ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ތެރޭގައި ދެ ކުޑަ ކުއްޖަކު ވެސް ހިމެނިއްޖެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ރަނގަޅުވި ދެ ކުދިންނަކީ އިއްޔެ މިބަލިން ރަނގަޅުވި 8 މީހުންގެ ތެރޭގައި ހިމެނޭ ދެ ކުދިންނެވެ. ރަނގަޅުވި ދެ ކުދިންގެ އުމުރަކީ ދެ އަހަރާއި 8 އަހަރެވެ. އެއީ ކޭސް ނަންބަރު 33 އަދި 82 އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވި މީހުންގެ ތެރެއިން ރަނގަޅުވި 8 މީހުންނަކީ ހުސް ދިވެހިން ކަމަށެވެ.

އެހެންކަމުން މިހާތަނަށް ރާއްޖެއިން މިބަލިން 26 ދިވެހީންނާއި 14 ބިދޭސީންނާ އެކު ޖުމްލަ 40 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅު ވެފައެވެ.

މި ބަލިން 40 މީހަކު މިހާތަނަށް ރަނގަޅުވި އިރު މިއަދުވެސް 13 މީހަކަށް ރާއްޖެއިން ވަނީ ކޮވިޑް ޖެހިފައެވެ. އެއާ އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 968 އަށް ވަނީ އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.