ނ. މަނަދޫން ކޮވިޑަށް ޕޮޒިޓިވް ވި އުމުރުން ދުވަސް ވީ މީހަކާ ކޮންޓެކްޓް ވުމުން އެކަހެރި ކުރި މީހުންގެ ތެރެއިން 9 މީހުން ޕޮޒިޓިވް ވެއްޖެއެވެ. ނ. މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވީ، އުމުރުން ދުަވސް ވީ މީހާއާ ކޮންޓެކްޓް ވެގެން 31 މީހަކު އައިސޮލޭޓް ކުރެވުނު ކަމަށެވެ.
އަދި 14 ދުވަސް ހަމަކޮށް އައިސޮލޭޓަނުން ވީއްލުމުގެ ކުރިން ހެދި ޓެސްޓުން އޭގެ ތެރެއިން 9 މީހުން ޕޮޒިޓިވް ވެފައި ވާކަމަށެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި މަނަދޫ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ސިއްހީ އޮފިޝަލުންވެސް ހިމެނެއެވެ.
މަނަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، މަނަދޫން މާލެ ގެނައުމުން ކޮވިޑަށް ޕޮޒިޓިވް ވި އުމުރުން 80 އަހަރުގެ މީހާއާ ކޮންޓެކްޓް ވެގެން އެކަހެރި ކުރި ބައެއް މީހުން ރަށުތެރެއަށް ނުކުމެ އުޅުނު ކަމުގެ ޝަކުވާވެސް ލިބިފައި ވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކަމަށާއި، ރައްޔިތުން ގޭގައި ތިބުމަށް އިލްތިމާސް ކުރައްވާފައި ވާކަމަށެވެ. އަދި ރަށް މިހާރު ވަނީ އެލާޓް ލެވެލް ރެޑް ގައެވެ.
މަނަދޫން މާލެ ގެނައި އަންހެން މީހާ ޕޮޒިޓިވް ވީ މޭއި 1 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާ ނެގެޓިވެ ވެ އަނެއްކާ ހެދި ޓެސްޓުން ޕޮޒިޓިވް ވެފައިވެއެވެ.
އިތުބާރު ހުރި މަސްދަރަކުން "ދަ ޕްރެސް" އަށް ބުނީ، އެ އަންހެންމީހާ ރަށުގެ ހޮސްޕިޓަލަށް ދެއްކީ ބަލިވެގެން ކަމަށާ، ރަށުގެ ހޮސްޕިޓަލުގައި އޮތް އިރު އާއިލާގެ މީހުންނާއ އަދި ގާތް މީހުން އޭނާ އަށް ގޮވާލަން ގޮސް ހަދާފައި ވާކަމަށެވެ. އަދި އޭނާގެ އާއިލާގެ ބައެއް މީހުން މާލޭގެ ބާޒާރުމަތީގައި މަސައްކަތް ކުރާ ކަމަށްވެސް ބުންޏެވެ.
ކޮވިޑް ފެތުރެން ފެށިފަހުން މާލޭގެ ބާޒާރުމަތީ ކްލަސްޓާއަކީ އެންމެ ބޮޑަށް އެންމެ ފުޅާކޮށް ފެތުރިގެން ގޮސްފައި އޮތް ކްލަސްޓާއެވެ.