގަރާގެ 208 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ ﴿٢٠٨﴾ ) މާނައަކީ: " އަދި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެ شيطان އާ އަކީ ތިޔަ ބައިމީހުންނަށް ހުރި بيان ވެގެންވާ عدوّ އެކެވެ."
ސޫރަތު ފާޠިރުގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ ﴿٦﴾ ) މާނައަކީ: " ހަމަކަށަވަރުން، شيطان އާއަކީ، ތިޔަބައިމީހުންނަށްވާ عداوة ތެރިޔެކެވެ. ފަހެ، އެ شيطان އާއީ، عداوة ތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ جماعة އަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ أهل ވެރިންގެތެރެއިން ވުމަށެވެ."
(بِئْسَ لِلظَّالِمِينَ بَدَلًا ﴿٥٠﴾ ) "އަނިޔާވެރިންނަށްހުރި ބަދަލެއްގެ ނުބައިކަމާއެވެ!"
(مَّا أَشْهَدتُّهُمْ خَلْقَ السَّمَاوَاتِ وَالْأَرْضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ الْمُضِلِّينَ عَضُدًا ﴿٥١﴾ ) އުޑާއި ބިން އުފެއްދެއްވުމުގައި ތިޔަބައިމީހުން އެފަރާތަކަށް ކިޔަމަންތެރިވެފައިވާ އިބްލީސް އާއި އޭނާގެ ދަރިފަސްކޮޅު ބައިވެރި އެއް ނުކުރައްވަމެވެ. އަދި އެތަކެތި ހެއްދެވުމަށް އެބައިމީހުން ހެކިއެއްވެސް ނުކުރައްވަމުއެވެ. އެ ޝައިޠާނުން އުފެއްދެވުމުގެ މާކުރިން އުޑާއި ބިން ވަނީ އުފައްދަވާފައެވެ. އަދިކިއެއްތަ، އެތަކެތި ހެއްދެވީ ހަމައެކަނި ތިމަން އިލާހެވެ. އެކަމުގައި ތިމަން އިލާހާއި އެކުގައި އެހެން ބައިވެރިޔަކު ނުވެއެވެ. މަގުފުރައްދާ ޝައިޠާނުންނަކީ ތިމަން ﷲ ގެ އެހީތެރިން ކަމުގައި ނުހައްދަވަމުއެވެ. ވީމާ، ތިޔަބައިމީހުން ތިމަން ﷲ އަށް އަދާކުރަންޖެހޭ ޙައްގު އެބައިމީހުންނަށް ދޫކޮށްލާ، އެބައިމީހުންނަކީ ތިމަން ﷲ ފިޔަވާ ތިޔަބައިމީހުންނަށް އެހީތެރިވާ ބަޔަކު ކަމުގައި ހެދީ ކޮން ހަމައަކުން ހެއްޔެވެ؟
( وَمَا كُنتُ مُتَّخِذَ الْمُضِلِّينَ عَضُدًا )
( الْمُضِلِّينَ ) މަގުފުރައްދާ މީހުން،
(عَضُدًا ) ތިމަން ﷲ ގެ ދީނަށް ނަޞްރުދޭނޭ ފަރާތެއްކަމުގައި، ސަބަބަކީ މަގުފުރައްދާ މީހުންނަކީ މީސްތަކުން ތިމަން ﷲ ގެ ދީނުން އެއްކިބާ ކުރުވާ މީހުންނެވެ. އެހެންކަމުން، އެފަދަ މީހުންނަކީ ތިމަން ﷲގެ ދީނަށް ނަޞްރުދޭނޭ ބަޔަކުކަމުގައި ހަދާނީ ކިހިނަކުން ހެއްޔެވެ؟ އެބައިމީހުންގެ ފަރާތުން ތިޔަބައިމީޙުންނަށް ލިބޭނޭ ފައިދާ އެއް ނެތެވެ. އޭގެބަދަލުގައި އެބައިމީހުންގެ ފަރާތުން ލިބޭނީ ގެއްލުމާއި ހަލާކެވެ. އެހެންކަމުން، ސަފީހުންނާއި، ހަވާނަފްސަށް ތަބަޢަވާމީހުންގެ ބަހަށް ނުހެއްލޭށެވެ. އެބައިމީހުންގެ ފަރާތުން ތިޔަބައިމީޙުންނަށް ފައިދާ އެއް ނުކުރާނެ ތަނުގައި ލިބޭނީ ގެއްލުމެވެ.
މި އާޔަތުން ދޭހަވަނީ ނުބައި ނުލަފާ ރަޙްމަތްތެރިން ގެންގުޅެގެން ނުވާނެ ކަމެވެ. އަދި އެފަދަ މީހުންގެ ކިބައިން ސަލާމަތްވާން މަސައްކަތް ކުރަންވާނެ ކަމެވެ.
( وَيَوْمَ يَقُولُ نَادُوا شُرَكَائِيَ الَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًا ﴿٥٢﴾ )
ގިޔާމަތް ދުވަހުގައި މާތް ﷲ މުޝްރިކުންނަށް ބަސްވަޙީ ކުރައްވާ ވަގުތާއި މެދުގައި ހަނދުމަ ކުރައްވާށެވެ. އެބައިމީޙުންނަށް އަންގަވާނެއެވެ. "ތިމަން ﷲ އާއި އެކު އަޅުކަން ކުރުމުގައި ބައިވެރިކޮށް އުޅުނު ތަކެއްޗަށް ގޮވާ ގެންނާށެވެ. މިއަދު ތިމަން ﷲ ގެ ފަރާތުން ތިޔަބައިމީހުންނަށް ލިބެމުންދާ ޢަޛާބުން ސަލާމަތްކޮށްދިނުމަށް އެދި އެތަކެތީގެ ފަރާތުން މަދަދަށް އެދޭށެވެ. އެހިނދު އެބައިމީޙުން އެތަކެތީގެ ފަރާތުން މަދަދަށް އެދޭނެއެވެ. އެހެންނަމަވެސް އެތަކެއްޗަށް އެއްވެސް އެހީތެރިކަމެއް ފޯރުކޯށް ނުދެވޭނެއެވެ. ދެން އެއުރެންގެ މެދުގައި ހުރަހެއް (ނަރަކައިގެ ވާދީ އެއް) މާތް ﷲ ލައްވާނެއެވެ. އެބައިމީހުން ﷲ ފިޔަވާ އަޅުކަން ކުރަން ގެންގުޅޭ ތަކެއްޗަކީ އެބައިމީހުންނަށް އެއްވެސް ކަހަލަ ނަޞްރެއް ދެވޭނެ ފަދަ ބާރެއް ލިބިގެންވާ އެއްޗެއް ނޫންކަން އަންގަވާ ސޫރަތުލް އަންބިޔާގެ 98 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ اللَّـهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ ﴿٩٨﴾ لَوْ كَانَ هَـٰؤُلَاءِ آلِهَةً مَّا وَرَدُوهَا ۖ وَكُلٌّ فِيهَا خَالِدُونَ ﴿٩٩﴾ لَهُمْ فِيهَا زَفِيرٌ وَهُمْ فِيهَا لَا يَسْمَعُونَ ﴿١٠٠﴾ ) މާނައަކީ: "ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ، ނަރަކައިގެ ދަރެވެ. ތިޔަބައިމީހުން އެތަނަށް ވަންނަހުށްޓެވެ.މި ތަކެއްޗަކީ، إله ންތަކެއް ކަމުގައިވީނަމަ، އެ ތަކެތި އެ ތަނަކަށް ނުވަނީހެވެ. އަދި އެހުރިހާތަކެތި އެތާނގައި ދެމިތިބޭނެތެވެ. އެތާނގައި އެއުރެން ނޭވާލާ އަޑުފަށްގަނޑު ހުންނާނެތެވެ. އަދި އެއުރެންނަކަށް އެތާނގައި އަޑެއް ނީވޭނެތެވެ."
- ނުނިމޭ -