ރާޢްޖޭގައި ތިބި އިންޑިއާ މީހުން ގައުމަށް ގެންދިއުމަށް މަނަވަރުތަކުން ކުރި ދަތުރުގެ ދެވަނަ ދަތުރުގައި ޕޮޒިޓިވް ވި 3 މީހުންނަކީ ރާއްޖޭގެ ބައިސަން ކުންފުނީގެ 3 މީހުން ކަމަށް އެންއީއޯސީން ބުނެފިއެވެ.

އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، އެ 3 މީހުން ދެނެގަނެވި މިހާރު ކޮންޓެކްޓް ޓްރޭސިން ހަދަމުން ދާ ކަމަށެވެ. އަދި އެ 3 މީހުންގެ އިތުރުން ބައެއް މީހުން ޕޮޒިޓިވް ވެފައިވާ ކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައިވާތީ ފޮރިން މިނިސްޓރީ މެދުވެރިކޮށް އެކަން ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ 3 މީހުން ޕޮޒިޓިވް ކަން އެނގުނީ، މިހަމުގެ 1 ވަނަ ދުވަހު ފުރައިގެން ދިޔަ މަނަވަރު އިންޑިއާގެ ކޮޗީއަށް ދިޔަ ފަހުން އެއިން ދަތުރު ކުރި މީހުންގެ ޓެސްޓް ހެދީމައެވެ. އެމީހުން ރާއްޖެއިން ފުރީ ޓެސްޓް ނުހަދައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދިން މަސްދަރުން ބުނީ އިންޑިއާ މަނަވަރުތަކުގައި ގެންދިޔަ މީހުން ރާއްޖޭގައި ޓެސްޓް ނުކޮށް ގެންދިޔައީ ދެގައުމުގެ ދެމަދުގައި އެގޮތަށް އެއްބަސްވެގެން ކަމަށެވެ. އަދި މިކަން ޔަގީން ކޮށްދެއްވަމުން މަބްރޫކް ވިދާޅުވީ، އެއްބަސްވެފައި އޮތީ ރާއްޖޭގައި ހަމަ އެކަނި ބަލާނީ އެމީހުންގެ "ވައިޓަލްސް" ކަމަށާއި ޓެސްޓް ކުރާނީ އިންޑިއާއަށް ދިއުމުން ކަމަށެވެ.

ބައިސަން ކުންފުންޏަކީ އެލުމިނިއަމްގެ މަސައްކަތުގެ އިތުރުން ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތްވެސް ކުރަމުން އަންނަ ކުންފުންޏެވެ. އެގޮތުން މިހާރުވެސް ރެއިންބޯ ކުންފުނިން ތަރައްގީ ކުރާ ރިސޯޓަކާއި މާލެ އަތޮޅުގައި ހިއްކަމުން ދާ ކަސަންފަރު ފަޅާއި އާނުގަނޑު ފަޅު ތަރައްގީ ކުރުމުގެ މަސައްކަތް ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގައި އިންޑިއާގެ 27000 މީހުން އުޅޭ އިރު މިހާތަނަށް 1500 މީހަކު ވަނީ އިންޑިއާއަށް ގެންގޮސްފައެވެ.