ދުނިޔެއާއި ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް ބައްޔަކީ މާ ނުރައްކާތެރި ބިރުވެރި ފިލްމަކަށް ހަދައިގެން ޓީވީތަކުން ދައްކަމުން ދާތާ މަސްދުވަސް ވީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަދު މަޖިލީހުގެ ޖަލްސާގައި މެންބަރުން ފާޅު ކުރައްވަމުން ގެންދެވި ޝުއޫރުތަކާއި ދައްކަވަމުން ގެންދެވި ވާހަކަ ތަކުގެ ތެރެއިން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ރިޒާ މިއަދު ވިދާލުވީ ހއ ދޮނަކުޅި ރިސޯތުގައި އައިސޮލޭޓް ކޮށްފައި ތިބި މީހުންގެ ހާލު ވަރަށް ރަނގަޅު ކަމަށާއި އެމީހުންގެ ދެވަނަ ޓެސްޓެއް ހަދައި އަވަހަށް މަސައްކަތަށް އެނބުރިދާން އެމީހުން ބޭނުންވާ ކަމަށެވެ.

މިވާހަކައަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ ކޮވިޑް-19 ބިރުވެރި ފިލްމެއްގެ ގޮތުގައި ޓީވީ ތަކުން ދައްކުން އަންނަތާ މަސްދުވަސް ވެއްޖެ ކަމަށެވެ. ނަޝީދު އެއިޝާރާތް ކުރައްވަނީ ދުވާލު 2 ދަޅައަށް ބާއްވަމުން އަންނަ ނޭޝަނަލް އެމަޖެންސީ ސެންޓަރު (އެންއީއޯސީ) ގެ ޕްރެސް ކޮންފަރެންސަށް ކަމަށް ބެލެވެއެވެ. އެ ޕްރެސްގައި ސަރުކާރުގެ ފަރާތުންނާއި ޑޮކްޓަރުން މައުލޫމާތު ދެއްވާ އިރު ކޮވިޑްގެ ނުރައްކާ ރާއްޖޭގައި އޮތް މިންވަރާއި ކުއްލި އިތުރު ވުމެއް އައިސް ގިނަ އަދަދެއްގެ ބަޔަކަށް ބަލި ޖެހިދާނެ ކަމަށް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ބަލި ފެތުރެމުން ގޮސް ށ ނަރުދޫން 11 މީހަކަށްވެސް ބަލި ޖެހުނު ހަމަށާއި ނަމަވެސް އެމީހުންނަށް ކަމެއްވެފައި ތިބިކަން ގަބޫލު ކުރަން އެމީހުންވެސް ބޭނުން ނުވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް ފެނުނުތާ ކުރީ ކޮޅުވެސް ނަޝީދު ވަނީ ކޮވިޑަކީ ނުރައްކާތެރި ބައްޔެއް ނޫން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. އަދި ފަހުން އެ ބައްޔަ ބެހޭ ގޮތުން ވާހަކަ ދައްކަވާ، ސިއްހީ ފަރާތްތަކުން ލަފާ ދޭ ގޮތަށް ރައްޔިތުން ގޭގައި ތިބުމަށް ނަޝީދުވެސް ލަފާ ދެއްވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ކޮވިޑަކީ މަރުބައްޔެއް ނޫން ކަމަށާއި ނަމަވެސް ހާލު ދެރަވެ ހާލު ބޮޑުވާ މީހުން މަދު އަދަދަކަށް ފެންނަ ބައްޔެއް ކަމަށެވެ.

“މަރުބަލީގެ ގޮތުގައި ފާހަގަވާ ބަލިތައް އެބަހުރޭ، ނުރައްކާތެރި ބައްޔެއް، ހާލު ދެރަވާ ހާލު ބޮޑުވާ މީހުންނަށް، އެއީ ވަރަށް މަދު އަދަދެއްގެ މީހުންކަން އެއީ މާތް ރަސްކަލާނގެ ހަޒްރަތުން އަޅުގަނޑުމެންނަށް ލިބިފައިވާ ނަސީބެއް”
ރައީސް ނަޝީދު

ކޮވިޑާ ގުޅިގެން ރައީސް ނަޝީދު މިގޮތަށް ވާހަކަ ދައްކަވާފައި ވާއިރު، މާލެއާއި ރާއްޖެ ލޮކްޑައުން ކޮށްފައި އޮތް މުއްދަތު ދިިގުވެ ގިނަ ބަޔަކު ދަނީ އެކަމުގެ އުނދަގޫ ހުރި މިންވަރާއި، ސަރުކާރުން ކަންކަން ފަސޭހަ ކޮށްދިނުމުގައި ކުރިއެރުމެއް ނުލިބޭ ކަމުގެ ޝަކުވާ ކުރަމުންނެވެ.

އެގޮތުން ބައެއް މީހުން ބުނެފައި ވަނީ، ވަޒީފާ ގެއްލި ނުވަތަ މުސާރަ ކުޑަވެ، ނޯޕޭއާއި އެނޫންވެސް ވަޒީފާގެ އުނދަގޫތައް ދިމާވި ފަރާތްތަކަށް ސަރުކާރުން ދޭން ބުނި ފައިސާގެ އެލަވަންސްވެސް އަދި ލިބިފައި ނުވާ ކަމަށެވެ. މިހިނގާ މޭއި 15 ގައި އެލަވަންސް ޖަމާވާނެ ކަމަށް ފިނޭންސުން ކުރިން ބުނި ނަމަވެސް އެހީއަށް އެދޭ މީހުން އެހީއަށް އެދުމުގެ އެންމެ ފަހު ސުންގަޑިއެއް އިކޮނޮމިކް މިނިސްޓްރީން މިހާރު އަނެއްކާ ވަނީ އިއުލާން ކޮށްފައެވެ.