އެއަށްފަހު އެއްފާރާތެއްގައި ހުރި ލޭފެން އެއްޗެއްގެ ތެރެއަށް އަތްކޮށްޕާލުމަށްފަހު އޭގެތެރެއިން އޭނާ ނެގީ ކޮންމެވެސް ދިރޭ އެއްޗެއްގެ ލޮލުގެ ގޮބޮޅިއެވެ. އެއަތް އޭނާ މައްޗަށް އުފުލާލުމަށްފަހު ކިޔަވަމުންދިޔަ ކިޔެވެލީގެ އަޑު ބާރުކޮށްލިއެވެ. އޭނާ ކިޔަމުންދިޔަ އެއްޗެއް ކިޔަމުން ދިޔައީކީ ދިވެހި ބަހަކުން ނޫނެވެ. އަރަބި ބަހުގެ ބައެއް ލަފުޒުތައް ކިޔަސް އެއީ ތަފާތު ބަހެކެވެ.
ކުއްލިއަކަށް ގޭގެ ބިތުގައި ބަޔަކު ޓަކި ޖަހާލި އަޑަށް ލޯ މަރައިގެން ކިޔަވަން އިން ބަދުރު ލޯހުޅުވާލިއެވެ. ދެލޮލުގެ ވަށާ ބޯކޮށް އަނދުން އަޅާފައިވާ ބަދުރުގެ ދެލޯ ވަނީ ރަތްވެފައެވެ. އޭނާގެ ބޮޑު ދެލޯ ފެންނަ މީހަކުވެސް ބިރުން އަވަދިވާނެއެވެ. ކައިރީހުރި ފެން އެއްޗަށް އަތްކޮއްޕާ އަތުގައި ހިކިފައިވާ ލޭތައް އޭނާ ސާފުކޮށްލިއެވެ. އަދި ކޮނޑުގައި އަޅުވާފައިވާ ތުނި ތުވާލި ކޮޅުން އަތް ފޮހެމުން ބަދުރު އެ ޖިފުޓިގެއިން ނުކުމެވެން ހުރި ދޮރާ ދިމާއަށް މިސްރާބު ޖެހިއެވެ.
ބަދުރު ބަލާ އައިސް ތިބީ މިސްކިތުމަގުގޭ މޫސާފުޅު ފޮނުވައިގެންނެވެ. އޭނާ ބަލައި އައިސް ތިބި މީހުންނާއެކު ދިއުމުގެ ކުރިން ރަނގަޅަށް އޭނާ ގޭތެރެއަށް ބަލާލިއެވެ. އަދި އެދުރުބެ ގޯތިން ކަމަނަ އަންނަންވާއިރަށް އެނބުރި އާދެވޭނެ ކަމުގެ އުންމީދުގައި ބަދުރު ބަލާ އައި މީހުންނާއެކީ ގެއިން ނުކުމެގެން ދިޔައީ އެނާ ބޭނުންވާ ސާމާނުތައް ހިފައިގެންނެވެ. އޭރު އޭނާގެ ހިތަށް ވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ވެރިވެފައެވެ.
މޫސާ ފުޅު ގޯއްޗަށް ބަދުރު ވަން އިރު ތަންމަތީގައި އޮތް ބަލި އާމިނާ ދީގެ ހާލު ރަނގަޅު ނުވާކަމަށް މޫސާފުޅު ބުންޏެވެ. "ބަދުރުގެ ބައްޕަ ނިޔާވިފަހުން އާމިނަގެ ހާލު ދަނީ ދަށަށް. ބައްޕަގެ މޮޅު ފޮތްތައް ބަލައިގެން ބަދުރަށް މިކަން ވާނެހެން ހީވޭތަ؟"
މޫސާފުޅު ކުރި ސުވާލަށް ޖަވާބު ދެމުން ބަދުރު އިސްޖަހާލިއެވެ. "ވީވަރެއް ކޮށްދެވެތޯ ބަލާނަން. މުޅިން ބަލިން ފަސޭހަ ކޮށްދެވޭނެ ގޮތެއް ހޯދޭތޯ މިބަލަނީ"
އާމިނަ ބާއްވަފައި އޮތް ކޮޓަރިއަށް ބަދުރު ވަދެ އޭނާ ގެނައި ސާމާނުތައް ތަޅުން މަތީ އަތުރާލުމަށްފަހު އާމިނަ ގާތަށް ގޮސް ބަދުރު ހުއްޓުނެވެ. ލޯ ވަޅުވަދެ މީހާ ވަނީ ހިކިގެން ގޮސް އަނަރޫފަ ވެފައެވެ. މެދު އުމުރުގެ އާމިނަ ވައްތަރީ އުމުރުން ދުވަސްވެފައިވާ މީހަކާއެވެ. ތުނފަތްވެސް ވަނީ ހިކިގެން ގޮސް ތަންތަނުން ފަޅަފަޅާއިގެން ގޮސްފައެވެ.
ބަދުރު ގެނައި ސަމާނުތަކުގެ ތެރެއިން ފެން އަލާފައިވާ ރުނބާ އާމިނަގެ ތުނބުގައި ޖައްސާލުމަށްފަހު އެއިން އެތިފޮދެއް ބުއިމަށް ބަދުރު އެދުނެވެ. ބަދުރުގެ އެދުމަށް އާމިނަ ދެކޮޅުހަދާކަށް މަސައްކަތެއް ނުކުރެއެވެ. ބަދުރު އެދުނު ފަދައިން އެފެންފޮދު އޭނާ އެއް ނޭވާމަތިން ބޯލާއި ހުސްކޮށްލައިފިއެވެ. ބަދުރުގެ މުށުތެރޭ ހުޅުވާލަމުން އަތުގައި ހުރި ކުޑިތަކަށް ފުމެލާ އާމިނައާ ދިމާއަށް އެ ކުނޑީތައް އޭނާ ބުރުވާލިއެވެ. އިސާހިތަކު އެނދުގައި ހަމަޖެހިލި އާމިނަގެ އެސްފިޔަތަކަށް ބަރުވެ އޭނާގެ ދެލޯ މެރިއްޖެއެވެ.
އާމިނައަށް ނިދުނީކަން ބަދުރަށް ޔަގީންވުމުން އޭނާގެ ބައްޕަގެ ފޮތްތަކުގައި ބުނެފައިވާ ކިޔެވެލިތައް އޭނާ ކިޔަވަން ފެށިއެވެ. ހަނދާންކޮށްގެން އެންމެ ތަންކޮޅެއްވެސް ވައްޓާ ނުލާ އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އާމިނަ ހޭއަރަންދެން ބަދުރަށް އެހެން ކިޔަވަން އިންނަން މަޖުބޫރެވެ. އެއީ އެ ފޮތުގައި ބުނެފައިވާ ގޮތެވެ.
ހުއްޓުމެއް ނެތި ބަދުރު ކިޔަވާތާ އެތައް އިރެއްވީ އިރުވެސް އާމިނަ ލޮލެއް ނުހުޅުވިއެވެ. ބަދުރު ހާސްވެ ކަންބޮޑުވި ނަމަވެސް ކިޔެވުން ހުއްޓާކަށް އޭނާ ގަސްތެއް ނުކުރިއެވެ. އެ ކޮޓަރި ބޭރުގައި މަޑުކޮށްގެން ހުރި މޫސާފުޅު އޭރު ހުރީ ކެތްމަދުވެފައެވެ. އެހާ ގިނަ އިރުތަކެއް ނަގާތީއާ އާމިނަގެ އަޑެއް ބަޑެއް ނީވޭތީއާ އެކީގައެވެ.
ކިޔަވަމުންދިޔަ ބަދުރުގެ ލޮލަށް ނިދި އަންނަ ގޮތްވާން ފެށިއެވެ. ލޮލަށް ބަރުވެ އެސްފިޔަ ޖެހޭ ގޮތްވިއެވެ. ނަމަވެސް އޭނާ ކިޔެވުން ހުއްޓާލާކަށް ގަސްތެއް ނުކުރިއެވެ. ކެތްތެރިކަމާއެކީ އޭނާ ކިޔަވަމުން ދިޔައީ އާމިނަގެ ފުރާނަ ސަލާމާތް ކުރެވެން އޮތް ހަމައެކަނީ ގޮތަކީ އޭއީކަމަށް ވާތީއެވެ.
ބަދުރު ކިޔަވާތާ އިރުގަޏޑެއް ވީ ފަހުން ކުއްލިއްކަށް ނިދާފައި އޮތް އާމިނަ ފުން ނޭވާއެއް އެތެރެކޮށް ދެލޯ ތަންމިނަށް ހުޅުވާލައިފިއެވެ. ގަޔަށް ބާރު އަރާ މީހާގެ ހަށިގަނޑު އިދިފުށަށް ދަމައިގަތް ވަގުތު މޫސާފުޅުގެ ނަމުން އާމިނަ ގޮވާލީ ވޭނީ އަޑަކުންނެވެ.
ފެންޑާގައި މަޑުކޮށްގެން ހުރި މޫސާފުޅަށް ހިމޭނަކުން ނުހުރެވުނެވެ. އާމިނަ ގޮވާލި އަޑަށް އޭނާ މުންޑުގަނޑު އަރުވާ ޖަހަމުން އެ ކޮޓަރިއަށް ވަނެވެ. ނޭވާލާން އާމިނަ ތެޅުމުން ފޮޅެމުން ދިޔަ އިރުވެސް ބަދުރު ކިޔެވެލި ހުއްޓާނުލައި ދިޔައީ ކިޔަވަމުންނެވެ. ކުރިއަށް ފިޔަވަޅެއްވެސް އަޅަން ނުކެރިފައި ހުރި މޫސާފުޅު އާމިނައަށް މަޑުމަޑުން ގޮވާލިއެވެ. އެ ވަގުތު ބޯ ހިއްލާލަމުން އާމިނަ ދޮރާ ދިމާއަށް ބަލާލީ ބަލިކަށި ގޮތަކަށެވެ. އެ ބެލުމުގައި ތަފާތު ކަމެއް މޫސާފުޅަށް ފާހަގަވިއެވެ. ނަމަވެސް ކުރިއަށް ފިޔަވަޅެއް އަޅާން ބެނުން ނުވެފައި މޫސާފުޅު ކެތްތރިކަން އިސްކުރީ އޭނާގެ އަނބިމީހާ ސަލާމަތްކުރަން ކިޔަވަމުންދިޔަ ބަދުރުގެ އިޗާރާތެއް ނުލިބި އެތަނަށް ވަނުމަކީ ގޯހަކަށް ވެދާނެތީއެވެ.
މޫސާ ފުލާ ދިމާއަށް ބަލަން އޮތް އާމިނަ އޭނާގެ އެއް އަތް ކުރިއަށް ދިއްކޮށްލަމުން ތުންފަތް ހަރަކާތްކޮށްލަން މަސައްކަތް ކުރިއެވެ. ނަމަވެސް އެވަގުތު އާމިނަގެ ގަޔަށް އަރާފައިވާ ބާރުގަނޑު މުޅިންހެން ކެނޑި މީހާ މައިތިރި ވެއްޖެއެވެ.
ކިޔަވަން އިން ބަދުރުގެ ގައިގާ ވައިރޯޅިއެއް ބީހިލި ކަމުގެ އިހްސާސްވުމުން ސިހިފައި އޭނާ އާމިނައާ ދިމާއަށް ބަލާލީ ކަމެއް ގޯސްވެއްޖެހެން ހީވުމުންނެވެ. ކިޔެވުން ހުއްޓާލުމަށްފަހު އާމިނައާ ދިމާއަށް ބަލަން ހުރެ ބަދުރު ކުރިއަށް ޖެހި އާމިނަގެ އަތުގައި ހިފާލިއެވެ. މަންޒަރު ބަލަން ދުރުގައި ހުރި މޫސާފުޅު ވެސް އަވަހަށް ކޮޓަރިއަށް ވަދެ އާމިނަ އޮތް ރޯނު އެނދު ކައިރިއަށް އައިސް ހުއްޓުނެވެ. ބަދުރު އޭނާގެ އަތުން ދޫކޮށްލަމުން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އާމިނަގެ ކަޅި ވަނީ އެއް ދިމާއަކަށް ހުއްޓިފައެވެ. މޫސާ ފުޅު ރޮމުން އައިސް އާމިނަގެ ހުޅުވިފައިވާ ދެލޯ މަރާލަން މޫނުގައި އަތް ހާކާލިއެވެ. އާމިނަގެ ފުރާނައެއް ނެތެވެ.
މޫސާފުޅު އަޑުގެ ނެތްތަނަށް ރޮއެގަތެވެ. އޭނާގެ އާމިނަ މި ދުނިޔެއިން ވަކިވެގެން ދިޔައީއެވެ. ބަދުރު ހުރީ ގޮތް ހުސްވެފައެވެ. އެ ސިހުރު ކާމިޔާބު ނުވެ އާމިނަގެ ފުރާނަ ދިއުމުން ބަދުރު ހުރީ ހިތް ނުތަނަވަސް ވެފައެވެ. ބަލާކަށް ނުހުރެ ބަދުރާ ދިމާއަށް މޫސާފުޅު ހަޅޭއް ލަވައިގަތެވެ. އަދި އޭނާ މިތަނުން ދާށޭ ކިޔައި ރޮއެގަތެވެ. އާމިނަގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. ބަދުރުގެ ބައްޕަ ހުރި ނަމަ އެކަން ކުރެވުނީސް ކަމަށް ބުނެ މޫސާފުޅު އަޑުގެ ނެތްތަނަށް ރޯން ފެށިއެވެ.
ދެން ކުރެވޭނެ މާ ބޮޑުކަމެއް ނެތުމުން ބަދުރު ގެނައި ސާމާނުތަކާއެކު އެގެއިން ނުކުމެގެން ދާން ހިނގައިގަތެވެ. އާމިނަ މަރުވުމުން އޭނާއަށް ވެސް ވަނީ ފުން ހިތާމައެއް ކޮށްފައެވެ. ބައްޕަގެ ފޮތްބޮނޑި ހާވައިގެން އޭނާއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރި ނަމަވެސް އާމިނަ ސަލާމަތެއް ނުކުރެވުނެވެ.
އެ ހިޔާލާއި ފިކުރުގައި ހުރެ އޭނާ އެގެއިން ނުކުންނަށް ދިޔަ ވަގުތު އެގޭތެރެއަށް ތައްކާނު ވަދެގެން އައިއިރު ބަދުރުގެ ގައިގާ އަޅައިގަތެވެ. އެއީ މޫސާފުޅާއި އާމިނާ ދީގެ ފިރިހެން ދަރިކަން ބަދުރަށް އެނގުނެވެ. ތެޅެމުން ފޮޅެމުން އައިސް ގޯތިތެރެއަށް ވަތް ބަދުރު ހުރީ ދާހިއްލާ ފޯވެފައެވެ. އޭނާގެ ގައިން ބަދުރަށް ދުވީ ފާޑެއްގެ ދުން ވަސްގަނޑެކެވެ. މިވަގުތު އެތާ މަޑުކޯށްފި ނަމަ ގިނަ ބައެއްގެ ރުޅިގަނޑު އޭނާއަށް އަމާޒުވާނެ ކަން އެނގޭތީ ބަދުރު ބޭނުންވީ އަވަހަށް އެތަނުން ދާށެވެ.
ގޯތިން ބޭރަށް ނުކުތް އިރު އިރުއޮއްސުމާ ގާތްވެއްޖެ ކަން ބަދުރަށް އެނގުނެވެ. އެހެންކަމުން އޭނާ އަވަހަށް ގެއަށް ދާން މިސްރާބު ޖެހީ މިހާރު ކަމަނަ ގެއަށް ގޮސްދާނެތީ އެކަމާ ކަންބޮޑުވެ ހުރެއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގެއަށް ދާން ހިނގައިގަތް ބަދުރުގެ ފިޔަވަޅު މަޑުޖެހުނީ އޭނާގެ ނަމުން މީހަކު ގޮވާލުމުންނެވެ.
ދަރުބޮނޑިއެއް ހިފައިގެން މަގުގެ އެއްފަރާތުން އައި އެދުރުބެއަށް ބަދުރު ފެނުމުން ފިޔަވަޅު މަޑުކޮށްލިއެވެ. "ކަމަނަ ކޮބާ؟ މިއަދު ފިލާވަޅު ނަގާކަށްވެސް ނާދެ. އަނެއްކާ އެ މަންޖެ ބަލީތަ؟"
އެދުރުބެ ހިފަހައްޓައިގެން ހުރި ދަރުބޮނޑި ބޯމަތިން ތިރިކޮށްލަމުން ކޮށްލި ސުވާލާއެކު ބަދުރުގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އެދުރުބެ ދެއްކި ވާހަކަ އޭނާއަށް ގަބޫލުކުރަން ދަތިވިއެވެ. އެދުރުބެގެ ވާހަކަތަކުން ބަދުރުގެ ސިކުނޑިއަށް އެތައް ހިޔާލުތަކެއް އެއްވެ މަސްހުނި ވާނަ ފަށައިފިއެވެ. އެދުރުބެ ގޯއްޗަށް މިއަދު ކަމަނަ ނުދާ ކަމަށް ވާނަމަ ކަމަނަ ދެން ދާނީ ވަކި ކޮންތާކަށް ހެއްޔެވެ.
އެދުރުބެއަށް ޖަވާބެއް ދިނުމެއް ނެތި ބަދުރު ފަޔަށް ލެވުނު ބާރެއްލާ އޭނާގެ ގެއާ ދިމާއަށް ދުއްވައިގެތެވެ. ދިޔަ މަގުމަތީގައި ކަމަނަ ދަންނަ އޭނާއާ އެއް އުމުރު ފުރައެއްގެ ކުދިންގެ ގޭގެއަށްވެސް ބަދުރު ގޮސް ކަމަނަ ދެކުނިންތޯ ސުވާލުކުރިއެވެ. އެންމެންވެސް ދިނީ އެއް ޖަވާބެކެވެ. މިއަދު އެއިން އެއްވެސް ކުއްޖަކާ ކަމަނައާ ދިމާ ނުވާ ކަމަށެވެ.
ބަދުރުގެ ސިކުނޑި ފަޅައިގެންދާ ވަރު ވިއެވެ. ގޯއްޗަށް ވަދެވުމާއެކު ކަމަނަގެ ނަމުން ގޮވަމުން ގޮސް ބަދުރު ގޭތެރެއަށް ވަދެގަތެވެ. ކަމަނަގެ ހިލަމެއް ނުވިއެވެ. ގޭތެރެ ހުރީ ބަދުރު އެގެއިން ނުކުމެގެން ދިޔައިރު ހުރި ގޮތަށެވެ. އެއްވެސް އެއްޗެއް ހުރި ތަނަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
ކަކޫ ޖަހާ އިންތަނަށް ބަދުރު ތިރިވެ ރޯން ފެށިއެވެ. އޭނާގެ ހުރި ހަމައެކަނި އާއިލާ މިހަކީ ކަމަނައެވެ. ކަމަނަ އުފަންވި ދުވަހު އޭނާގެ އަންހެނުން ވަނީ މި ދުނިޔެއިން ވަކިވެގެން ގޮސްފައެވެ. އެންމެ ފަހާ ޖެހެންދެން އޭނާއާ އެކީގައި ހުރީ އޭނާގެ ބައްޕަ ވެސް މަރުވިތާ ދުވަސްތަކެއް ވެއްޖެއެވެ. ދެން އޭނާގެ ހުރި ހަމައެކަނި މީހަކީ ކަމަނައެވެ. ކަމަނަ ގެއްލުން އެއީ އޭނާއަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫނެވެ.
މަޒީގެ ހަނދާންތަކަށް ގެއްލިފައި އޮތް ބަދުރަށް ހަމަހޭވެރިކަންވީ ޖަހާލި ބާރު ގުގުރިއެއްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. ސިހިފައި ކަހަލަ ގޮތަކަށް ބަދުރަށް ބަލާލެވުނީ ގޭގެ މައިދޮރާ ދިމާލުން ހިޔަންޏެއް ވުމުންނެވެ. އޮތްތަނުން ތެދުވަމުން މިވަގުތު އޭނާ އަންނަން ޖެހޭ ސަބަބެއް ނޭނގުމުން ނިތަށް ރޫ ގިނަކޮށްލެވުނެވެ. ރޯނު އެނދުމަތިން ފައިބެ ބަދުރު އެގެއިން ނުކުތުމަށް ހިނގައިގަތެވެ. އެގޭ ދޮރުމަތިން ވަލު ފަރާތާ ދިމާލަށް ދިޔަ ހިޔަނި ބަދުރަށް ފެނުނެވެ. މިއޮއް ފަދަ ގަޑީގައި ކަމަނަ އައިސް އޭނާއަށް އެ އިޝާރާތްކުރަން ޖެހެނު ސަބަބު އޭނާ ދެނެގަންނަން ބޭނުންވިއެވެ.
ގެއިން ނުކުމެ ވަލުފަރާތުގައި ހުރި ކެޔޮވަލާ ދިމާލުގައި ރަތް ލިބާހެއް ލައިގެން ހުރި ކަމަނަ ފެނުމުން ބަދުރު މަގުމައްޗާ ދިމާއަށް ބަލާލިއެވެ. އިރު އޮއްސުމުގެ ދަޅަތައް ދައްކަން ފަށައިފައިވާ އެވަގުތު އެހިސާބުން މީހަކަށް ކަމަނަ ފެނިދާނެތީ އޭނާ ޖެހިލުން ވިއެވެ. މުންޑުގަނޑު ކޮށިކުރަމުން އޭނާ ކެޔޮވަލާ ހަމައަށް ގޮސް ހުއްޓުނެވެ. އަދި ވީ ކީއްތޯ ސުވާލު ކުރުމުން ކަމަނަ އިސްޖަހާލިއެވެ.
"އެމީހުން އައްބާސް ހޯދަން ނުކުމެއްޖެ. މިހާރު އެ އުޅެނީ ފާލު ބަލަން. އަންނަ މަހުގެ ސާދަވިލޭރެއަށް މަޑުކުރާނެ ކަމެއް ނެތް. ބާކީ އޮތީ އެންމެ މަރެއްނު"
ކަމަނަގެ ވާހަކަތަކުން އަންނަ މަހަށް މަޑުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނުމުން ބަދުރުގެ ބޮލުގައި ރިއްސާލިއެވެ. ހަދާނެ ގޮތަކާ މެދު ވިސްނާލަން ބަދުރަށް މަޑުކޮށްލުވުނު ވަގުތު އަނެއްކާވެސް ވާހަކަ ދެއްކީ ކަމަނައެވެ. "ކޮން ކަމަކާ ތިވިސްނަނީ ސާދަ އަދި ފަނަރަ ވިލޭރެއަކީ އަހަރެންގެ ބާރު ގަދަވާ ދުވަސްތައް. އެހެންވީމަ މިރޭ މިކަމާ އުޅެންވީ. އެހެންނޫނީ ކަމެއް ނުވެ އުޅެނިކޮށް ހުރިހާ ކަމެއް ފަޅާ އަރާފާނެ. ތިން މަރު. އެއީ މިކަން ފެށިއިރުވެސް ބޭނުންވި ގޮތް"
ބަދުރު އާއެކޭ ބުނުމާ އެކު ކަމަނަ އެ ކެޔޮވަލު ތެރެއަށް ވަދެ ގެއްލިއްޖެއެވެ.
(ނުނިމޭ)