ރާއްޖޭގެ ހުރިހާ ރަށަކަށް ބަލި ފެތުރި ރާއްޖޭގެ އެންމެނަށް ބަލި ޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީމައި އެއީ އަބުއި ވާހަކައަކައެއް ކަމަށް ބައެއް މީހުން ތަރުޖަމާ ކުރިއެވެ. އަނެއް ބަޔަކު ބުނީ ރައީސް ނަޝީދަކީ "ބޯހަމަޖެހޭ" ބޭފުޅެއް ނޫން ކަމަށާއި، "އޭނާގެ ސިނކުޑި ހަމަޖެހޭތޯ" ޓެސްޓް ހަދަން ޖެހޭ ކަމަށެވެ.

މިވާހަކަ ދެއްކެވި މީހުންގެ ތެރޭގައި ސިޔާސީ ގޮތުން ފުންނާބު އުސް ފަރާތްތައްވެސް ހިމެނުނެވެ.

ރައީސް ނަޝީދުގެ މިވާހަކަތަކާ ގުޅިގެން ފާޑުކިޔުން އިތުރުވެގެން ދިއުމާއެކު، ރައީސް ނަޝީދު ވިދާޅުވި އެއްޗެއް، ދެން ތަރުޖަމާ ކުރީ ރައީސް ނަޝީދުގެ ހިޔަނި ޓްވިޓާ އެކައުންޓް "އެލެކްސް އަހުމަދު" އިންނެވެ.

އެލެކްސް ބުނެފައިވަނީ "އަޅެ 1 ފަހަރުވެސް ވައިރަސްގެ ކޮޅުން ބަލާބަލަ، އެސޮރު އެއުޅެނީ މަރުނުވެ ފެތުރޭން. އެ ސޮރަށް އެކަން ވަނީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ގޮސްގެން. އެ ސޮރު އެހާ ކުޑަ. އެތައް ގޮތަކުން އެއްތަނުން އަނެއް ތަނަށް ދެވޭ. އެސޮރު ނައްތާލާ ވެކްސިން ލިބެންދެން އެ ސޮރު ގޮވައިގެން އުޅެން ޖެހޭ" ކަމަށެވެ.

އެލެކްސްގެ ތަރުޖަމާ އެހެން އޮތެއް ކަމަކު، މިވަގުތަށް ފެންނަން އޮތް ހަގީގަތަކީ، ކޮރޯނާވައިރަހަށް ފަރުވާއެއް ނެތް ކަމެވެ. ބަލިޖެހޭ އެންމެން މަރުވެސް ނުވާކަމެވެ. މަރުވުމުގެ ފުރުސަތު ބޮޑީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ތަފާތު އެކިއެކި ބަލިތަކުގައި ފަރުވާ ހޯދަމުން ދާ މީހުންވެ. ހަމައެއާއެކު ބައެއް ދިރާސާތައް ބުނާގޮތުގައި ވިޓަމިން ޑީ މަދު މީހުންނަކީވެސް ކޮރޯނާވައިރަސްގެ ނުރައްކާ ބޮޑުވާ ބައެކެވެ. އަދި ނޭވާލުމުގެ ނިޒާމުގެ އެކިއެކި ބަލީގެ މީހުންނަކީވެސް އެ ގްރޫޕުގެ ތެރޭގައި ހިމެނޭ ބައެކެވެ.

އުފެދޭ ސުވާލަކީ، ރާއްޖޭގެ މުޅި އާބާދީއަކީ މަތީގައި ބުނާ ބަލީގެ ކެޓަގަރީތަކަށް ފެތޭ ބައެއްތޯއެވެ. ރާއްޖެއަކީ އިރުގެ އަލި އެންމެ ފުރިހަމައަށް ލިބޭ ގައުމަކަށް ވެފައި އިރުގެ އައްޔަކީ ވިޓަމިން ޑީ ގެ "އެންމެ ބެސްޓް ސޯސް" އެވެ. ނުވަތަ އެއީ ވިޓަމިން ޑީ އެންމެ ގިނައިން ލިއްބައިދޭ ގޮތެވެ. ހަމަ އެހެންމެ އަތޮޅުތެރޭގައި އުޅޭ ގިނަ ރައްޔިތުންނަކީ ފަލަމަޑީގެ ބާވަތްތައް ކައިބޮއެ އުޅޭ ބަޔަކަށް ވެފައި ދުޅަހެޔޮކޮށް ތިބޭ ބައެކެވެ. އެ ދުޅަހެޔޮ ކަމަކީ ހާއްސަ ނިއުމަތެވެ. ހަމަ އެހެންމެ ކޮރޯނާވައިރަކީ އެންމެނަށް ޖެހޭ ބައްޔެއްވެސް ނޫނެވެ. އަދި ބަލި ޖެހޭ މީހުންގެ ތެރެއިން ބޮޑު ޕަސެންޓަކީ ދުޅަހެޔޮކޮށް ބަލީގެ މާ ބޮޑު އުނދަގުލެއް ނެތި އުޅޭ މީހުން ކަމެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަލާމާތްތައް ވިދާޅުވަމުން އެންއޯސީގެ ޑޮކްޓަރުން ވިދާޅުވަނީ، ބޮޑު ޕަސެންޓަކީ އަމުދުން އެއްވެސް އަލާމާތެއް ނުވެސް ހުންނަ މީހުން ކަމަށެވެ. އެއީވެސް ނިއުމަތެއް ކަމުގައި ބަލަމާތޯއެވެ. ބަލީގެ ތަކުލީފެއް ނެތި، ޖެހިފައިވާ ބައްޔަކީ ޝިފާއެއް ކަމުގައި ލައްވާދޭނވެ. އާމީން.

ދެން ފަރުވާއެއް ނެތި އަދި ކޮރޯނާވައިރަހާއެކު އުޅެން ޖެހުނަސް އާބާދީގެ "އެންމެނަށް ބަލި ޖެހޭނެ" ވާހަކަ އަކީ މާ ހިތްގައިމު ވާހަކައެއް ނޫންތާއެވެ. ރައީސް ނަޝީދަކަސް އެހެން ވިދާޅުވީމައި، މައް ދިވެހިންނަށް އެއީ ބޮޑު ކަމެކެވެ. ބަލާމުސީބާތަކަށް މިހާރުވެސް ވެ ދުނިޔެ ހަނގުރާމަ ކުރަމުން ދަނީ ކޮންމެ ދެމީހެއްގެ ދުރުމިނުގައި 3 ފޫޓު ބަހައްޓައިގެން މާސްކާއި އެނޫސްވެސް ރައްކާތެރިކަމުގެ ހެދުމުގައެވެ.

ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ދެމުން ގެންދާ އިރުޝާދާ އެއްގޮތަށް ދިވެހިންވެސް މާސްކު އަޅާ، ގައިދުރުކަން ބަހައްޓައިގެން އުޅޭ އިރުވެސް އެންމެނާ ހަމައަށް ބަލި ފޯރާނެ ކަމަށް ވިދާޅުވީމާ ހާސްކަން އެބަ ބޮޑުވެއެވެ. އެހެންޏާ އެ އަޅާ މާސްކެއްގެ ބޭނުންވެސް ނެތީތާއެވެ. އަނެއްކާ "ގުދު ތިރިކުރަން" މުޅި ރާއްޖެ ލޮކްޑައުން ކޮށްގެން މިއުޅެނީވެސް އެންމެނާ ހަމައަށް ބަލި ފޯރިޔަ ނުދިނުމަށް ތާއެވެ.

މިހެން މި ފިޔަވަޅުތައް އަޅާފައި އޮއްވާ އެންމެނާ ހަމައަށް ބަލި ފޯރާނެ ކަމަށް ވާނަމަ ސަރުކާރަށް އެފުރެވެނީ "ފޫނެއް ފަޔަކަށް ފެން" ތާއެވެ. ނަތީޖާއެއް ނެތް މަސައްކަތެއް ސަރުކާރުން ކުރަނީތާއެވެ.

ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް / ފޮޓޯ: ރައީސް އޮފީސް

އެހެނަސް ސަރުކާރުގެ ބަސް ތަފާތެވެ. ސަރުކާރުން ބުނީ، ސަރުުކާރުން މަސައްކަތް ކުރަނީ ރަށްރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުމުގެ ފުރުސަތު ކުޑަ ކުރުމަށް ކަމަށެވެ. އެހެން ކަމުން ހުރިހާ ރަށަކަށް ބަލި ފެތުރޭނެކަމަށް ބަލައިގެން ފިޔަވަޅު ނާޅާ ނުތިބެވޭނެ ކަމަށެވެ. ފިޔަވަޅުތައް އަޅާ ހަރުދަނާ ކުރާނެ ކަމަށެވެ.

މިވާހަކައަށް އިތުރަށް ބާރު ލިބޭ ގޮތަށް ޑރ. އިބްރާހިމް އަފްޒަލްވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ލޮކްޑައުންކޮށް، މީހުން އެއްތަނުން އަނެއް ތަނަށް ހެލިފެލިވެ އުޅުން މަދުކޮށް ހުއްޓުވާފައި ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ. ނުވަތަ ހިފެހެއްޓުމެއް ނެތި ބަލި ފެތުރިގެން ދިޔަ ނުދިނުމަށް ކަމަށެވެ. އަދި ހަމަ އެހެންމެ، ބަލި ފެތުރުން ކޮންޓްރޯލް ކޮށްފައި އޮތް ނަމަވެސް މަޑުމަޑުން ފެތުރެމުން ފެތުރެމުން ގޮސް އާބާދީގެ ބޮޑު ބަޔަކަށް ބަލި ޖެހުމަކީ ވެދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވެއެވެ. އެ ވިދާޅުވާ ވިދާޅުވުން އެއް ހިސާބަކުން ރައީސް ނަޝީދުގެ ބަސްފުޅާ އެބަ ދިމާވެއެވެ. އެއީ ދެން ދަމުން ދަމުން ގޮސް ގިނަ ބަޔަކާ ހިސާބަށް ބަލި ފޯރުމެވެ. ނަމަވެސް އެކަން އެހެން ވާނީ، ލޮކްޑައުން ދޫކޮށްލައި މީހުން މަސްހުނިވެ އުޅެން ފުރުސަތު ދިނިއްޔާއެވެ.

ދުނިޔެ، މިބައްޔާ ގުޅިގެން ބުނެދެމުން ދަނީ ގައިދުރުކަމާއި ލޮކްޑައުންގައި ތިބޭ ނަމަ، ކާވް ފްލެޓް ކުރެވޭނެ ކަމެވެ. އެކަން "ގުދު ތިރިކުރި" ބައެއް ގަައުމުތައް ކަމުގައިވާ ޓައިވާން، ސައުުތު ކޮރެއާ، ބޫޓާން އަދި ނޭޕާލް ފަދަ ގައުމުތަކުން އެހެރީ ސާފުކޮށް ފެންނާށެވެ. ދަމަކުން ބަޑިއެއް ޖަހާހެން ކޭސް އެއް ފެނުނަސް އެ ގައުމުތަކުން ނަޖީތާ ނެރެފިއެވެ.

ރާއްޖޭގައި މުޅި އާބާދީއަށް މި ބަލި ޖެހެންޏާ ޖެހޭނީ، އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްލައިފައި ބާއްވައިގެންނެވެ. މިހާރުވެސް ސަރުކާރުން ފިޔަވަޅުތައް އަޅަމުން ދާ ގޮތަށް ކުރިއަށް ދާނަމަ ނުަވަތަ އަޅާފައިވާ ފިޔަވަޅުތައް، ގިޔަރު މައްޗަށް ޖައްސާ ހަރުދަނާ ކޮށްލައިފިނަމަ، އަންދާޒާތަކާ ގާތަށްވެސް "ކާވް" ނާރަނީސް "ފްލެޓް" ކޮށްލެވޭނެއެވެ. ރާއްޖޭގެ މުޅި އާބާދީއާ ހިސާބަށް ބައްޔެއް ނުފޯރާނެއެވެ.